Advertisement

ކަނޑުގެ ސަރަހައްދަށް ބަަޔަކު ވަދެ ބޭނުންކުރިޔަސް، އެހެން ބައެއްގެ އެހީއާ ނުލައި ކުރެވޭނެ ކަމެއް ނެތް: ރައީސް

3 މާރިޗު 2024 - 10:08 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައީސް ޑރ.މުހައްމަދު މުއިއްޒު ރ.މީދޫ ގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނު ރ. އަތޮޅުގެ އެހެން ބައެއް ރަށްރަށާއި ބ.އަތޮޅަށް ވެސް ވަޑައިގަންނަވާނެ. ފޮޓޯ:ރައީސް އޮފީސް


ކަނޑުގެ ސަރަހައްދަށް ބަަޔަކު ވަދެ ބޭނުންކުރިޔަސް، އެހެން ބައެއްގެ އެހީއާ ނުލައި ކުރެވޭނެ ކަމެއް ނެތް: ރައީސް

3 މާރިޗު 2024 - 10:08 0

ރާއްޖޭގެ ސަރަަހައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަހައްދު ކަމަށް ވާއިރު އެހެން ބައެއްގެ އެހީތެރިކަމާ ނުލައި މީގެ ކުރިން އެ ސަރަހައްދު ބެލެހެއްޓިފައި ނުވާ ކަމަށާއި ރާއްޖެއިން އަމިއްލައަށް އެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް މި މަހު ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

މާޅޮސްމަޑުލަށް އިއްޔެ ފެށްޓެވި ދަތުރުފުޅުގައި ރ. މީދޫގައި ރޭ ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން މިހައިތަނަށް ދިވެހިންނަށް ބެލެހެއްޓިފައި ވަނީ އެންމެ ދެތިން ޕަސެންޓް ކަމަށާއި އެއީ އަތޮޅުތަކުގެ އެތެރެވަރި ކަމަށެވެ. އެއީ ރާއްޖޭގެ ގާބިލުކަން ޒަމާނުއްސުރެ އޮތް ވަރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިޔަސް ހަގީގަތުގައި އަޅުގަނޑުމެން ކުރާނެ ކަމެއް ނެތް، އަދި އޭގެން ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ، އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ވާނެ އެއްވެސް ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ކަނޑުގެ ސަރަހައްދު އަމިއްލައަށް ނުބެލެހެއްޓޭތީ އަމިއްލަ ފައިމައްޗަށް ތެދުވެވުމުގެ އިހުސާސް ނުކުރެވެ އެވެ. ރާއްޖޭގެ ހަގީގީ މިނިވަން ކަން ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެެހެންވީމާ ހަގީގީ އަމިއްލަ ފައިމައްޗަށް ތެދުވެވުމެއް އަޅުގަނޑުމެންނަކަށް އިހުސާސެއް ނެތް ކުރެވިފައެއް މިހާތާކަށް، ހަގީގީ މިނިވަންކަމެއް ނެތް. އަޅުގަނޑުމެންގެ މިއޮތް ބޮޑު ކަނޑު، އަޅުގަނޑުމެން ގައުމުގެ 98 ޕަސެންޓެއް ނުބެލެހެއްޓޭ، އެކަމަކު އަޅުގަނޑުމެންގެ ގައުމުގެ ބައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ކުރަމުން އަންނަނީ ކަނޑުގެ ސަރަހައްދު ރާއްޖޭން އަމިއްލައަށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެެއްސުމުގެ މަސައްކަތެވެ. މި މަހުގެ ތެރޭގައި އެކަން ފެށޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ސައްވީސް ގަޑިއިރު ހުއްޓުމެއް ނެތި، މި ސަރަހައްދު ބެލެހެއްޓޭނެ ނިޒާމެއް އިރާދަކުރެއްވިއްޔާ މިމަސް ތެރޭ ގާއިމުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް މި މޭރުމުން ވާހަކަފުޅު ދެއްކެވި އިރު މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ތެރެއަށް އިންޑިއާ ސިފައިންގެ އުޅަނދުތަކެއް ވަދެ، ދިވެހި މަސްދޯނި ފަހަރަށް އެރި އެވެ. ހަތިޔާާރާ އެކު މަސްދޯނި ފަހަރަށް އެރި މައްސަލާގައި ޖަވާބެއް ދޭން ރާއްޖޭން އެދުނު ނަމަވެސް އެގައުމުން ޖަވާބެއް ދިން ކަމަކަށް ސަރުކާރަކުން އަދި ނުބުނެ އެވެ.

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ފެބްރުއަރީ 20، ގައި ވިދާޅުވީ ދިވެހި މަސް ދޯނިތަކެއް އުޅެނިކޮށް އިންޑިއާ ސިފައިންގެ ބަޔަކު އެރި ސަބަބު ފިޝަރީޒް މިނިސްޓްރީއަށް އަދިވެސް ނޭނގޭ ކަމަށެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ދިވެހި ސިފައިންނަށް އެހީތެރިވެދިނުމުގެ ގޮތުން ހަތަރު ޕެޓްރޯލް އުޅަނދު ދޭން އެމެރިކާ ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން, އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 37 މިލިއަން ޑޮލަރު ވެސް ވަނީ ހަމަޖައްސާފަ އެވެ.