Advertisement

ކުރީ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީން ހެދި ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް އަމަލުކުރުން އޭޖީ ހުއްޓުވައި

6 މާރިޗު 2024 - 14:31 0

އަމަން ހަލީމް

އަމަން ހަލީމް

ބަންޑާރަ ނައިބު އަހުމަދު އުޝާމް: ބަދަލު ދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައި ހުރި ކަމަށް ތުހުމަތުކުރެއްވި -- ފޮޓޯ: ރައީސް އޮފީސް


ކުރީ ސަރުކާރުގެ ސެޓްލްމަންޓް ކޮމިޓީން ހެދި ބަދަލު ދިނުމުގެ އެއްބަސްވުންތަކަށް އަމަލުކުރުން އޭޖީ ހުއްޓުވައި

6 މާރިޗު 2024 - 14:31 0

ކުރީ ސަރުކާރުން އެކުލަވާލީ ސެޓްލްމަންޓް ކޮމިޓީން ވެފައިވާ ބަދަލު ދިނުމުގެ އެއްބަސްވުންތައް އެޓާނީ ޖެނެރަލް އޮފީހުން ރިވިއުކޮށް ގޮތެއް ނިންމުމުގެ ކުރިން، އެ އެއްބަސްވުންތަކާ ގުޅިގެން އެއްވެސް ކަމެއް ނުކުރަން ކަމާބެހޭ ވުޒާރާތަކަށް ބަންޑާރަނައިބު އަހުމަދު އުޝާމް އަންގަވައިފި އެވެ.

އުޝާމް އެކަން ހާމަކުރެއްވީ އެ އޮފީހުގެ ފުރަތަމަ 100 ދުވަހުގެ މަސައްކަތާ ގުޅިގެން މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއަށް އެއްބަސްވުންތަކާ ގުޅިގެން އެއްވެސް މުއާމަލާތެއް ނުކުރަން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެޓްލްމަންޓް ކޮމިޓީއަކީ ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކަމަށް ބުނެ ކުރީ ސަރުކާރުން އެކުލަވާލީ "ސަރުކާރާ އަމިއްލަ ފަރާތްކަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރުނާ ގޮތުގެ އުސޫލު" ގެ ދަށުން ރައީސް އޮފީހުގައި އޮތް ކޮމިޓީއެކެވެ.

ވެރިކަން ބަދަލުވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި އުސޫލު އުވާލެއްވި އެވެ. މިކަމާ ގުޅޭ ގޮތުން އޭރު ރައީސް އޮފީހުން ބުނީ، މިއީ ގާނޫނީ ގޮތުން ބާރުލިބިގެން ހަދާފައިވާ އުސޫލެއް ނޫން ކަމަށް ބަންޑާރަނައިބު ލަފާދެއްވާފައިވާތީ އެ އުސޫލު އުވާލާފައިވާ ކަމަށެވެ. މި ކޮމިޓީ އުވާލައްވަމުން ނަހަމަ ބަދަލު ދިނުން ގޯސް ކަމުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ސެޓްލްމަންޓް ކޮމިޓީން އެކުލަވާލާފައިވާ އެއްބަސްވުންތަކާ ގުޅޭ އިތުރު ތަފުސީލުތައް ދެމުން އުޝާމް ވިދާޅުވީ 10 ފަރާތަކާއެކު އެކުލަވާލާފައިވާ އެއްބަސްވުންތަކުގެ ދަށުން ދީފައިވާ ފައިސާ އާއި ރަށްރަށުގެ އަގު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާއިން އަގުކުރެވޭ ކަމަށެވެ. ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވެސް މިކަން ފާހަގަކުރެއްވި އެވެ.

"ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްކަށް ދީފައި ހުރި ސެޓްލްމަންޓުގެ އަގު ކުރާ ކަމުގައި ވަނީ ނަމަ އެއް ބިިލިއަން ވުރެ ބޮޑު އަދަދެއް ހަރު މުދަލާއި ފައިސާގެ ގޮތުގައި ދައުލަތުން އެކިއެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައި ހުރިކަން ފާހަގަކުރެވޭ،" އުޝާމް ވިދާޅުވި އެވެ.

މިކަމުގައި ކުރީ ސަރުކާރުން އަމަލުކޮށްފައިވާ ގޮތަށް ފާޑުވިދާޅުވަމުން އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި މިހާތަނަށް ބެލިބެލުމުން މީގެ ތެރެއިން ބައެއް މައްސަލަތަކަކީ ޝަރީއަތުގައި އަޑުއެހުންތައް ކުރިއަށް ދިޔަ، "ވަރަށް ސާފުކޮށް ވިން ނުވާނެ" މައްސަލަތަކެއް ކަން ދެނެގަނެވިފައިވެ އެވެ. އޭގެ ތެރޭގައި އޮޑިޓާ ޖެނެރަލް އޮފީހުން ސެޓްލްމަންޓަށް ވަކި އަދަދެއް ކަނޑައަޅާފައި ހުރި މައްސަލަތައް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"ބައެއް މައްސަލަތަކުގައި އެބަހުރި އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަކި ގޮތަކަށް އަމަލުކުރުމަށް ލަފާދީފައި ނުވަތަ ސެޓްލަމަންޓަކަށް ދާކަމުގައި ވަނީ ނަމަ ވަކި މިންވަރެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ކަނޑައަޅާފައި ހުރި މައްސަލަތަކުގައި އެއަށް ވުރެ ބޮޑެތި އަދަދުތަކުން ސެޓްލްކޮށްފައި ހުރި މައްސަލަތައް ވެސް އެބަހުރި،" އުޝާމް ވިދާޅުވި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އަންނަނީ އުޝާމްގެ އެންގުމުގެ މަތިން މި އެއްބަސްވުންތަކުން ދިނީ ހަމަ ބަދަލެއްތޯ ބެލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ސެޓްލްމަންޓް އެއްބަސްވުންތައް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، މި ސަރުކާރުން ވަނީ އެ އެއްބަސްވުންތަކުގެ ތަފުސީލު ދޭން ދެކޮޅު ހަދާފަ އެވެ. މި މައުލޫމާތު ހޯދަން "އަދަދު" ނޫހުގެ ފަރާތުން ނޫސްވެރިއަކު ހުށަހެޅީ އާރުޓީއައިގެ ޖަވާބުގައި ރައީސް އޮފީހުން ބުނީ ތިންވަނަ މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭތީ އެ މައުލޫމާތު ހިއްސާކުރެވެން ނެތް ކަމަށެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ބަދަލު ދިން ކުންފުނިތަކުގެ ތެރޭގައި އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މިލޭނިއަމް ކެޕިޓަލް މެނޭޖުމަންޓާއި ވިލުފުށީ ދާއިރާގެ މަޖިލިސް މެމްބަރު ހަސަން އަފީފާ ގުޅުންހުރި ކުންފުންޏަކާއި ކޯޓުތަކުގައި އަހަރުތަކެއް ވަންދެން ހިނގި ދީބާޖާ މައްސަލަ ހިމެނެ އެވެ.