Advertisement

"ހަވީރު" ނޫހަކީ ޑރ. ޒާހިރު ހުސައިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

3 މާރިޗު 2024 - 15:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހަވީރު ނޫސް ހިންގި އިމާރާތުގެ ބޭރުގައި ބަޔަކު ނޫސް ކިޔަނީ -- ފޮޓޯ: ހަވީރު


"ހަވީރު" ނޫހަކީ ޑރ. ޒާހިރު ހުސައިންގެ މިލްކެއް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި

3 މާރިޗު 2024 - 15:29 0

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ނޫސް، "ހަވީރު" އާއި ލޯމާފާނު ޕްރިންޓަކީ ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ މިލްކެއް ކަމަށާއި އެ ދެތަނުން ލިބުނު ފައިދާގެ އެއްވެސް މިންވަރެއް އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރުގު ހަސަންއަށް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ސިވިލް ކޯޓުގެ ވަގުތީ އަމުރަކާއެކު 2016 ވަނަ އަހަރު ހަވީރު ނޫހުގައި ތަޅު އެޅުވީ ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭގޮތުން އިބްރާހިމް ރަޝީދު މޫސާއާއި ފާރޫގު ހަސަން އަދި މުހައްމަދު ނައީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.

ސިވިލް ކޯޓަށް ހުށަހެޅި އެ މައްސަލައިގައި އިބްރާހިމް ރަޝީދާއި ފާރޫގު އަދި ނައީމް އެދިފައި އޮތީ ހަވީރުގެ އާމްދަނީން އެ ތިން މީހުންނަށް ލިބެންޖެހޭ ބައި ހޯދުމަށާއި ނޫސް ހިންގުމުގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. ނަމަވެސް، މައްސަލައިގެ ހުކުމް އޭރު ސިވިލް ކޯޓުން އިއްވީ ޑރ. ޒާހިރުއާ އެއްކޮޅަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރީ ސިވިލް ކޯޓުން ކުރި ހުކުމް 2019 ވަނަ އަހަރު ހައިކޯޓުން ބާތިލު ކުރުމުންނެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމި ނިންމުމުގައި ވަނީ އެ މައްސަލައިގައި 2019 ވަނަ އަހަރު ޑރ. ޒާހިރުއާ ދެކޮޅަށް ހައިކޯޓުން ނިންމި ނިންމުން ބާތިލު ކޮށް، ހަވީރު ނޫހަކީ ޒާހިރު ހުސައިންގެ މިލްކެއް ކަމަށެވެ.