Advertisement

ބާސެލޯނާ އަށް ފައިދާއެއް ނުނެގުނު

4 މާރިޗު 2024 - 09:09 0


ބާސެލޯނާ އަށް ފައިދާއެއް ނުނެގުނު

4 މާރިޗު 2024 - 09:09 0

މެޑްރިޑް (މާޗް 4) - ސްޕެނިޝް ލީގުގެ ކުރީގައި އޮތް ރެއާލް މެޑްރިޑާއި ޖިރޯނާ މި ހަފްތާގައި ކުޅުނު މެޗުތަކުން މޮޅެއް ނުލިބުނުއިރު، އޭގެ ފައިދާ ނަގަން ބާސެލޯނާ އަށް ލިބުނު ފުރުސަތު އެ ޓީމު އަތުން ގެއްލިއްޖެ އެވެ.

އެއީ ބާސެލޯނާ ރޭ ކުޅުނު މެޗުން އެތުލެޓިކް ބިލްބާއޯއާ 0-0 އިން އެއްވަރުވުމުންނެވެ. ހޮނިހިރު ދުވަހުގެރޭ ލީގުގެ އެއް ވަނައިގައި އޮތް ރެއާލް ވަނީ ވެލެންސިއާއާ 2-2 އިން އެއްވަރުވެފަ އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ ރޭ ވަނީ މަޔޯކާ ދަނޑުގައި 1-0 އިން ބަލިވެފަ އެވެ.

ރެއާލް ލީގުގެ އެއް ވަނައިގައި އޮތީ، 27 މެޗުން 66 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޖިރޯނާ އަށް 27 މެޗުން 59 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 27 މެޗުން ވަނީ 58 ޕޮއިންޓް ލިބިފަ އެވެ. ރެއާލް ބެޓިސް އަތުން ރޭ 2-1 އިން މޮޅުވި، އެތުލެޓިކޯ މެޑްރިޑް ހަތަރެއްގައި އޮތީ 27 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ އަށް ރޭގެ މެޗުގައި ގޯލެއް ޖަހައިދޭން އޭރިއާބޭރުން ޔޮއާއޯ ކަންސޭލޯ ޖެހި ބޯޅަ ގޯލު ރޮނގުމަތިން ސަލާމަތްކުރީ، ޔެރާއި އަލްވަރޭޒް އެވެ.

ބިލްބާއޯ އިން ރަނގަޅު ޑިފެންސިވް ގޭމެއް ކުޅުނު ރޭގެ މެޗުގައި ބާސެލޯނާ އަށް މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ.

ނަތީޖާ ނުނެރެވުމުގެ މާޔޫސްކަމުގެ އިތުރުން ބާސެލޯނާ އަށް ރޭގެ މެޗުގައި ވަނީ ކަންބޮޑުވާން ޖެހޭ އިތުރު ދެ ކަމެއް ދިމާވެފަ އެވެ. އެ ގޮތުން، އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ފްރެންކީ ޑި ޔޯން އާއި ޕެޑްރީ އަށް ލިބުނު އަނިޔާތަކާ ހެދި ވަނީ ބަދަލުކުރަން ޖެހިފަ އެވެ. މި ސީޒަނުގައި ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން ދެ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހުނު ޑި ޔޯންގެ ކުޑަހުޅަށް އަނެއްކާ ވެސް ވަނީ އަނިޔާވެފަ އެވެ. ޕެޑްރީ ބަދަލުކުރަން ޖެހުނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި އެވެ.