Advertisement

ބަޔާން ބާތިލު ނުކުރުމުން، ކެނދިކުޅުދޫ ކައުންސިލަށް ފިޔަވަޅެއް ނާޅާނަން: އެލްޖީއޭ

6 މާރިޗު 2024 - 11:23 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެލްޖީއޭގެ ސީއީއޯ މަރިޔަމް ޒުލްފާ -- ފޮޓޯ: އެލްޖީއޭ


ބަޔާން ބާތިލު ނުކުރުމުން، ކެނދިކުޅުދޫ ކައުންސިލަށް ފިޔަވަޅެއް ނާޅާނަން: އެލްޖީއޭ

6 މާރިޗު 2024 - 11:23 1

ނ.ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ނުކުރުމުން، އެ ކައުންސިލަށް ފިޔަވަޅެއް ނާޅާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

ކެނދިކުޅުދޫއަށް މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ދަތުރުފުޅުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ނެރުނު ނޫސްބަޔާން ބާތިލު ކުރުމަށް އެލްޖީއޭއިން އެންގީ އާދީއްތަ ދުވަހު އެވެ.

ކެނދިކުޅުދޫ ކައުންސިލުގެ ބަޔާން ހޯމަ ދުވަހު 2:00 ޖެހުމާ ހަމައަށް ބާތިލު ކުރަން ދިން މުއްދަތުގައި އެކަން ނުކޮށް އޮތުމުން އެކަމާ ބެހޭ ގޮތުން ސުވާލުކުރުމުން ޒުލްފާ "އަދަދު" އަށް ވިދާޅުވީ އެ ކައުންސިލު ބަރާބަރަށް ހިނގަމުންދާނަމަ ކައުންސިލަށް އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

އެލްޖީއޭއިން މަސައްކަތް ކުރާނީ ކައުންސިލްތައް ހިންގަމުންދަނީ ގާނޫނާ އެއްގޮތަށްތޯ ބަލައި، ކައުންސިލުތައް ހިންގުން ހަރުދަނާ ކުރަން ކަމަށް ޒުލްފާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން އިތުރަކަށް ބަޔާން ނެރުމާ ގުޅިގެން ކަމެއް ނުކުރާނަން. މައްސަލައަކީ ބަޔާން ނެރުއްވަން ޖެހޭ ހުދޫދުގެ ތެރެއިން ބަޔާން ނުނެރުއްވީމަ. ދެންވެސް އިތުރަށް އެފަދަ ބަޔާނެއް ނެރުނީޔާ އަޅުގަނޑުމެން އިތުރަށް ބަލާނަން" ޒުލްފާ ވިދާޅުވި އެވެ.

ކެނދިކުޅުދޫ ކައުންސިލަށް ބަޔާން ބާތިލު ކުރަން އެންގީ ނުފޫޒުން ކަމަށް އެ ކުއުންސިލުން ތުހުމަތު ކޮށްފައިވާއިރު، ލާމަރުކަޒީ ގާނޫނު ބާރުކެނޑޭގޮތަށް އެލްޖީއޭއިން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ އެފަދަ ކަންކަން ނުކުރުމަށް ކެނދިކުޅުދޫ ކައުންސިލުން ވަނީ ބުނެފަ އެވެ.

ރަސްމީ ދަތުރުފުޅުގެ ނަމުގައި ރައީސް މުއިއްޒު އަތޮޅުތެރެއަށް ދަތުރު ކުރައްވަމުން ގެންދަވާ ކަމަށް ބައެއް ކައުންސިލުތަކުން ވަނީ ތުހުމަތުކޮށް، އެކި ކަންކަން ކުރުމަށް މަޖުބޫރުކުރާތީ އެ ކައުންސިލުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.