Advertisement

ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ އުޅަނދުތަކަށް މަދަނީން ހަމަޖެއްސުން މާރިޔާއަށް ވީ އަރަތަކަށް!

2 މާރިޗު 2024 - 07:46 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ -- ފޮޓޯ: އެމްޑީޕީ


ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ އުޅަނދުތަކަށް މަދަނީން ހަމަޖެއްސުން މާރިޔާއަށް ވީ އަރަތަކަށް!

2 މާރިޗު 2024 - 07:46 0

ރާއްޖޭގައި އޮތް އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވަން އިންޑިއާއިން މަދަނީން ހަމަޖެއްސުމަކީ އަރަތެއް ކަމަށާއި، އިންޑިއާ ސިފައިން ފޮނުވައިލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވީ ދޮގު ވައުދެއްކަން އެކަމުން އެނގޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު، ރާއްޖޭން އިންޑިއާ ސިފައިންނާއި އަސްކަރީ އުޅަނދުތައް ފޮނުވާލުމަށް ދިޔައީ މުޒާހަރާ ކުރަމުންނެވެ. ރާއްޖޭގެ މިނިވަންކަން ގެއްލޭ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ވެސް ބާތިލު ކުރަން ރައީސް މުއިއްޒު ވައުދުވެވަޑައިގަތެވެ. ނަމަވެސް، ދެ ހެލިކޮޕްޓަރާއި މަދިންދާ ބޯޓާއި އެ ތަކެތި ދުއްވަން ސިފައިން ގާއިމުވެ ތިބުމުގެ އެއްބަސްވުން ބާތިލުކުރިކަން ހާމައެއް ނުކުރެ އެވެ. އަދި އެތަކެތި ގެންދިޔުމަށް އެންގުމުގެ ބަދަލުގައި މަޝްވަރާކޮށް ނިންމީ މަދަނީން ގެނައުމަށެވެ.

ސާވިއަލެންސް އޮޕަރޭޝަންތަކާއި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އިންޑިއާގެ އަސްކަރީ އެ އުޅަނދުތައް ދުއްވަން ދެން ތިބޭނީ އިންޑިއާގެ މަދަނީން ކަމަށް ދިވެހި ސަރުކާރުން ބުނާއިރު، އިންޑިއާ ސަރުކާރުން ބުނަނީ ރާއްޖެ ފޮނުވަނީ "ޓެކްނިކަލް" މީހުން ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނިއިރު ދެ ހެލިކޮޕްޓަރާއި މަތިންދާ ބޯޓު ދުއްވަން އިންޑިއާގެ އައްޑިހައަށް ވުރެ ގިނަ ސިފައިން ތިއްބެވެ. އޭރު އެތަކެތި އެމްއެންޑީއެފުގެ ހުއްދައެއް ނެތި އުދުހޭ ކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ބުނަމުން ދިޔަ އެވެ.

"[އޭރު ބުނަމުން ދިޔައީ] އިންޑިއާ މީހުން މިތާ ތިބީމާ އިސްތިގުލާލު ގެއްލިގެން ދަނީއޭ. މިހާރު ވެސް އެ މީހުން އެބަ ތިބި. އޭރު ވެސް އަޅުގަނޑުމެން ބުނިން އެމްއެންޑީއެފްގެ ހުއްދަ ނެތި އެ މީހުންނަށް އުދުއްސައެއް ނުގަނެވޭނޭ،" ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ރޭ އެމްޑީޕީ ހަރުގޭގައި، "ދޮގު ދޮލަނގު" ނަމުގައި ބޭއްވި ޖަލްސާގައި މާރިޔާ ވިދާޅުވި އެވެ.

ރާއްޖޭގައި ބޭނުންކުރާ އިންޑިއާގެ އަސްކަރީ އުޅަނދުތައް ދުއްވާނީ އިންޑިއާގެ މަދަނީން ކަމަށް ބުނެ ހަދަމުން އެ ދަނީ ބުހުތާނު ދޮގު ކަމަށް ވިދާޅުވުމަށް ފަހު އެ ކަމާ ގުޅޭ ގޮތުން މާރިޔާ ސުވާލުތަކެއް ވެސް ދޫކޮށްލެއްވި އެވެ.

"އިންޑިއާ ކަހަލަ ގައުމެއްގައި އާންމު ރައްޔިތުން ތިބޭތޯ ޕައިލެޓުން ތިބޭތޯ ސިވިލް ސާވަންޓުންހެން ދިވެހިރާއްޖެއަށް ބޭނުން ވެދާނެތީ ކުއްލިއަކަށް އާދައިގެ ހެދުން އަޅާލައިގެން ވައްޓާލަން. އެއްވެސް ތަނެއްގައި އިއުލާނުކުރިތޯ ޕައިލެޓުން ބޭނުން ވެގެން. އެއްވެސް އިންޑިއާގެ ނޫހަކުން ދެކެވަޑައިގެންނެވިންތޯ؟ އެ އަންނަނީ ކޮން ބައެއްތޯ؟ އެގޮތަށް ތައްޔާރުވެފައި ކުރިން ވެސް ތިބި މީހުން. އެކަމަކު ދިވެހި ރައްޔިތުން ގަޅި ހައްދާނަމޭ ހިތާ މި ވާހަކަތައް މި ދައްކަނީ،" މާރިޔާ ވިދާޅުވި އެވެ.

އަސްކަރީ އުނދަގު ދުއްވަން މަދަނީ ގެންނަ ވާހަކަ ބުނުމުން އެކަމަށް ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން މިހާރު އޯކޭތޯ މާރިޔާ ސުވާލު އުފެއްދެވި އެވެ.

އަސްކަރީ އުނދަގުތައް ދުއްވަން މަދަނީން ގެންނަ ނަމަ ވަކި ގައުމަކުން ގެންނަންވީ ކީއްވެގެންތޯ ވެސް މާރިޔާ ސުވާލު އުފެއްދެވި އެވެ.

އިންޑިއާ އާއި ރާއްޖޭން މިހާރު އެއްބަސްވެފައި ގޮތުން އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެއިން ފުރުމަށް ހަމަޖެހިފައި ވަނީ މާޗް 10، ގެ ކުރިންނެވެ. ފަހު ބެޗު ރާއްޖެއިން ދާނީ މެއި 10، ގެ ކުރިންނެވެ. ދެން ތިބޭނީ މަދަނީ ކަމަށާއި އެއީ ޔުނިފޯމް ބަދަލުކުރި މަދަނީ ކަމަށް ބުނެ ސަރުކާރަށް ދަނީ ފާޑުކިޔަމުންނެވެ.

ރައީސް މުއިއްޒުގެ ފުރަތަމަ 100 ދުވަހު ކަން ކުރެއްވި ގޮތުން އެ މަނިކުފާނު ހުއްޓުވަންޖެހޭ ކަމަށާއި ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ރައްޔިތުންނަށް ވިސްނިއްޖެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.