16 ފެބުރުވަރީ 2026 - 14:40 4
ލީވާން އަލީ ނާސިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު: އޭނާއާ ދެކޮޅަށް އޭސީސީއަށް މައްސަލަތަކެއް ވަނީ ހުށަހަޅާފައި -- ފޮޓޯ: ސުޕްރީމް ކޯޓު
16 ފެބުރުވަރީ 2026 - 14:40 4
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮޕިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އޭސީސީއަށް ހުށަހެޅީ އަލީ ރަޝީދު ސުޕްރީމް ކޯޓުގެ ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ކަންކަން ކުރާ މައްސަލަތަކެވެ.
މިގޮތުން އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަލީ ރަޝީދު ސުޕްރީމް ކޯޓުގެ މުވައްޒަފުން ބޭނުންކޮށްގެން އަމިއްލަ ބައެއް މަސައްކަތްތައް ކުރުވުން ވެސް ހިމެނެ އެވެ.
ސުޕްރީމް ކޯޓުގައި ރަސްމީ މަސައްކަތަށް އަލީ ރަޝީދު ބޭނުންކުރައްވާ ކޮޓަރިކޮޅުގައި ދަރިންގެ ފޮތުގައި ސެލޯފެން ލައްވައި، ނަންކޮޅު ޕްރިންޓްކުރުމުގެ އިތުރުން އާއިލާ ބައެއް މީހުންގެ އަމިއްލަ ތަކެތި ޕްރިންޓުކުރާ ކަމަށް ވެސް އެ މައްސަލަތަކުގައިވެ އެވެ.
ސުޕްރީމް ކޯޓުގައި އަލީ ރަޝީދަށް ރަސްމީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ލެޕްޓޮޕާއި، ކޮމްޕިއުޓަރު ބޭނުންކޮށްގެން ރަސްމީ ވަގުތުތަކުގައި ކޯސްތައް ފުރިހަމަ ކުރައްވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
ތުހުމަތުތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ސިއްކަ އަލީ ރަޝީދު އަމިއްލަ ބޭނުމަށް ބޭނުންކުރައްވާ ކަމަށްވެ އެވެ. އެގޮތުން ގާތްތިމާގެ މީހުންނާއި އަމިއްލަ ލިޔުންތަކުގައި އަސްލާ އެއްގޮތަށް ތަތްގަނޑު ޖަހާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން އޭސީސީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތަށް ހުރަސް އެޅޭ ގޮތަށް އަލީ ރަޝީދު މަސައްކަތް ކުރެއްވި ކަމަށް ބުނެ މިދިޔަ އަހަރުގެ މާޗު މަހު ވެސް އޭނާއާ ދެކޮޅަށް ޖޭއެއެސްސީއަށް މައްސަލައެއް ހުށަހެޅި އެވެ.
އެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބެއް ޖޭއެސްސީން ސާފުކޮށްދީފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗަށް ސެޕްޓެމްބަރު، 2020، ގައި އަލީ ރަޝީދު ވަނީ މީގެކުރިން ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ޑްރަގް ކޯޓުގައި ގާޒީކަން ކުރައްވާފަ އެވެ. އޭގެ ތެރެއިން ސިވިލް ކޯޓުގެ އިސް ގާޒީކަން ވެސް އަލީ ރަޝީދު ކުރެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment