about 2 hours 0
ލީވާން އަލީ ނާސިރު
ސުޕްރީމް ކޯޓުން ސަސްޕެންޑުކުރި ފަނޑިޔާރު ސުއޫދު، ފަނޑިޔާރު އަޒްމިރާލްދާ އަދި ފަނޑިޔާރު މަހާޒު. ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް ސުއޫދު އިސްތިއުފާ ދެއްވުމުން އަނެއް ދެ ފަނޑިޔާރުންގެ މައްސަލަ ބަލައި އެ ދެ ބޭފުޅުން މަޖިލީހުން ވަނީ ވަކިކޮށްފަ. -- ފޮޓޯ: ރައީސް އޮފީސް
about 2 hours 0
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް ވަކިކުރި މައްސަލައިގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހުށަހެޅި ސުވާލުތަކަށް (އާރުޓީއައި-ރައިޓް ޓު އިންފޮމޭޝަން) ޖޭއެސްސީ އަދި އޭސީސީން ވެސް ޖަވާބު ނުދީ ހިފަހައްޓައިފި އެވެ.
ސިޔާސީ ޕާޓީ ބަދަލުކުރުމުން، ޕާޓީން ވަކިކުރުމުން ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކަށް ސޮއިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީން ގެނައި ބަދަލު ބާތިލްކުރަން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން ނިންމައި، ފުރަތަމަ އަޑުއެހުން ފަށަން ކުޑަތަން ވެފައި ވަނިކޮށް އެ ޝަރީއަތް ހުއްޓުވުމަށްޓަކައި އޭސީސީ އާއި ޖޭއެސްސީ ބޭނުންކޮށްގެން ސަސްޕެންޑުކުރީ، ފަނޑިޔާރު ހުސްނުއް ސުއޫދު އާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ އެވެ.
މި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން މައްސަލައެއް ބަލަމުންދާ ކަމަށް ބުނެ، ފޮނުވި ސިޓީއެއްގެ މައްޗަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލައިގައި އޭސީސީން އެ ބޭފުޅުންނާ ސުވާލެއް ނުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތް ހުއްޓުވުމަށް ތަހުގީގު ފެށި މި މައްސަލައާ ގުޅިގެން ސުއޫދު އިސްތިއުފާ ދެއްވީ މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ.
އޭސީސީގެ މައްސަލާގެ އިތުރުން، މަގާމުގައި ތިއްބެވި އަޒްމިރާލްދާ އަދި މަހާޒުގެ މައްޗަށް ޖޭއެސްސީން ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ހިންގައި އެ ދެ ބޭފުޅުން މަގާމުން ވަކިކުރި އެވެ.
މި މައްސަލައިގައި ޖޭއެސްސީ އާއި އޭސީސީ އަށް އަދަދު ނޫހުގެ ފަރާތުން ހުށަހެޅި ސުވާލުތަކުގެ ތެރޭގައި، ފަނޑިޔާރުންގެ މައްސަލަ އޭސީސީއަށް ލިބުނު ވަގުތާއި، އެ މައްސަލަ ޖޭއެސްސީއަށް ފޮނުވި ސީދާ ވަގުތާއި އެ ސިޓީގައި ހިމެނޭ ތަފްސީލުތައް ހޯދަން އެދިފައިވެ އެވެ. ނަމަވެސް، ގާނޫނުގައި މައުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ މުއްދަތު ފާއިތުވެދިޔައިރުވެސް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ.
މި ސުވާލުތައް ހުށަހެޅިތާ އަހަރެއް ވުމަށް ގާތްވެފައި ވާއިރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެ ކޮމިޝަނުން މިހާތަނަށް ޖަވާބު ދީފައެއް ނުވެ އެވެ.
މި މައްސަލައިގައި ސަސްޕެންޑުކުރި ފަނޑިޔާރުންނަށް ކުރަނީ ކޮން ކަހަލަ ޖިނާއީ ތުހުމަތެއްކަން ޖޭއެސްސީއަށް އެނގޭތޯ މި މައްސަލައިގައި ކުއްލި ޖަލްސާ ބޭއްވުމަށް ހުށަހެޅީ ކޮމިޝަންގެ ކޮން މެންބަރުންނެއް ކަމާއި، ޖަލްސާ ބޭއްވުމުގެ ނޯޓިސް މެންބަރުންނަށް ފޮނުވި ވަގުތު ފަދަ މައުލޫމާތަށް އޮޅުން ފިލުވަން އެދިފައިވެ އެވެ.
ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖޭއެސްސީން ތާއިދު ކުރީ ކޮން މެންބަރުންނެއް ކަމާއި، ދެކޮޅު ހެދީ ކޮން މެންބަރުންނެއްކަން ހޯދަން ވެސް ހުށަހެޅުމުގައިވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި، އޭސީސީން ފޮނުވި ސިޓީގައި "ޖިނާއީ ތަހުގީގެއް" ހިނގާކަން ފިޔަވައި އިތުރު ތަފްސީލެއް ހިމަނާފައެއް ނުވެއެވެ. މިއީ އާންމު މަސްލަހަތާ ގުޅުންހުރި ބޮޑު ކަމަކަށް ވީއިރު، ގާނޫނުގައިވާ ސިއްރު ހިފެހެއްޓުމުގެ މާއްދާތަކުގެ ނިވަލުގައި ނުތިބެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އަދަދު ނޫހުގެ ހުށަހެޅުމުގައި ބުނެފައިވެ އެވެ.
ފަނޑިޔާރުން ވަކިކުރި މައްސަލަ އދ. ހިމެނޭހެން ބައިނަލްއަގުވާމީ ގިނަ ފަރާތްތަކަކުން ކުށްވެރިކޮށްފައިވެ އެވެ. މި މައްސަލަ، ގާނޫނީ މާހިރު ޑރ. ޝަމްސުލް ފަލާހު ދިރާސާ ކުރައްވައި އިއްޔެ ރޭ ނެރުނު ފޮތުގައި ވަނީ ފަނޑިޔާރުން ވަކިކުރި މައްސަލައަކީ "ދުސްތޫރީ ދޯކާ" އެއް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment