Advertisement

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު، އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ދައްކަން ހުކުމްކޮށްފި

12 މާރިޗު 2024 - 12:51 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު: މީހެއްގެ އަތުން ނެގި އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި - ފޮޓޯ: މަޖިލިސް


ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު، އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ދައްކަން ހުކުމްކޮށްފި

12 މާރިޗު 2024 - 12:51 0

ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދުގެ ކުންފުންޏަކުން ހަވާލުވި އުމްރާނީ މަސައްކަތެއް ސަބް ކޮންޓްރެކްޓް ކުރި މީހަކަށް ދައްކަން ޖެހޭ އަށް ލައްކަ ރުފިޔާގެ ދަރަންޏެއް ނުދައްކާ އޮތް ކަމަށް ކަނޑައަޅައި، އެ ފައިސާ ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގެ ދަށުން މެންބަރު އިސްމާއީލް އަހުމަދަށް ހަވާލުކުރި މަސައްކަތަކީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސް ރޫމުގެ މަސައްކަތެވެ. އެ މަސައްކަތް ސަބް ކޮންޓްރެކްޓްކުރީ، ހ. ވަލަންޖު، މޫސާ ހަލީލް ކިޔާ މީހަކަށެވެ. އެއީ މީގެ ހަ އަހަރު ކުރިން، 2018، ގަ އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ މޫސާ ހަލީލް އެވެ. ހުށަހެޅި މައްސަލާގައި ބުނާ ގޮތުން މޫސާ ހަލީލް އަމިއްލަ ތަކެތީގައި ކޮށްފައިވާ މަސައްކަތާއި އެ ތަކެތީގެ އަގު 1،281،830 ރ. އަރަ އެވެ. އެއިން މެންބަރު އިސްމާއީލް އަދި ދައްކަވާފައިވަނީ 425،000ރ. ކަމަށް މައްސަލާގައިވެ އެވެ.

ކޯޓުގައި އެދިފައިވަނީ ބާކީ 856،830ރ. ދެއްކުމަށް މެންބަރު އިސްމާއީލްގެ މައްޗަށް ކޯޓުން ހުކުމްކޮށްދިނުމަށެވެ.

މި މައްސަލާގައި ދައުވާ ރައްދުވާ މެންބަރު އިސްމާއީލަށް ކަމާ ގުޅުން ހުރި ލިޔެކިޔުންތަކާއި މައްސަލައިގެ ޗިޓު އޭނާއަށް ރައްދު ކުރި ނަމަވެސް ދައުވާއިން ދިފާއު ވުމަށް ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އެ ކަމަށް ހުށަހަޅާފައެއް ނުވެ އެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނު ބުނާ ގޮތުން، ދިފާއުވުމަށް އޮންނަ 14 ދުވަހުގެ ތެރޭގައި އެކަމަށް ހުށަނާޅައި އަޑުއެހުމަށް ހާޒިރުނުވާނަމަ "ޣައިރު ހާޒިރުގައި" ކުރެވޭ ހުކުމެއް ގޮތަށް މައްސަލަ ހުށަހެޅި ފަރާތާ އެއްކޮޅަށް ހުކުމް ކުރަން ޖެހޭނެ އެވެ.

ހުކުމްކުރި ތާރީހުން ފެށިގެން 15 ދުވަހުގެ ތެރޭގައި 856،830 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މީގެ ދެ ހަފުތާ ކުރިން ކުރި ހުކުމުގައިވެ އެވެ. ޣައިރު ހާޒިރުގައި ކުރި ހުކުމަކަށް ވާތީ ހުކުމް މުރާޖައާ ކުރުމަށް އެދި ހުށަހަޅަން އަދި ފުރުސަތެއް ލިބޭނެ އެވެ.