3 މާރިޗު 2024 - 12:29 0
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަލީ ނިޔާޒު : އެލްޖީއޭއިން ކައުންސިލްތަކަށް އިންޒާރުދޭ މައްސަލަ މަޖިލީހުން ބަލަނީ - ފޮޓޯ: އަދަދު
3 މާރިޗު 2024 - 12:29 0
ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ކައުންސިލްތަކުން ނެރޭ ބަޔާންތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ލޯކަލް ގަވަމެންޓު އޮތޯރިޓޯ (އެލްޖީއޭ) އިން ދެމުން ގެންދާ އިންޒާރުތަކުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލާނެ ކަމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަކީ ލޯކަލް ގަވާނެންސްގެ ކަންތައްތައް ބަލަން މަޖިލީހުގައި އޮންނަ ކޮމިޓީ އެކެވެ.
ރައީސްގެ ދަތުރެއްގެ ތެރެއިން ކެމްޕޭން ހަރަކާތްތައް ހިންގާފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނެއް ބާތިލްކުރަން އަންގައި، އެ އަތޮޅު ވެލިދޫއިން ރައީސާ ބައްދަލުކުރަން ދަތުރު ނުކުރި ސަބަބު ހޯދަންވެސް އެލްޖީއޭއިން ވަނީ ސުވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން އެލްޖީއޭއިން ދެމުންދާ އިންޒާރުތައް މަޖިލީހުން ބަލާނެ ކަމަށް އަލީ ނިޔާޒު ފުރަތަމަ ވިދާޅުވީ އޭނާގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގަ އެވެ.
އެކަމުގެ ތަފުސީލު ދެއްވަމުން އޭނާ "އަދަދު" އަށް ވިދާޅުވީ، މި މައްސަލަ ބެލުމަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ ބައްދަލުވުމެއް މާދަމާ ބާއްވަން މަަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެލްޖީއޭގެ މެމްބަރުން އެ މައްސަލާގައި ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކައުންސިލް ތަކަކީ އެލްޖީއޭގެ ގޮތްޕެއް ނޫން، އެއީ މިނިވަންކަމާ އެކީ ހިނގަން ގާނޫނު ލާޒިމްކުރާ ޝަހުސުތަކެއް، އެހެންވީމަ އެގޮތަށް އަމަލުކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކުންވެސް ދޭންވާނެ" އަލީ ނިޔާޒު ވިދާޅުވި އެވެ.
ވެލިދޫ ކައުންސިލުން ރައީސާ ބައްދަލުކުރަން ދެކޮޅު ހެދީ އެ އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ނަމަވެސް ރައީސް އެ ރަށަށް ކުރައްވަން އޮތް ދަތުރު ކެންސަލް ކުރުމަށްފަހު، އެމަނިކުފާނާ ބައްދަލުކުރަން އެ އަތޮޅު ހޮޅުދޫއަށް ދާން އެންގުމުންނެވެ.
ކެނދިކުޅުދޫ ކައުންސިލުން ބަޔާނެއް ނެރުނީ ރައީސް މުއިއްޒުގެ ކެނދިކުޅުދޫއަށް ވަޑައިގެން ކައުންސިލުގެ ރުހުމެއް ނެތި، ކައުންސިލުން އިންތިޒާމު ކުރި ހަރަކާތް ސިޔާސީ ހަރަކާތެއްގެ ގޮތުގައި ސިފަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ ގޮތުން ވާހަކަ ދެއްކެވި ކަމަށް ކައުންސިލުގެ ބަޔާނުގައި ތުހުމަތުކޮށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment