Advertisement

މައުލޫމާތު ދޭން ދެކޮޅު ހަދައި އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްފި

2 މާރިޗު 2024 - 09:59 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައި ޕާޓީގެ ނިޝާން ޖެހި ދިދަތަކެއް އަތުރާފައި: މައުލޫމާތުގެ ގާނޫނަށް އެ ޕާޓީ ނުފެތޭ ކަމަށް ބުނެ ކޯޓަށް ގޮސްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މައުލޫމާތު ދޭން ދެކޮޅު ހަދައި އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްފި

2 މާރިޗު 2024 - 09:59 0

އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ދޫކުރާއިރު، މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އެ ޕާޓީން މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުން އިސްތިއުނާފުކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބަލައިނުގަންނަން ހައި ކޯޓުން ނިންމައިފި އެވެ.

ގާނޫނުގައި ބުނާ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި، އެމްޑީޕީއާއި ސިޔާސީ ޕާޓީތައް ނުވަންނަ ކަމަށް ބުނެ ހައި ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައިނުގަންނަން ރަޖިސްޓްރާ ނިންމެވީ، އެ އިސްތިއުނާފީ ނުކުތާއަށް، އެއްވެސް ގާނޫނީ ނައްސެއް އެ ޕާޓީން ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައި ނެތުމުންނެވެ. އެ ގޮތަށް ބުނުން ފިޔަވައި އެއްވެސް ތަފުސީލެއް ނެތް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އާންމު ފަރުދަކު މިދިޔަ އަހަރު އެމްޑީޕީގައި އެދުނު މައުލޫމާތަކީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިން އެ ޕާޓީން އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަންގެ އެއްބަސްވުމެއްވާ ނަމަ އެ އެއްބަސްވުމެއްގެ މައުލޫމާތެވެ.

މީގެ އިތުރުން، އެމްޑީޕީން ކޯލިޝަން ހެދުމަށް ޕާޓީތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި އެއްވެސް އުސޫލެއް އޮތްނަމަ އެ އުސޫލެއްގެ މައުލޫމާތު ދޭން ވެސް އެދިފައިވެ އެވެ.

ގާނޫނުގައި މައުލޫމާތު ދޭން އޮންނަ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މައްސަލަ ބެލުމަށް ފަހު އޮކްޓޯބަރު 2023، ގައި އެމްޑީޕީއަށް އަންގީ އެ މައުލޫމާތުތައް ދިނުމަށެވެ. އެ ޕާޓީ ގާނޫނުގެ ތެރެއަށް ވަންނަ ކަމަށް ވެސް އެންގި އެެވެ.

މި މައްސަލައިގައި އައިކޮމް އިން ބޭއްވި އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވެފައިވަނީ އެ ޕާޓީން ދެކޭ ގޮތުގައި ގާނޫނުގައި މައުލޫމާތު ދިނުމަށް އޮންނަ ދައުލަތުގެ އިދާރާތަކުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއެއް ނުވަންނަ ކަމަށެވެ. އެހެންވެ އައިކޮމް އިން އެމްޑީޕީ އެ ގާނޫނަށް ވަންނަ ކަމަށް ނިންމާ ނަމަ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ. މި ގޮތަށް ފައިސާ ދޫކުރާނީ، ޖުމުލަ ބަޖެޓުގެ 0.1 އިންސައްތައާއި 0.2 އިންސައްތައާ ދެމެދުގެ އަދަދެއް ކަނޑައަޅައި، އެ އަދަދުން މެންބަރަކަށް ޖެހޭ ފައިސާ ކަނޑައަޅައިފަ އެވެ.

ޕާޓީތަކުގެ ގާނޫނު 2015 ވަނަ އަހަރު އެ ގޮތަށް ކަނޑައެޅި ފަހުން، އެމްޑީޕީއަކީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއެކެވެ. މިހާރު ބައި ލައްކައެއްހާ މެންބަރުން ހިމެނޭ، އެ ޕާޓީއަށް މިދިޔަ އަހަރު ވެސް 15.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ކޮންމެ އަހަރަކު ވެސް، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.