Advertisement

ގިރާވަރު ފަޅު ހިއްކަން ފެށީ ގިރާވަރު ރިސޯޓުގެ ވެރިންނަށް ބަދަލުގައި ތިން ފަޅު ދީގެން

10 މާރިޗު 2024 - 09:09 3

އަމަން ހަލީމް

އަމަން ހަލީމް

ގިރާވަރު ފަޅުގެ ބަދަލުގައި ދިން ފަޅުތައް: މި ހުރިހާ ފަޅެއް ވެސް ހުރީ އިންވެސްޓަރުންގެ ޑިމާންޑު ބޮޑު މާލެ އާއި އަރި އަތޮޅުން -- ފޮޓޯތައް: ގޫގުލް އާތު


ގިރާވަރު ފަޅު ހިއްކަން ފެށީ ގިރާވަރު ރިސޯޓުގެ ވެރިންނަށް ބަދަލުގައި ތިން ފަޅު ދީގެން

10 މާރިޗު 2024 - 09:09 3

ކުރީ ސަރުކާރުން މާލޭ ރަށްވެހިންނަށް ގޯތި ދިނުމުގެ މަގުސަދުގައި ހިއްކަން ފެށި ގިރާވަރު ފަޅަކީ ކުރިން ބަޔަކަށް ދޫކޮށްފައި އޮތް ފަޅެއް ކަމާއި މި ފަޅުގެ ބަދަލުގައި ތިން ފަޅު ދޫކުރިކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ގިރާވަރު ފަޅުގެ ބަދަލުގައި ތިން ފަޅު ދޫކުރިކަން އެނގުނުއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2022 ގައި ރިޔާސީ ބަޔާން އިއްވަވަމުން މި މަޝްރޫއު އިއުލާންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ސަރުކާރުން އެއްވެސް އިރެއްގައި މި ފަޅަކީ ބަޔަކަށް ދޫކޮށްފައި އޮތް ފަޅެއްކަން ނޫނީ އެއްވެސް ބައެއްގެ ހައްގެއް އޮތް ފަޅެއް ކަމެއް ވެސް ނުބުނެ އެވެ.

ސަރުކާރުގެ އެކި މަސްދަރުތަކުން އާންމުކޮށް ފެންނަން ހުރި މައުލޫމާތުތައް ދިރާސާކޮށްގެން "އަދަދު" އަށް ހޯދުނު ގޮތުގައި ގިރާވަރު ފަޅު ކުއްޔަށް ދޫކޮށްފައި އޮތީ މ. ސްނޯރޯސް މަރުހޫމް އަބްދުލް ރައުފް (ގިރާވަރު ރައުފް) އަށެވެ. ނަމަވެސް އޭނާއަށް މި ފަޅު ދޫކުރީ ކޮން އިރެއްގައި ކަމެއް ނޭނގުނެވެ. އޭނާ ނިޔާވީ ފަހުން ފަޅުގެ ހައްގުތައް ވަނީ އޭނާގެ ގާނޫނީ ވާރިސުންގެ މައްޗަށް ބަދަލުކޮށްފަ އެވެ.

ބެލެވޭ ގޮތުގައި ގިރާވަރު ފަޅުގެ ހައްގުތައް ރައޫފްއަށް ދިނީ ކ. ގިރާވަރުގެ އެެއްބަސްވުމުގެ ދަށުުންނެވެ. މިކަމަށް ބާރުދޭ އެއް ލިޔުމަކީ ޖުލައި 24، 2014 ގައި ޓޫރިޒަމް މިނިސްޓްރީން ރައޫފްއަށް ފޮނުވާފައިވާ ސިޓީއެކެވެ. އެ ސިޓީގައި، ގިރާވަރުގެ އިމުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ ރީޑިވެލޮޕްމަންޓަށް "ކޮންޑިޝަނަލް އެޕްރޫވަލް" ނުވަތަ ވަގުތީ ހުއްދައެއް ދޫކޮށްފައިވެ އެވެ.

އާންމު އުސޫލުގެ ދަށުން ޓޫރިޒަމްގެ ބޭނުމަށް ރަށެއް ނެގިޔަސް މުޅި ފަޅުގެ ހައްގުތައް ނުލިބެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އަމަލުކުރަމުން އަންނަ "ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ގަވާއިދު" ގައި އޮންނަ ގޮތުން ނަމަ، ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްރަށުގެ އިމަކީ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހައަމަށް 500 މީޓަރަށް ވުރެ ބޮޑު ފަޅުގެ ސަރަޙައްދެއް އޮތް ނަމަ، އެ ރަށުގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން 500 މީޓަރާ ހަމައަށް އޮންނަ ފަޅުގެ ސަރަހައްދެވެ.

ރިސޯޓަކަށް ލިބިފައިވާ އިމުގެ ސަރަހައްދު 1000 މީޓަރަށް ބޮޑު ކުރާނަމަ އެއް ލައްކަ ޑޮލަރު ދައްކަން ޖެހެ އެވެ. ފަޅުގެ ބޭރުކައިރިއާ ހަމައަށް 500 މީޓަރު ނުހުންނަ ތަންތަނުގެ ފަޅުގެ ސަރަހައްދަކީ، އެ ރަށެއްގެ މެދު ދިޔައިގައި ހިކިފަސް ހުންނަ ހިސާބުން ފެށިގެން ފަރުގެ ބޭރުކައިރިއާ ހަމައަށް އޮންނަ ސަރަހައްދެވެ.

މިހެން ނަމަވެސް އެގްރީމަންޓުގައި ނުވަތަ އެގްރީމަންޓަށް ގެނެވޭ ބަދަލަކުން ރިސޯޓުގެ އިމުގެ ސަރަހައްދު ކަނޑައެޅުމުގެ ޓޫރިޒަމް މިނިސްޓްރީއަށް ބާރު ލިބެ އެވެ. މި މުއާމަލާތް ހިންގި ދުވަސްވަރަކީ، ކުރިން ފާހަގަކުރި ސިޓީގައިވާ ގޮތުން ނަމަ، ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރި އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރެވެ.

ޓޫރިޒަމް މިނިސްޓްރީން 2022 ގައި ބަދަލުކުރި ރަށްތަކާއި ފަޅުތަކުގެ ލިސްޓު


އެއްވެސް ހާމަކަަމެއް ނެތި ގިރާވަރު ފަޅާ ގުޅޭ މުއާމަލާތްތައް ކުރީ ސަރުކާރުންނާއި އޭގެ ކުރީ ސަރުކާރުން ހިންގާފައިވާއިރު، ގިރާވަރު ފަޅުގެ ހައްގުތައް ރައޫފްގެ ވާރިސުންނަށް އޮތް ކަމާއި އެ ފަޅުގެ ބަދަލުގައި މާލެ އަތޮޅުން ދެ ފަޅާއި އަރިއަތޮޅުން ފަޅެއް ދޫކުރި ކަން އެނގެނީ ޓޫރިޒަމް މިނިސްޓްރީގެ 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ. އެ ރިޕޯޓުގައި ވަނީ "ގިރާވަރު ބައުންޑަރީ"ގެ ބަދަލުގައި ތިން ފަޅު ދީފައިވާ ކަމަށެވެ.

ގިރާވަރު ފަޅުގެ ބަދަލުގައި ދީފައިވާ ފަޅުތައް (ޑެސިމަލް ޑިގްރީސްއިން)

ގިރާވަރު ފަޅުގެ ބަދަލުގައި ދިން ފަޅުތަކުގެ ތެރެއިން އުތުރު މާލެ އަތޮޅުގައި އޮތް ފަޅާއި އަރިއަތޮޅު ފުށި ފަރު އެއްބަސްވުމުގައި ސޮއިކުރީ ސެޕްޓެމްބަރު 22، 2022 ގަ އެވެ. ދެކުނު މާލެ އަތޮޅުގައި އޮތް ފަޅުގެ އެއްބަސްވުމުގައި ސޮއިކުރީ ޑިސެމްބަރު 20، 2022 ގަ އެވެ. މި ފަޅު ލިބުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް ރައޫފްގެ ވާރިސުން ވަނީ ކޫލް ޝޭޑްސް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށް މި ފަޅު ވިއްކާލައިފަ އެވެ.

ގިރާވަރު ފަޅަކީ މާލެއާ ކައިރީގައި، ޓޫރިޒަމްގެ "ޕްރީމިއަމް ޒޯން" ނުވަތަ އިންވެސްޓަރުންގެ ޑިމާންޑު އެންމެ ބޮޑު ސަރަހައްދުގައި އޮތް 278 ހެކްޓަރުގެ ފަޅެކެވެ. މި ފަޅުގެ ބަދަލުގައި ދޫކުރި ހުރިހާ ފަޅަކީ ވެސް ޕްރީމިއަމް ޒޯނުގައި ހުރި ފަޅުތަކެވެ. ބަދަލުގައި ދިން ފަޅުތަކުގެ ސަރަހައްދު އެއްކޮށްލުމުން 407 ހެކްޓަރަށް ވުރެ ބޮޑެވެ.

ގިރާވަރު ފަޅުގައި އިތުރު ދެ ރިސޯޓު ތަރައްގީކުރަން ހުށަހެޅި ކޮންސެޕްޓު -- މަސްދަރު: އީއައިއޭ ރިޕޯޓު


ގިރާވަރު ފަޅުގައި ރިސޯޓު ހަދަން ހެދީ އީއައިއޭއެއް އެކަނި

ގިރާވަރު ފަޅުގެ ބަދަލުގައި ތިން ފަަޅު ދިން އިރު، އެތަނުގައި ރިސޯޓެއް ތަރައްގީކުރަން ކުރި މަސައްކަތެއް ފެންނާކަށް ނެތެވެ. ފެންނަން އޮތީ އެ މަސައްކަތް ފަށަން ވެގެން ޓީބީއައި މޯލްޑިވްސް ކިޔާ ކުންފުންޏަކުން 2020 ގައި ހަދާފައިވާ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ރިޕޯޓެކެވެ.

ޓީބީއައި މޯލްޑިވްސްއަކީ ރައޫފްގެ ދެ ވާރިސުން ހިއްސާވާ ކުންފުންޏެކެވެ. ޓީބީއައިއިން ހެދި އީއައިއޭގައި ހުށަހެޅީ ގިރާވަރު ފަޅު ތެރޭގައި 8.3 ހެކްޓަރުގެ ރަށަކާއި 8.7 ހެކްޓަރުގެ ރަަށެއް ހިއްކާށެވެ. މި ދެ ރަށުން ކޮންމެ ރަށެއްގައި 120 މޫދު ކޮޓަރި ހިމެނޭހެން 160 ކޮޓަރި ތަރައްގީކުރާނެ ކަމަށް އެ ކުންފުނިން އީއައިއޭގައި ބަޔާންކޮށްފައިވެ އެވެ.

މި އީއައިއޭއަށް އީޕީއޭއިން ހުއްދަ ދިން ނަމަވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުގެ ބޭނުމަށް ގިރާވަރު ފަޅު ހިއްކަން ހަވާލުކުރި ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އިން މިތަން ހިއްކަން ފެށުމާ ހަމައަށް، ޓީބީއައިއިން މިތަނުގައި ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ނުވާ ކަން ސެޓެލައިޓް ފޮޓޯތަކުން އެނގެ އެވެ. މިކަން ކަށަވަރުކުރަން މި ނޫހުން ވާނީ 2021 އާއި 2022 ގައި ގިރާވަރު ފަޅު ފެންނަން ހުރި ގިނަ ސެޓެލައިޓް ފޮޓޯތައް ބަލާފަ އެވެ.

ނޮވެމްބަރު 24، 2022 ގައި ގިރާވަރު ފަޅު މަތިން ނަގާފައިވާ ސެޓެލައިޓް ފޮޓޮއެއް: އެހާތަނަށް ރިސޯޓު މަޝްރޫއަށް ބޭނުންވާ ބިން ހިއްކަން ނުފަށާ -- ފޮޓޯ: މެކްސާ ޓެކްނޮލޮޖީސް


ގިރާވަރު ފަޅު ސަރުކާރަށް ނަގަން ތިން ފަޅު ދިން އިރު، މިތަން ހިއްކަން ކްރޮސް ސަބްސިޑީ އުސޫލުން ބޮޑު ފަޅަކާއި ރަށެއް ދޫކުރި މައްސަލައިގައި ވެސް އޭރުގެ ސަރުކާރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. ގިރާވަރު ފަޅު ހިއްކަން ފައިސާ ދިން ފަރާތަށް ބަދަލުގައި ދިނީ ނ. ދެކެނަންފަރާއި ނ. ދިގުފަރު ފަޅެވެ.

މީގެ އިތުރުން ވެސް ފަޅަކާއި ރަށެއް ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫއަށް ހަރަދުކުރަން ފައިސާ ދިން ބަޔަކަށް ދޫކޮށްފައިވެ އެވެ. އެއީ އަމަން ރިސޯޓްސްއާ ގުޅުން އޮންނަ ކުންފުންޏަށް ދޫކުރި ވ. ފޮއްތެޔޮ ފަޅާއި ރ. ފެންފުއްޓެވެ.