Advertisement

ދެޖިންސު ލެއްވިކަމުގެ މައްޗަށް ފިކުރުހިންގަމުން

8 މާރިޗު 2024 - 16:01 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


ދެޖިންސު ލެއްވިކަމުގެ މައްޗަށް ފިކުރުހިންގަމުން

8 މާރިޗު 2024 - 16:01 0

ޝައްކެތް ނެތެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް އާންމުވާނެހެން ދުނިޔޭގެ ކަމާބެހޭ މީހުން ވަކި ދުވަހެއް އަންހެނުންނަށް ޚާއްސަކޮށް މާރިޗު މަހުން 8 ވަނަ ދުވަސް އެގޮތުގެ މަތީން ފާހަގަކުރަނީ، އެކަނބަލުންނާމެދު ހާއްސަ ގޮތަކުން ނަޒަރެއްދީ، ނުވަތަ އެކަނބަލުންގެ ހައްގުތައް މުޅި އިންސާނިއްޔަތުގެ ސަމާލުކަމަށް އައުމުގައި އެގޮތުން ވެސް ހުޅުވޭ ދޮރެއް އޮވެދާނެކަމަށް ނުވަތަ ދެވޭ ހިތްވަރެއް އޮންނަކަމަށް ގަބޫލުކުރެވޭތީއެވެ. އެހެންކަމާއެކު އެކަމަކީ އޭގެ ޒާތުން އަޅުގަނޑުވެސް ނުހަނު ތަރުހީބުދޭ ކަމެކެވެ.

އަޅުގަނޑު ގަބޫލުކުރާ ހަމައިގައި މިދުވަހަކީ ދެޖިންސު ލެއްވިކަމުގެ މައްޗަށް ފިކުރު ހިންގުމުގެ ދުވަހެކެވެ. އެހެނީ އަންހެނުން ވިޔަސް ފިރިހެނުން ވިޔަސް އެބައިމީހުންގެ ޖިންސާ ގުޅިގެން އޭގެ ޒާތުން ހައްގުތަކެއް ނުލިބި ގެއްލެމުންދާނަމަ، އޭގެ ހަގީގީ ސަބަބަކީ، ދެޖިންސުލެއްވި ހިކުމަތާމެދު އިންސާނިއްޔަތުގެ ބުއްދި ހޭލުންތެރިވެފައިވާ ގޮތުގެ އުނިކަމެވެ. އެހެންވީމާ ކުރިއަރުވާންޖެހެނީ، އެހޭލުންތެރިކަމެވެ. އެކަން ކުރިއަރާނީ، ދެޖިންސު ލެއްވިކަމުގެ މައްޗަށް އަދި އެކަމުގެ ހިކުމަތުގެ ތެރެއަށް ފީނައި ފިކުރުހިންގުމުގެ ތެރެއިންކަމުގައި ފެނެއެވެ.

ހަމައެކަނި ދުވާލުގެ ވާހަކަ ދައްކަން ފަށައިފިނަމަ، ރޭގަނޑުގެ މަތީން ހަނދާން ނެތޭ ފަދައިން ހަމައެކަނި ރޭގަނޑުގެ ވާހަކަދައްކަން ފަށައިފިނަމަ ދުވާލަކީ ނެތް އެއްޗެއްކަމުގައި އިންސާނުންނަށް ހީވާން ފަށާފާނެއެވެ. އިންސާނުންނަކީ ގިނައިން އަހާ އުޅޭ އެއްޗަކަށް ސިކުނޑިއާއި ހިތާ ދީގެން ތިބޭ ބަޔަކަށްވާތީއެވެ. ރޭގަނޑަށްވުރެ ދުވާލު މުހިންމު ހެއްޔެވެ؟ ނުވަތަ ދުވާލަށްވުރެ ރޭގަނޑު މުހިންމު ހެއްޔެވެ؟ ޤުދުރަތީ ނިޒާމުގައި ރޭގަނޑާއި ދުވާލު ލައްވާފައިވަނީ އެކަތި އަނެކެއްޗަށް ގުޅިލާމެހިފައިވާ ދޭތި ދޭއްޗަށް ފުރިހަމަކަން ގެނެސްދޭ ގޮތެއްގެ މައްޗަށެވެ. ދުނިޔެ އޭގެ ފުރިހަމަގޮތުގައި ހިނގުމަށްޓަކައި ދުނިޔޭގެ ކޮންމެ ހިއްސާދާރަކަށް ރޭގަނޑެކޭ އެއްފަދައިން ދުވާލު މުހިންމުވެއެވެ. އަދި ދުވާލެކޭ އެއްފަދައިން ރޭގަނޑު މުހިންމުވެއެވެ.

އަންހެނުންނާއި ފިރިހެނުންގެ މިސާލަކީ މިއީއެވެ. ވަކި ޖިންސެއް އަނެއް ޖިންސަށްވުރެ މުހިންމުވެފައި މައްޗެއް ނުވެއެވެ. ހެއްދެވުމުގައި ހައްވާގެފާނަށްވުރެ ދަރަޖައިގެ ގޮތުން އާދަމުގެފާނަށް އިސްކަންދެއްވުނު ދެއްވުން ފިޔަވައެވެ. އެކަމަކު މުހިންމުވަނީ ދެޖިންސެވެ. ދުނިޔެ އޭގެ ފުރިހަމަގޮތުގައި ހިނގުމަށްޓަކައި، ދުވާލާއި ރޭގަނޑު އެކަތި އަނެކައްޗަށް ފުރިހަމަކަން ގެނެސްދޭ ފަދައިން ދުނިޔެ އާރާސްތުކުރަން މިބިމުގައި ލެއްވުނު އިންސާނުންގެ މަސައްކަތް ފުރިހަމަކޮށްދެނީ ދެޖިންސުގެ ހިއްސާއިންނެވެ.

އައްލައިލް ސޫރަތުގެ ފެށުމުގައި ވާ ތިން އާޔަތަށް ނަޒަރެއް ދެއްވާށެވެ! މާތް ﷲ ވަޙީކުރައްވައެވެ. "ރޭގަނޑު އިރު ނިވައިކުރާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ. ދުވާލު ފާޅުވެ، އަލިވެއްޖެހިނދު، އެ ދުވާލު ގަންދެއްވަމެވެ. ފިރިހެން، އަންހެން، ދެ ޖިންސު ހެއްދެވި ކަލާނގެ ގަންދެއްވަމެވެ." ވިސްނާ ފިކުރުކުރައްވާށެވެ! ކީރިތި ޤުރުއާނަކީ އެޤުރުއާނުގެ އާޔަތްތަކާމެދު ވިސްނާފިކުރުކުރުމަށް ބާވާލެއްވުނު މާތް ﷲ ގެ ކަލާމްފުޅެވެ.

މާތް ﷲ ރޭގަނޑާއި ދުވާލު ގަންދެއްވާފައި، އެޔާ ވިދިގެން އެކަލާނގެ ޒާތުފުޅު ގަންދެއްވުމުގައި އެޒާތުފުޅުގެ ސިފަފުޅެއްގެ ގޮތުން ފިރިހެނުންނާއި އަންހެނުން ހެއްދެވި ކަލާނގެ ކަމުގައި ބަޔާންކުރައްވަނީ އެއިން އިބުރަތްތަކެއް ލިއްބައިދިނުމަށެވެ. އޭގެ ކުރިއަށް އޮތް ދެ އާޔަތުގައި، ރޭގަނޑާއި ދުވާލު ގަންދެއްވާފައި، ވިދިގެން އައި އާޔަތުގައި ފިރިހެނުންނާއި އަންހެނުންގެ ވާހަކަ އޮތުމުން، އަންހެނުންނާއި ފިރިހެނުންގެ މިސާލަކީ، ރޭގަނޑާއި ދުވާލުގެ މިސާލުކަން ދޭހަކޮށްދެއެވެ.

އެއްގޮތަކަށް ވެސް އަންހެނާއަކީ ރޭގަނޑުކަމުގައި ފިރިހެނާއަކީ ދުވާލުކަމުގައި ބުނަނީއެއް ނޫނެވެ. އަދި ފިރިހެނާއަކީ އިރުކަމުގައި އަންހެނާއަކީ ހަނދުކަމުގައި ބުނަނީކީ ނޫނެވެ. އެފަދައިން ނުމެ ބުނެވޭނެއެވެ. އެހެނީ ދުނިޔެ އާރާސްތުކުރުމުގައި "އިރު" ގެ ދައުރު އަދާކުރި އަންހެނުން ދުނިޔޭގެ ތާރީޚުގައި މަދެއް ނޫނެވެ. އަދި އާރާސްތުކުރުމުގެ މަޝްރޫއުގައި "ހަނދު" ގެ ދައުރު އަދާކޮށްދިން ފިރިހެނުންވެސް މަދެއް ނޫނެވެ. މި ތިން އާޔަތުން ދަލީލުކޮށްދެނީ، ރޭގަނޑާއި ދުވާލު އަޅާ ނުކިޔޭ ފަދައިން އަންހެނުންނާއި ފިރިހެނުންގެ ދައުރު އަޅާ ނުކިޔޭނެ ކަމެވެ.

އާދޭހެވެ! ދުވާލާއި ރޭގަނޑު ތަފާތެވެ. އެކަމަކު ދުވާލާއި ރޭގަނޑުގައި ހުރި ތަފާތަކީ، އެކަތި އަނެކައްޗަށް ފުރިހަމަކަން ގެނެސްދޭ ތަފާތެކެވެ. ހަމަ އެފަދައިން އަންހެނުންނާއި ފިރިހެނުން ތަފާތެވެ. އެކަމަކު ބިމުގައި ލެއްވުނު ޚަލީފާއިންގެ މަސައްކަތަށް ފުރިހަމަކަން ގެނެސްދޭނެ ގޮތެއްގެ މައްޗަށެވެ. އެތަފާތަކީ މޮޅުވެގަތުމާއި ބޮޑާކަމުގެ މައްޗަށް އޮތް ތަފާތެއް ނޫންކަން އައްލައިލް ސޫރަތުގެ ފަހަތަށް ހުރި އާޔަތްތަކުންވެސް އެނގިގެންދެއެވެ. ސުވަރުގެ އޮތީ ހެޔޮ އަމަލުކުރާ މީހަކަށެވެ. ނުބައި އަމަލުކުރާ މީހަކަށް ނަރަކައެވެ. ވަކި ޖިންސަކުންހުރި ތަފާތެއް ނެތެވެ. އައްލައިލް ސޫރަތުގެ ހަތަރު ވަނަ އާޔަތަށް ވެސް ނިކަން ފުންކޮށް ނަޒަރެއް ދެއްވާށެވެ! "ހަމަކަށަވަރުން ތިޔަބައިމީހުންގެ އަމަލުތައް ތަފާތުވެގެންވާކަން ކަށަވަރެވެ."

ކީރިތި ޤުރުއާނުގެ އެއްވެސް ތަނެއްގައި "ޙައްވާ" ގެފާނުގެ ނަންފުޅު އައިސްފައެއް ނުވެއެވެ. އެކަމަކު ތިން އާޔަތެއްގައި، ޙައްވާގެފާނުގެ ވާހަކަ މާތް ﷲ ވަޙީކުރައްވާފައިވާ ގޮތަށް ފިކުރުހިންގަވާށެވެ! އަލްބަޤަރާ ސޫރަތުގެ 35 ވަނަ އާޔަތުގައި "އަދި ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ އާދަމުގެފާނެވެ! ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި ވަޒަންވެރިވެ، އުޅުއްވާށެވެ!.." އަދި އަލްއަޢުރާފު ސޫރަތުގެ 19 ވަނަ އާޔަތުގައި "އޭ އާދަމުގެފާނެވެ! ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުން ސުވަރުގޭގައި އުޅުއްވާށެވެ!.." އަދި ޠާހާ ސޫރަތުގެ 117 ވަނަ އާޔަތުގައި "ފަހެ، ތިމަންރަސްކަލާނގެ ވަޙީކުރެއްވީމެވެ. އޭ އާދަމުގެފާނެވެ! ހަމަކަށަވަރުން، މިއީ ކަލޭގެފާނާއި، ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި އަދާވަތްތެރިޔެކެވެ..."

ތިން އާޔަތުގައި ވެސް "ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުން" މިގޮތަށެވެ. "ކަލޭގެފާނާއި ޙައްވާގެފާނާއި" މި ގޮތަށް އެއްވެސް ތަނެއްގައި ވަޙީކުރައްވާފައި ނެތީ، އިންސާނުންގެ ފިރިހެން އަންހެން ޖިންސަކީ އެއްބަޔަކު އަނެއްބަޔަކަށް ވަކި ނުވެވޭނޭ ބަޔެއްކަމުގައިވާތީއެވެ. އެއް ނަފުސުން ޚަލްޤުކުރެއްވުނު ދެޖިންސުކަމުގައި ވާތީއެވެ. އަންނިސާއު ސޫރަތުގެ އެއްވަނަ އާޔަތުން ބައެއްގައި، އެ ހަގީގަތް ހާމަކުރައްވަނީ މިފަދައިންނެވެ. "...އެކަލާނގެއީ، އެންމެ ނަފުސަކުން ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. އަދި، އެ ނަފުސުގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވިއެވެ. އަދި، އެ ދެކަނބަލުންގެ ކިބައިން، ގިނަ ފިރިހެނުންނާއި، ގިނަ އަންހެނުން ފެތުރުއްވިއެވެ. .." މި ހަގީގަތް ބަޔާންކުރެއްވުނު މި ސޫރަތުގެ ނަމަކީ "އަންނިސާއު" އެވެ. މާނައަކީ "އަންހެނުން" މިއެވެ.

ޙައްވާގެފާނު ހެއްދެވުނު ހާދިސާ ވާރިދުވެގެންވާ ޙަދީޘް ބަސްފުޅަށް ވެސް ވިސްނަވާށެވެ! ވާރިދުވެގެންވެއެވެ. ޙައްވާގެފާނު ހެއްދެވުނީ އާދަމްގެފާނު އަވަހާރަފުޅުގައި ވަނިކޮށް އެކަލޭގެފާނުގެ ވާތުއަރިކަށިފުޅުގެ ކަށިކޮޅަކުންނެވެ. އާދަމްގެފާނަށް ހޭފުޅުލެއްވުނުއިރު ޙައްވާގެފާނު ފެނިވަޑައިގަތުމުން ފުރަތަމަވެސް ވިދާޅުވީ ތިޔައީ ކާކުތޯއެވެ؟ ޙައްވާގެފާނު ވިދާޅުވިއެވެ. މިއީ އަންހެނާއެވެ. އާދަމުގެފާނު ދެންނެވިއެވެ. ކަމަނާ ހެއްދެވުނީ ކީއްވެހެއްޔެވެ؟ ޙައްވާގެފާނު ވިދާޅުވިއެވެ. އެއީ ތިބާ އަހަރެންގެ ފަރާތުން ހަމަޖެހުން ލިބިގަތުމަށެވެ. ވާރިދުވެގެންވާ ގޮތުގައި އޭގެ ކުރިޔަށް އާދަމުގެފާނު ހުންނެވީ އެކަނިވެރިކަމާއި މޮޅިވެރިކަމުގައެވެ. އެކަމަކު ސުވަރުގޭގައެވެ.

އާދޭހެވެ! އުނިކަމެއް ނުވާ ސުވަރުގެއިން ޙައްވާގެފާނާ ނުލައި އާދަމްގެފާނަށް އެކަނިވެރިކަމާއި މޮޅިވެރިކަން ލިއްބައިދިންއިރު، އަދި އެކަން ފިއްލެވުމުގެ ސަބަބުގެ ގޮތުގައި ހިކުމަތްވަންތަ ރަސްކަލާނގެ ޙައްވާގެފާނު ހެއްދެވިކަމަށްޓަކައި، އުނިކަމުގެ އިންތިހާގައިވާ ދުނިޔަވީ ހަޔާތުގައި، ފިރިހެނުންނަށް އަންހެނުންނާ ނުލައި އޮތީ އެކަނިވެރިކަމާއި މޮޅިވެރިކަމެވެ. އެކަން ނެތިގެންދާނެ ހާއުފާވެރިކަން ހުރީ އެއް ނަފުސުގެ ދެޖިންސުގެ ބަދަހި ގުޅުމުގައެވެ.

ރޭގަނޑާއި ދުވާލު ތަފާތުކުރެއްވި ފަދައިން ތަފާތުކުރެއްވިގެންވާ ފިރިހެނުންނާއި އަންހެނުންނެވެ. ރޭގަނޑާއި ދުވާލު އެކަތި އަނެކައްޗަށް ފުރިހަމަކަންދޭ ފަދައިން އިންސާނީ ނަފްސު ފުރިހަމަކޮށްދޭ އެ ނަފުސުން އުފަންކުރި ދެޖިންސުގެ އިންސާނުންނެވެ. ވަކިވަކިވެވެން ނެތް އެއްނަފުސެވެ. އެއްބަޔެކެވެ. އެބައިމީހުންގެ އޮތް އިންސާނީ ބާރުވެރިކަން އޮތީ، އެއް ޖިންސުގެ ހައްގުތައް އަނެއް ޖިންސުން ލިއްބައިދިނުމުގެ މައްޗަށް ތިމާމެންގެ ޖިންސުގެ ހައްގުތައް ނެގެހެއްޓިގެންދާނެ ގޮތަށެވެ. ދެޖިންސުން އުފެއްދި އެބާރުވެރިކަމުގައި ޖިންސެއް ނެތެވެ. އެހެންކަމާއެކު އެބާރުވެރިކަމުގެ ހައްގާއި ވިރާސަތު ދެޖިންސަށް ލިއްބައިދޭންވާނެއެވެ. އެކަމަކު އެބާރުވެރިކަމުގައި ވަކި ޖިންސެއްގެ ކުލަ ޖެއްސުމަށް މަސައްކަތްކުރުމެއް ނެތިއެވެ.