Advertisement

ޑްރޯންތަކުގެ މަސައްކަތަށް މާފަރު އެއާޕޯޓުގެ ހޭންގަރު އެމްއެންޑީއެފް އަށް ދެނީ

9 މާރިޗު 2024 - 12:18 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާފަރު އެއާޕޯޓު އަދި ހޭންގަރު: ޑްރޯންތަކުގެ މަސައްކަތަށް މާފަރު އެއާޕޯޓުގެ ހޭންގަރު އެމްއެންޑީއެފް އަށް ދެނީ - ފޮޓޯ: މާފަރު އެއާޕޯޓު


ޑްރޯންތަކުގެ މަސައްކަތަށް މާފަރު އެއާޕޯޓުގެ ހޭންގަރު އެމްއެންޑީއެފް އަށް ދެނީ

9 މާރިޗު 2024 - 12:18 0

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ތުރުކީއިން ގެނައި ޑްރޯންތަކުގެ މަސައްކަތްތަކަށް ނ. މާފަރު އެއާޕޯޓުގައި ހުންނަ ހޭންގަރު އެމްއެންޑީއެފާ ހަވާލުކުރުމުގެ މަސައްކަތް ކުރަން ފަށައިފި އެވެ.

ރާއްޖެއަށް ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯންތަކެއް ގެނައީ ތުރުކީ ކުންފުންޏަކާއެކު ހެދި 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ އެއްވެސް ތަފުސީލެއް މިހާތަނަށް ސަރުކާރުން އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް މި މަހުގެ ތިނެއްގައި ގެނައި ޑްރޯންތައް މިހާރު ހުރީ މާފަރު އެއާޕޯޓުގައިކަން ވަނީ ކަށަވަރުވެފަ އެވެ.

ޑްރޯން އޮޕަރޭޝަންގެ މަސައްކަތުގެ ތަފުސީލު އެނގޭ އިތުބާރުހުރި މަސްދަރަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ އެ ހޭންގަރު އެމްއެންޑީއެފުގެ ބޭނުމަށް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމަށް އެއްބަސްވުމެއްގައި ސަރުކާރާއެކު އެމްއެންޑީއެފުން ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ބުންޏެވެ.

ޑްރޯންތަކުގެ މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އޮފިޝަލު ބުނި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އަންނަ ހަފުތާގެ ތެރޭގައި މި ޑްރޯންތަކުގެ އޮޕަރޭޝަން ފެށުމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމްއެންޑީއެފަށް މާފަރުގައި ހުންނަ ހޭންގަރު ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން މިހާރު ދަނީ ތައްޔާރުވަމުންނެވެ. މާފަރު އެއާޕޯޓުގެ ހިންގުން ސަރުކާރުން ހަވާލުކޮށްފައި އޮންނަނީ އައިލެންޑް އޭވިއޭޝަން ކުންފުންޏާ އެވެ.

ނަމަވެސް، އެ ކުންފުނިން އަދި ކުންފުންޏަށް އެއާޕޯޓު ހިންގުން ހަވާލުކުރި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް މިހާތަނަށް މިކަމުގައި ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.

ޑިފެންސް މިނިސްޓްރީން ބުދަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގެ ތެރެއިން މިފަދަ ޑްރޯންތައް އޮޕަރޭޓުކުރުމުގެ ގާބިލުކަން ރާއްޖޭގެ އަސްކަރިއްޔާގައި ހުރިތޯ "އަދަދު" ސުވާލުކުރުމުން، އެ މިނިސްޓްރީގެ އޮފިޝަލު ސީދާ ޖަވާބެއް ނުދެއްވަ އެވެ. ނަމަވެސް އަސްކަރިއްޔާގެ ގާބިލުކަން ވަރުގަދަ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

އެކި ގޮތްގޮތުން މަތިންދާ ބޯޓު ޓްރެކް ކޮށް ސޯޝަލް މީޑިއާގައި އެ މައުލޫމާތު ހިއްސާ ކުރާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ޑްރޯންތައް ހިފައިގެން ރާއްޖެ އައިސްފައިވަނީ ކިރްގިސްތާނުގެ "ފްލައި ސްކައި އެއާލައިންސް" ގެ އުޅަނދެކެވެ. އެ އުޅަނދު ތުރުކީގެ ތެކިރްދާއިން ފުރައިގެން މާފަރަށް ދަތުރުކޮށްފައިވާކަން ފްލައިޓް ރާޑަރު ގެ ވެބްސައިޓުން ދައްކަ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓުތައް ބުނާ ގޮތުން ރާއްޖެއިން ގެނެސްފައިވަނީ ބައިކާރުގެ ޓީބީ-2 ޑްރޯންތަކަކާއި އެ ޑްރޯންތަކަށް ބޭނުންވާ ވަސީލަތްތަކެކެވެ.

ރާއްޖެއިން ސަވައިލޭންސް ޑްރޯންތަކެއް ހޯދަން އުޅޭ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވީ އެމަނިކުފާނު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރަށްފަހެވެ.

ބައިކާރު ބައިރަކްތާރު

ބައިކާރު ކުންފުނިން އުފައްދާ ޑްރޯންތަކުގެ ތެރެއިން އަސްކަރިއްޔާތަކުގެ މެދުގައި އެންމެ މަގުބޫލު ޑްރޯނަކީ ބައިރަކުތާރު ޓީބީ-2 ޑްރޯންތަކެވެ. އެއީ ހަނގުރާމައިގެ މައިދާނުގައި އަމަލީ ގޮތުން ބައިވެރިވެ، ގާބިލިއްޔަތު ކަށަވަރުވެފައިވާ ޑްރޯންތަކެކެވެ. އެ ބާވަތުގެ ޑްރޯންތަކަށް އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ޔޫކްރެއިން އަސްކަރިއްޔާއިން މި ޑްރޯންތައް ބޭނުންކޮށްގެން ރަޝިއާ އަސްކަރިއްޔާގެ ގާފިލާތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާތީ އެވެ.

އަސްކަރިއްޔާ އާއި ޑިފެންސު މައުލޫމާތުތައް ހިއްސާކުރާ ވެބްސައިޓުތަކާއި ނޫސްތަކުން އެނގޭ ގޮތުގައި ތުރުކީން އުފައްދާ ޑްރޯންތަކުގެ އެންމެ މަތީގައި ގިންތިކުރަނީ ބައިރަކުތާރު ޓީބީ2 ޑްރޯންތަކެވެ. ތުރުކީގެ މި ޑްރޯނަށް ޑިމާންޑު ބޮޑެވެ. ސަބަބަކީ މި ޑްރޯނުގެ ކޮލިޓީއަށް އިތުބާރު ލިބިފައި އަގު ހެޔޮ ވުމެވެ. މީގެ ޑްރޯނެއްގެ އަގު އުޅޭނީ ފަސް މިލިއަން ޑޮލަރަށެވެ. ކޮންޓްރޯލް ސްޓޭޝަނެއްގެ އަގަކީ ވެސް ގާތްގަނޑަކަށް ފަސް މިލިއަން ޑޮލަރެވެ.

އެ ބާވަތުފެ ޑްރޯންތައް 31 ގައުމެއްގެ އަސްކަރިއްޔާއިން އަންނަނީ ބޭނުންކުރަމުންނެވެ.