Advertisement

ހުޅުމާލެއިން ނުހައްގުން 50 ބިން ދީފައި އެބަހުރި، އެ ބިންތައް އަތުލާނަން: ފަޒުލް

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް: އޭނާ އަންނަނީ ކުރީގެ މެނޭޖުމަންޓުން ގޯސްހަދާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން -- ފޮޓޯ: އެޗްޑީސީ


ހުޅުމާލެއިން ނުހައްގުން 50 ބިން ދީފައި އެބަހުރި، އެ ބިންތައް އަތުލާނަން: ފަޒުލް

ވިޔަފާރި އުސޫލުން ހުޅުމާލެއިން 50 ބިން އޭގެ ހައްގުވެރިނޫން ފަރާތްތަކަށް ދީފައިވާ ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ވ. ފުލިދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ފަޒުލް ވިދާޅުވީ އެޗްޑީސީ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ އެތައް ކަމެއް ހިންގާފައިވާ ކަމަށާއި ވިޔަފާރި އުސޫލުން ހުޅުމާލޭގެ އިތުރުން ވަގުތީގޮތުން ކަމަށް ބުނެ ތިލަފުށިންވެސް 35 ބިމެއް ނުހައްގުން ދީފައިވާ ކަމަށެވެ.

"ހުޅުމާލޭގެ 50 ހަކަށް ބިން ނުހައްގުން ބޭނުންކުރާ ވާހަކަ އަޅުގަނޑު ދެންނެވިން، އެހެން ދެންނެވީ ހަގީގަތުގައި ވެސް އެކަން ހިނގާތީވެ، މިހާރު އެތަންތަން ނެގުމުގެ މަސައްްކަތް އަޅުގަނޑުމެން އެބަކުރަން،" އޭނާ ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ ތިލަފުށީގެ 35 ބިން ދީފައިވަނީ ވަގުތީގޮތުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި އުސޫލުތަކާއި ހިލާފަށް ބިންތައް ދޫކުރުމުން އެޗްޑީސީއަށް ލިބެންޖެހޭ ވަރަށް ބޮޑު އާމްދަނީއެއް ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އެ ބިންތަކުގައި ވިޔަފާރިތަކުގެ ވެސް ހައްގެއް ހިމެނޭތީ، ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފަޒުލް ވިދާޅުވި އެވެ.

"އެއް އަހަރުދުވަހުގެ މުއްދަތަށް ދީފައި ހުންނަ ތަންތަން ހެދުމުގެ ހުއްދަ އެޗްޑީސީއަކުން ނުދޭނެ، ނަމަވެސް އެ ހުއްދަ އަނގަ ބަހުން ދީފައި އެބަހުރި، އޭގެ ސަބަބުން ވިޔަފާރިވެރިންގެ ހައްގުތައް އެބަގެއްލޭ... އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، 35 ބިން ހުރިހާ ވިޔަފާރިތަކަކަށް ފުރުސަތު ނުލިބި ނޫނީ އާންމު ރައްޔިތުންނަށް ފުރުސަތު ނުލިބި ގެއްލިގެން ދިޔައީ،" ފަޒުލް ވިދާޅުވި އެވެ.

ފަޒުލް ވިދާޅުވީ އެކަމާ ގުޅޭ އޮޑިޓުތައް ހަދަން ޖެހޭ ކަމަށާއި ނުހައްގުން ބިން ދިނުމުގެ ޒިންމާ ކުރީގެ މެނޭޖްމަންޓުން ނަޖަންޖެހޭނެ ކަމަށެވެ. އަދި މި މައްސަލަތައް އޭސީސީއަށާއި ކަމާއިގުޅޭ އެހެން އިދާރާތަކަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބިން ދިނުމުގެ މައްސަލައިގެ އިތުރުން އެހެން ކަންކަމުގައި ވެސް އެޗްޑީސީގެ ކުރީގެ މެނޭޖުމަންޓުން އުސޫލުން ބޭރުން ކޮރަޕްޝަނަށް ފަހިވާ ގޮތަށް އެތައް ކަމެއް ނިންމާފައިވާ ކަމަށް މިހާރުގެ މެނޭޖުމަންޓުން އަންނަނީ ތުހުމަތުކުރަމުންނެވެ.