9 މާރިޗު 2024 - 21:32 0
ލީވާން އަލީ ނާސިރު
ކުރީގެ ރައީސް ސޯލިހު (ކ) އަދި ފުނަދޫ ދާއިރާއަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިލްހާމު އަހުމަދު (ވ) -- ފޮޓޯ: އެމްޑީޕީ
9 މާރިޗު 2024 - 21:32 0
ފުނަދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިލްހާމު އަހުމަދު ވެގެންދާނީ އެ ދާއިރާއަށް މިހާތަނަށް ލިބޭނެ އެންމެ ރަނގަޅު މެމްބަރަށް ކަމަށާއި، އޭނާއަށް ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ށ. މާއުނގޫދޫގައި އޮތް އިލްހާމުގެ ކެމްޕޭނު ޖަލްސާގައި ސޯލިހު ވިދާޅުވީ އިލްހާމަކީ މަޖިލީހުގައި 10 އަހަރުގެ ތަޖުރިބާ ހުންނެވި ބޭފުޅެއް ކަމަށާއި، މިފަހުގެ ސިޔާސީ ހަޔާތުގައި ފުންނާބު އުސްކޮށް އޭނާ މަސައްކަތް ކުރައްވާފައި ކަމަށެވެ.
އެގޮތުން 2013 އިން 2018 އަށް އޮތް ވެރިކަމުގައި އޮތް އަނިޔާވެރިކަމާއި ބިރުވެރިކަން ބަދަލު ކުރުމަށް އިލްހާމު އިސް ސަފުގައި މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާ ސޯލިހު ވިދާޅުވީ އޭރު އޮތް ސަރުކާރު ހަމަ މަގަށް އަޅުވައި ޖަވާބުދާރީ ކުރުމަށް ކުރި މަސައްކަތުގައި އިލްހާމު ގިނަ ދުވަހު ޖަލުގައި ވެސް އޮންނެވި ކަމަށެވެ.
"އަޅުގަނޑާ ބައްދަލުވި ޖަލުން. އަޅުގަނޑާ ޖެހިގެން އެއް ގޮޅީގައި އިލްހާމް އޮންނެވި. އޭރު އެތަނުގައި ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެންމެ ހިތްވަރު ދެއްވި އެއް ބޭފުޅަކީ އިލްހާމު. ހެނދުނުގެ އިރު އަރަނީ އިލްހާމުގެ ގުޑު މޯނިން މެސެޖުން. ހެނދުނުން ފެށިގެން އިލްހާމް އަޅުގަނޑުމެން އެންމެންނަށް ހިތްވަރު ދެއްވަމުން ގެންދެވި. ކުރީގެ ހިތްވަރު އަދިވެސް ހުންނާނެ،" ސޯލިހު ވިދާޅުވި އެވެ.
އިލްހާމު ވެސް އިސް ސަފުގައި ހުންނަވައި ދޫ ނުދީ އޭރު ކުރެއްވި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ އެ ސަރުކާރު ބަދަލުވުން ކަމަށާއި، އެކަމަށްޓަކައި އިލްހާމަށް ޝުކުރު އަދާކުރައްވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.
ށ.މާއުނގޫދޫގައި ބޭއްވި އިލްހާމުގެ ކެމްޕޭނު ޖަލްސާގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
ސޯލިހު ވިދާޅުވީ މިހާރު އޮތް ސަރުކާރުން ވެސް ފެންނަނީ އަނިޔާވެރިކަމާއި ދޮގު ހެދުމުގެ އިތުރުން އޮޅުވާލުން ކަމަށާއި، ފުރުސަތު ދީފިނަމަ ފެނިގެންދާނީ ކުރީގެ އަނިޔާވެރިކަމަށް ވުރެ މާ އަނިޔާވެރި ދުވަސްތަކެއް ކަމަށެވެ.
މި ޖަލްސާގައި ސޯލިހު ވަނީ މިސްރާބު ހަމަ މަގަށް އެޅުވުމަށް ފުނަދޫ ދާއިރާއަށް އިލްހާމު ހޮވުމަށް ދާއިރާގެ ރައްޔިތުން ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އިލްހާމު ހޮވައިފިނަމަ ދާއިރާއަށް ކުރަން ޖެހުނު ކޮންމެ ކަމެއް ޖެހިލުމެއް ނެތި ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.
Comment