ގދ. ވާދޫ ކައުންސިލް އިދާރާގައި އަހްލާގީ އަދި ސުލޫކީ ގިނަ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ)އިން ހެދި އިންކުއަރީއަށް ފަހު، ހުރިހާ މެންބަރުން މުސާރަ ނުހިނގާ ގޮތަށް ވަޒީފާގެ ޒިންމާތަކުން ދުރުކޮށްފި އެވެ.
އެލްޖީއޭއިން މިރޭ ގެޒެޓުކުރި އެންގުމެއްގައި ބުނީ، އިންކުއަރީ ކުރިއަށް ގެންދިޔައީ ޖަވާބުދާރީވުމަށް ހަތް ދުވަހުގެ މުހުލަތެއް ދީގެން ކަމަށެވެ. އަދި މައްސަލައާ ގުޅޭގޮތުން ކައުންސިލް ހުރިހާ މެންބަރުން، އަދި މުވައްޒަފުންގެ ބަޔާނެއް ނަގައި ލިޔެކިއުންތައް ބަލައި މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށް ބުނެ އެވެ.
އިންކުއަރީ ރިޕޯޓު އެކުލަވާލައި، ޖަވާބުދާރީ ވުމަށް ކައުންސިލަރުންނަށް ދެވުނު ހަތް ދުވަހުގެ މުއްދަތުގައި ހުރިހާ ކައުންސިލަރުން ޖަވާބުދާރީވިކަމަށް އެލްޖީއޭއިން ބުނެ އެވެ.
ކައުންސިލުގެ މެންބަރުންނާއި ރައީސްއަށް އަޅާފައިވާ ފިޔަވަޅުތައް:
- ހަސަން އަބްދުﷲ - ކައުންސިލުގެ ރައީސް: މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑުކުރުން
- ހާޝިރު މުހައްމަދު - ނައިބުރައީސް: މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ދެ މަހަށް ސަސްޕެންޑުކުރުން
- މުހައްމަދު ޝިފާގު - ކައުންސިލަރު: މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ތިން މަހަށް ސަސްޕެންޑުކުރުން
- މާރިޔަތު އިބްރާހީމް - ކައުންސިލަރު: މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އެއް މަހަށް ސަސްޕެންޑުކުރުން
- ސާރާ މުހައްމަދު - ކައުންސިލަރު: މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ދެ މަހަށް ސަސްޕެންޑުކުރުން
ވާދޫ ކައުންސިލާ ގުޅިގެން އެލްޖީއޭއިން 27 މައްސަލައެއް ބެލި އެވެ. އެ މައްސަލަތަކަކީ:
- ގދ. ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިދާރީ އިންތިޒާމުތައް ކައުންސިލުން ހަމަޖައްސާފައި ނެތުން
- ލާމަރުކަޒީ ގާނޫނާއި އިޖުރާއީ ގަވާއިދާއި އެއްގޮތަށް ކައުންސިލުގެ ބައްދަލުވުންތައް ބާއްވާފައިނުވުން.
- ކައުންސިލުގެ ބަޖެޓުން އިންކައިންޑް އަދި ފައިސާގެ ގޮތުގައި މާލިއްޔަތުގަ ގަވާއިދާ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ޚަރަދު ކުރުން
- J-GOM ފަންޑުގެ ތެރެއިން ބޮޑު އަދަދެއް އަނެއް އަހަރުގެ J-GOM ފަންޑުގެ ތެރެއަށް ކެރީ ފޯވަރޑްކޮށްފައިވާކަން.
- މާލިއްޔަތުގެ ގަވާއިދާއި ހިލާފަށް ކައުންސިލުން ފައިސާ ބަލައިގަތުން
- ސިވިލް ސަރވިސްގެ ގަވާއިދުއާ އެއްގޮތަށް ކައުންސިލު އިދަރާގެ މުވައްޒަފުންގެ ހާޒިރީއާއި ރެކޯޑުތައް ބަލަހައްޓާފައިނެތުން
- އިޖުރާއީ ގަވާއިދާ އެއްގޮތައް ކައުންސިލުއިދާރީ އޮނިގަނޑު ފާސްކޮށް އޮނިގަނޑާ އެއްގޮތައް މުވައްޒަފުންނަށް މަސައްކަތް ހަވާލުކުރެވިފައި ނެތުން.
- ކައުންސިލުގެ އިދާރާގައި އާންމުން ވަނުންމަނާ ތަންތަނަށް އާންމުންނަށް ވަދެވޭ ގޮތަށް އިންތިޒާމުތައް ހަމަޖެހިފައި އޮތުން.
- ކައުންސިލުގެ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިނުވުމާއި ބައްދަލުވުމަށް އެޖެންޑާކުރުމަށް މެންބަރުން ހުށަހަޅާ މައްސަލަތައް ކައުންސިލުގެ ރައީސް އެޖެންޑާ ނުކުރުން
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުގެމަތިން ކައުންސިލުގެ މަސައްކަތު ތާވަލާއި ބަޖެޓް ފާސްކޮށް ހުށަހަޅާފައި ނެތުން
- ލޯކަލް ކައުންސިލްތަކުގެ އާންމު އިޖުރާއީ ގަވާއިދުއާ އެއްގޮތަށް ކައުންސިލަރުންގެ ހާޒިރީ ބަލަހައްޓާފައިނުވުމާއި، ހާޒިރީއާ ގުޅުންހުރި ސުލޫކީ މައްސަލަތައް.
- ކައުންސިލު އިދާރާ މުވައްޒަފުންގެ ހާޒިރީއާއި ގުޅުންހުރި މައްސަލަ
- ކައުންސިލުގެ ރައީސް ކައުންސިލު އިދާރާތެރޭ ދުންފަތުގެ އިސްތިއުމާލުކުރާ މައްސަލަ
- ކައުންސިލު އިދާރާގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ރަސްމީ ޗެނަލުން ބޭރުން، ކައުންސިލުގެ ރައީސް ރައްޔިތުންނަށް މައުލޫމާތު ލީކްކުރާ މައްސަލަ
- ކައުންސިލުގެ ރައީސް، ކައުންސިލުގެ މުވައްޒަފުންނަކީ ދަށް ފަންތީގެ ބެއެއްކަމަށްބުނެ މުވައްޒަފުންގެ އަގުވެއްޓޭގޮތަށް މުވައްޒަފުންނާ ގުޅޭގޮތުން ދޮގު ވާހަކަތަކާއި ބޭއަދަބީ މެސެޖުތައް ކައުންސިލު ރަސްމީ ވައިބާ ގްރޫޕަށް ފޮނުވައި ސޯޝަލް މީޑިއާގައި އަދި ހޮޓާ ކެފޭތަކުގައި އެފަދަ ވާހަކަތައް ދައްކަމުންދާ މައްސަލަ
- ކައުންސިލު މުވައްޒަފުންނަށް އަޑުލައި ކަންކަމަށް މަޖުބޫރު ކުރުމާ މެންބަރުންގެ މެދުގައި ޖެހޭ މައްސަލަތަކުގެ ރުޅި ކައުންސިލު އިދާރީ މުވައްޒަފުންނަށް އަމާޒުކުރަމުންދާ މައްސަލަ
- ކައުންސިލު ބައްދަލުވުމުން ކަންކަން ނިންމުމުން އެކަންކަން ތަންފީޒުނުވާނެކަމަށް ބުނުމާއި، ބައްދަލުވުމުން ނިންމާ ނިންމުން ތަންފީޒު ނުވާ މައްސަލަ
- ކައުންސިލުން ގާނޫނު ނަންބަރު: 2010/7 (ދިވެހިރައްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު) ގައިވާ ގޮތުގެމަތިން ރައްޔިތުންނަށް ޖަވާބުދާރީ ނުވާ މައްސަލަ.
- ސެކްރެޓަރީ ޖެނެރަލް މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާނުކުރުމާ، އެކި މުވައްޒަފުންގެ މެދުގައި ތަފާތުކުރުމާއި ކުދި ކުދި ކަންކަމުގައި މުވައްޒަފުންނަށް އިންޒާރުދޭ މައްސަލަ.
- ކައުންސިލު އިދާރާގެ ތެރޭގައި ކައުންސިލަރުން އެކަކު އަނެކަކު ގަޔަށް އަތްލައި މާރާމާރީ ހިންގާ މައްސަލަ
- ކައުންސިލަރުން ރަސްމީ ވަގުތާއި، ކައުންސިލުގެ އާންމު ބައްދަލުވުންތަކަށް ނުރަސްމީ ހެދުމުގައި ކައުންސިލަރުން ހާޒިރުވާ މައްސަލަ.
- ކައުންސިލަރުން ބޭއަދަބީ ބަހުރުވައިން ބައްދަލުވުންތަކާއި، މަސައްކަތުގެ މާހައުލުގައި ޒުވާބުކުރާ މައްސަލަ.
- ކައުންސިރުންގެ ފަރާތުން އިދާރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާކުރާކަމުގެ މައްސަލަ.
- ކައުންސިލަރުން މުވައްޒަފުންގެ މަސައްކަތްތައް ހުރަސްއެޅޭ ގޮތަށް އަމަލުތައް ބެހެއްޓުން.
- ކައުންސިލު އިދާރާގައި ބައިބައިވުން އުފެދި، މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއްނެތުން.
- ކައުންސިލުގެ ރައިސް ހިންހަމަ ނުޖެހޭ މެންބަރުންގެ ޗުއްޓީ ހިފެހެއްޓުން.
- ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގައި އުޅޭ ބިދޭސީންނަށް ބިރުދައްކާ މައްސަލަ
Comment