Advertisement

އެހެން މީހުން ހަދަނީ ހުސް ދޮގު، އަޅުގަނޑުމެން ސާފު ބަހުން ދައްކަނީ ތެދު ވާހަކަ: ރައީސް

10 މާރިޗު 2024 - 11:20 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް މިއަދުގެ ކެބިނެޓު ބައްދަލުވުމުގައި: ކެމްޕެއިން ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދުތައް އޮޅުވާލާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ -- ފޮޓޯ: ރައީސް އޮފީސް


އެހެން މީހުން ހަދަނީ ހުސް ދޮގު، އަޅުގަނޑުމެން ސާފު ބަހުން ދައްކަނީ ތެދު ވާހަކަ: ރައީސް

10 މާރިޗު 2024 - 11:20 2

އެހެން މީހުން ހަދަނީ ހުސް ދޮގު ކަމަށާއި ނަމަވެސް އެމަނިކުފާނާއި ސަރުކާރުގެ ވެރިން ސާފު ބަހުން ދައްކަނީ ތެދު ވާހަކަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

ޅ. ކުރެންދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނާއި ސަރުކާރުގެ ވެރިން "ތެދު ބަހުން" ވާހަކަ ދެއްކެވި ނަމަވެސް އެހެން މީހުން އޭގެ ޖަވާބުގައި ހަދަނީ "ހުސް ދޮގު" ކަމަށެވެ.

"މި ފެންނަނީ ވަރަށް ބޮޑަށް ހަގީގަތް އޮޅުވާލަން ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ތަން. ކަންކަން ސާފުކޮށްދެވެން އެބަޖެހޭ. ރައްޔިތުންނަށް އެނގެން އެބަޖެހޭ ހަގީގަތް. އަޅުގަނޑުގެ ކިބައިން، އަޅުގަނޑުމެންގެ ސަރުކާރުގެ ކިބައިން، އަޅުގަނޑުމެންގެ މިނިސްޓަރުން، އެމްޑީން، އަޅުގަނޑުމެންގެ އެމްޕީން. މި ހުރިހާ ބޭފުޅުންގެ ކިބައިން ފެނިވަޑައިގަންނަވާނީ، ސާފުބަހުން، ތެދުބަހުން ވާހަކަ ދައްކާ ތަން. އޭގެ ޖަވާބުގައި، އެހެން ފަރާތްތަކުން ހަދަނީ ހުސްދޮގު. ތެދެއް ނެތް، ދޮގުތައް ހަދަމުންދަނީ،" ރައީސް ވިދާޅުވި އެވެ.

ބައެއް މީހުން ދޮގު ހަދާ ވާހަކަ ރައީސް ދެއްކެވީ، އެސްޓީއޯގެ ރީޖަނަލް މެނޭޖަރެއް ޑީމޯޓް ކުރީ އެމަނިކުފާނަށް ފާޑުކިޔައިގެން ނޫން ކަމަށް ވިދާޅުވުމަށްފަހެވެ. ރައީސް އެހެން ވިދާޅުވި ނަމަވެސް ގއ. އަތޮޅުގެ ރީޖަނަލް ފާމަސީތަކުގެ މެނޭޖަރަކަށް ހުރި އަހުމަދު ޝިޔާޒް ނައީމަށް އެ ކުންފުނިން ފޮނުވި ސިޓީގައި ބުނެފައި އޮތީ އޭނާ ޑީމޯޓް ކުރަން ނިންމީ "ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރުގެ އިސް ފަރާތްތަކަށް" ނިސްބަތްވާ ގޮތަށް ސޯޝަލް މީޑިއާގައި ލިޔުނު ޕޯސްޓުތަކަކާ ގުޅިގެން ކަމަށެވެ.

ކުރެންދޫގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވަނީ ތެދު ބަހުން ދައްކާ ވާހަކަ ރައްޔިތުން ހިޔާރު ކުރަން ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ، ރައްޔިތުން ވިސްނާވަޑައިގެން، ސާފުބަހުން، ތެދު ބަހުން ދައްކާ ވާހަކަ ހިޔާރު ކުރައްވާށޭ. އެއީ، އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުމެންގެ ސަރުކާރުން ވެސް ބޭނުންވަނީ، ސާފު ބަހުން، ސީދާ ބަހުން، ތެދުބަހުން ވާހަކަ ދައްކައިގެން، ރައްޔިތުންނަށް ކަންތައްތައް ކޮށްދޭން،" އެމަނިކުފާނު ވިދާޅުވި އެވެ.

ބައެއް މީހުން ދޮގު ހަދާ ކަމަށް ރައީސް މުއިއްޒު ތުހުމަތު ކުރެއްވި އިރު، ސަރުކާރާއި ރައީސް ދޮގު ހަދަމުންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން، ކެމްޕެއިން ތެރޭގައި ރައީސް ވެވަޑައިގެންނެވި ގިނަ ވައުދުތައް މިހާރު އޮޅުވާލާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

"އޭރު ވެސް ހެދީ ދޮގު، މިހާރު ވެސް ހަދަމުން ދަނީ ދޮގު، އަޅުގަނޑަށް ޔަގީން ފުރުސަތު ދިން ވަރަކަށް، ފުރުސަތު ދިން ވަރަކަށް ދާނީ އަނެއްކާވެސް އިތުރަށް ދޮގު ހަދަމުން، ދޮގު ހަދަމުން ހަދަމުން ގޮސް އެންމެފަހުން ކައިރީގައި ތިއްބެވި ބޭފުޅުން ލައްވައި ވެސް ދޮގު ހަދަމުން އެދަނީ، އަޅުގަނޑުމެން ޖެހޭ އެބަ މިކަން ހަމަ މަގަށް އަޅުވަން،" އެމްޑީޕީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ވި ވައުދާއި ގޯއްޗާއި ފްލެޓުތައް ދޫކުރުމަށްވި ވައުދާއި އިންޑިއާ ސިފައިން ފޮނުވާލުމަށްވި ވައުދު ވެސް އޮޅުވާލާފައިވާ ކަމަށް އިދިކޮޅުން ބުނެ އެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެ އެވެ.