Advertisement

ފުރުސަތު ދިން ވަރަކަށް މި ސަރުކާރުން ދޮގު ހަދާނެ: ސޯލިހު

6 މާރިޗު 2024 - 22:32 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެމްޑީޕީގެ ގައުމީ މަޖިލިސް ޖަލްސާއެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެން ވާހަކަދައްކަވަނީ -- ފޮޓޯ: އަދަދު


ފުރުސަތު ދިން ވަރަކަށް މި ސަރުކާރުން ދޮގު ހަދާނެ: ސޯލިހު

6 މާރިޗު 2024 - 22:32 0

ގައުމުގެ މިސްރާބު އޮތީ ހަމަ މަގުން ނައްޓާލާފައި ކަމަށާއި މި ސަރުކާރަށް ފުރުސަތު ފަހި ކޮށްދިން ވަރަކަށް ދާނީ ދޮގު ހަދަމުން ކަމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ގދ. ގައްދޫ ދާއިރާއަށް ވާދަކުރައްވާ އަހުމަދު ސައީދުގެ މާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަަމަށް އަންނަން ވެސް ހެދީ ދޮގު ކަމަށާއި މިހާރު ވެސް ހަދަމުން ދަނީ ދޮގު ކަމަށެވެ.

"އޭރު ވެސް ހެދީ ދޮގު، މިހާރު ވެސް ހަދަމުން ދަނީ ދޮގު، އަޅުގަނޑަށް ޔަގީން ފުރުސަތު ދިން ވަރަކަށް، ފުރުސަތު ދިން ވަރަކަށް ދާނީ އަނެއްކާވެސް އިތުރަށް ދޮގު ހަދަމުން، ދޮގު ހަދަމުން ހަދަމުން ގޮސް އެންމެފަހުން ކައިރީގައި ތިއްބެވި ބޭފުޅުން ލައްވައި ވެސް ދޮގު ހަދަމުން އެދަނީ، އަޅުގަނޑުމެން ޖެހޭ އެބަ މިކަން ހަމަ މަގަށް އަޅުވަން،" އެމްޑީޕީގެ އެޑްވައިޒަރުކަން ވެސް ކުރައްވާ ސޯލިހު ވިދާޅުވި އެވެ.

ގައުމުގެ މިސްރާބު އޮތީ ހަމަ މަގުން ނައްޓާލާފައިކަން ފާހަގަ ކުރައްވައި ސޯލިހު ވިދާޅުވީ ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުން ވަރަށް މުހިންމު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ހެދުނީ ގޯހެއްކަން ރައްޔިތުން މިހާރު ގަބޫލު ކުރާ ކަމަށެވެ.

"މި ސަރުކާރު ވެރިކަމަށް އަންނަންވެގެން ރައްޔިތުންނަށް ދެއްކި ހުވަފެނާއި ހެދި ދޮގުތަކާއި އޮޅުވާލި އޮޅުވާލުންތައް މިއަދު ރައްޔިތުންނަށް އެބަ ފެނޭ، ހާމަވަމުން އެބަދޭ، އަޅުގަނޑު މިކުރާ ދަތުރުތަކުން ވެސް އިވެނީ ހަމަ އެ އަޑުތައް، ރައްޔިތުންގެ މަޖިލީހަކީ އަޅުގަނޑު މިދެންނެވިހެން މި ސަރުކާރު ހަމަ މަގަށް އެޅުވުމަށްޓަކައި މަސައްކަތް ކުރެވެން އޮތް އެންމެ މުހިންމު ތަން،" ކުރީގެ ރައީސް ސޯލިހު ވިދާޅުވި އެވެ.

ސޯލިހު މި މޭރުމުން ވާހަަކަ ދައްކަވާފައިވާއިރު، މި ސަރުކާރުން ވެރިކަމަށް އައުމަށްޓަކައި ކުރި ކެމްޕޭނުގައި އެންމެ ހަރުކޮށް ދެއްކެވި ދެ ވައުދުގެ ވާހަކަ ވެރިކަމަށް އައުމަށްފަހު ބަދަލުވެގެންދިޔަ ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.

އެގޮތުން ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދި ކަމަށް ސަރުކާރުގެ ތަރުޖަމާނަކަށް ކުރިން ހުންނެވި މުހައްމަދު ޝަހީބު ވިދާޅުވިއިރު، ރައީސް ޔާމީން އަދިވެސް ހުންނެވީ ޖަލުގަ އެވެ.

އޭގެއިތުރުން އިންޑިއާ ސިފައިން މިގައުމުން ބޭލުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދަވާފައި ވަނީ އިންޑިއާ ސިފައިންގެ ބަދަލުގައި އިންޑިއާގެ ސިވިލް މީހުން ރާއްޖޭގައި ހަރަކާތްތެރިވާ ގޮތަށެވެ.

އެ ކަންކަމުގެ އިތުރަށް ވެސް އެހެން ކަންކަމާ ގުޅިގެން މި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުން، މި ސަރުކާރު ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބައެއް ބޭފުޅުންގެ ނުރުހުން ވެސް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ.