Advertisement

މެންބަރު އިސްމާއިލްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ ހަމަ އެ ކޯޓުން ކުރިން ސާބިތުނުވާ ކަމަށް ނިންމި މައްސަލައެއް

12 މާރިޗު 2024 - 15:23 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު: މީހެއްގެ އަތުން ނެގި އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި - ފޮޓޯ: މަޖިލިސް


މެންބަރު އިސްމާއިލްގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅީ ހަމަ އެ ކޯޓުން ކުރިން ސާބިތުނުވާ ކަމަށް ނިންމި މައްސަލައެއް

12 މާރިޗު 2024 - 15:23 1

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދުގެ ކުންފުންޏަކުން ހަވާލުވި އުމްރާނީ މަސައްކަތެއް ސަބް ކޮންޓްރެކްޓް ކުރި މީހަކަށް ދައްކަން ޖެހޭ ކަމަށް ބުނާ އަށް ލައްކަ ރުފިޔާގެ ދައުވާ އަކީ ކުރިން ވެސް ސާބިތުނުވާ ދައުވާއެއް ކަމަށް ވާތީ ފައިސާ ދައްކަން ކުރި ހުކުމް ބާތިލްކޮށްދިނުމަށް އެދިވަޑައިގެން އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅުއްވައިފި އެވެ.

މި ފަހުން ސިވިލް ކޯޓުން އެ ފައިސާ ދެއްކުމަށް ހުކުމެއް ކުރީ މިދިޔަ ފެބްރުއަރީ 29، ގަ އެވެ. މެންބަރު އިސްމާއީލްގެ ޣައިރު ހާޒިރުގައި ކުރި ހުކުމުގައިވަނީ މޫސަ ހަލީލް ނަމަކަށް ކިޔާ މީހަކަށް 856،830 ރުފިޔާ، ހުކުމް ކުރިތާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ.

މިއަދަށް ގާތްގަނޑަކަށް 12 ދުވަސް ވެފައިވާއިރު، މެންބަރު އިސްމާއީލްގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައަކީ މީގެ ފަސް އަހަރު ކުރިން ވެސް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކަށް ވެފައި، އޭނާ ހުށަހެޅި ލިޔެކިޔުންތަކުން އެ މައްސަލަ އޭރު ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ބަޔާނުގައި އެ ހުކުމް ގަޒިއްޔާ ނަންބަރު ވެސް އޭނާ ހިއްސާ ކުރައްވާފައިވެ އެވެ. އެއީ 2020 ވަނަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލައެކެވެ. މޫސާ ހަލީލަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް މިހާރު ދައްކައި ނިމިފައިވާ ކަން އެ ހުކުމުން އެނގޭނެ ކަމަށް މެންބަރު އިސްމާއީލްގެ ބަޔާނުގައިވެ އެވެ.

އެހެންކަމުން އެއް މައްސަލައެއްގައި، އެއް ކޯޓަކުން ދެ ގޮތަކަށް ނިންމުން ބަލައިނުގަނެވޭތީ މި ފަހުން ކުރި ހުކުމް ބާތިލްކޮށްދިނުމަށް އެދި މިއަދު ހުށަހަޅާފައިވާ ކަމަށް މެންބަރު އިސްމާއީލްގެ ބަޔާނުގައިވެ އެވެ.

މިއީ 2018 ވަނަ އަހަރު، އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގެ ދަށުން މެންބަރު އިސްމާއީލް އަހުމަދަށް ހަވާލުކުރި މަސައްކަތަކީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސް ރޫމުގެ މަސައްކަތެވެ. މޫސާ ހަލީލަކީ، އެ މަސައްކަތް ސަބް ކޮންޓްރެކްޓްކުރި ފަރާތެކެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މޫސާ ހަލީލް އެވެ. ހުށަހެޅި މައްސަލާގައި ބުނާ ގޮތުން މޫސާ ހަލީލް އަމިއްލަ ތަކެތީގައި ކޮށްފައިވާ މަސައްކަތާއި އެ ތަކެތީގެ އަގު 1،281،830ރ. އަރަ އެވެ. އެއިން މެންބަރު އިސްމާއީލް އަދި ދައްކަވާފައިވަނީ 425،000ރ. ކަމަށް މައްސަލާގައިވެ އެވެ. 856،830ރ. އަކީ މިހާރު ނުދައްކައި ބާކީ އޮތް ވަރު ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައިވެ އެވެ.