Advertisement

އާންމުންގެ އުޅަނދުތައް ސަރުކާރުން ގަންނަ ޕްރޮގްރާމެއް އަންނަ އަހަރު ފަށަނީ

28 ފެބުރުވަރީ 2024 - 17:30 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިންޑަސްޓްރިއަލް ޒޯނުގައި ހުރި ބާ ވެހިކަލްތަކެއް: މިގޮތަށް ބޭނުންނުކުރާ އެންމެ ގިނަ ވެހިކަލްތައް ޖަމާކޮށްފައި ހުރީ މި ސަރަހައްދަށް -- އަދަދު ފައިލް ފޮޓޯ


އާންމުންގެ އުޅަނދުތައް ސަރުކާރުން ގަންނަ ޕްރޮގްރާމެއް އަންނަ އަހަރު ފަށަނީ

28 ފެބުރުވަރީ 2024 - 17:30 0

މާލެއަށް ދިމާވެފައިވާ ވެހިކަލް ގިނަވުމުގެ މައްސަލައަށް ހުށަހަޅާ ހައްލުތަކުގެ ތެރެއިން ވެހިކަލް ބައިބެކް (އެއްގަމު އުޅަނދުތައް އަނބުރާ ގަތުމުގެ) ޕްރޮގްރާމެއް ފަށަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭގައި ވެހިކަލްތައް ގިނަވުމުގެ މައްސަލައާ ގުޅޭގޮތުން ސުވާލުކުރުމަށް މިއަދު ޓްރާންސްޕޯޓު މިނިސްޓްރީ މަޖިލީހުގެ ގަވައިދު ކޮމެޓީއަށް ހާޒިރުކުރުމުން، މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، އުޅަނދުތައް އަނބުރާ ގަންނަ ޕްރޮގްރާމަކީ އެކަން ހައްލުކުރުމަށް އަޅާ އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ.

"18 ޕަސެންޓާއި 22 ޕަސެންޓާ ދެމެދުގެ ބޭފުޅުން އޮންދަ ސްޕޮޓުގަ އިވެލުއޭޝަން ހަދާފައި ލާރި ދޭނަމަ ދޫކޮށްލަނީ. މިހާރު [މި ޕްރޮގްރާމު] ކުރިއަށް ގެންދިޔައިމަ ވާގޮތަކީ އިތުރަށް ހާލަތު ގޯސް ނުވެ ހިފެހެއްޓެނީ" އަމީން ވިދާޅުވި އެވެ.

މި ޕްރޮގްރާމު އަވަހަށް ފެށުން މުހިންމު ނަމަވެސް، އެކަމަށް ބަޖެޓެއް ބޭނުންވާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވި އެވެ. އެހެންކަމުން އަމީން ވިދާޅުވީ ވެހިކަލް ބައިބެކް ޕްރޮގްރާމު ހިންގުމަށް އަންނަ އަހަރުގެ ބަޖެޓަށް 500 މިލިއަން ރުފިޔާ ހުށަހަޅާނެ ކަމަށެވެ.

ވެހިކަލް ބައިބެކް ޕްރޮގްރާމުތަކުގެ ދަށުން އާންމުކޮށް ގަންނަނީ ދުވަސްވެފައިވާ ބާ ވެހިކަލްތަކެވެ. ނަަމަވެސް ދުވަސްނުވާ ވެހިކަލްތައް ވެސް މިފަދަ ޕްރޮގްރާމުތަކުގެ ތެރެއިން ގަނެ އެވެ.

އަމީން ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ގަންނަ ވެހިކަލު ރީ-އެކްސްޕޯޓު ނުވަތަ، ބައު ދަނގަނޑުގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާ އާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި މިފަދަ ކާމިޔާބު ޕްރޮގްރާމުތައް ހިންގާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"އޮސްޓްރޭލިއާ ސިންގަޕޫރުފަދަ ގައުމުތަކުގައި އެބޭފުޅުން މީގެ 10-12 އަހަރު ކުރިން ހިންގަވާފަ އޮތް ޕްރޮގްރާމެއް މިއީ. އެކަން ކުރެވޭނީ ކެރީން ކެޕޭސިޓީ ޑިކްލެއާކުރުމަށް ފަހު" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލެ ސިޓީއަށް ދިމާވެފައި އޮތް ވެހިކަލު ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ދެން އެންމެ މުހިންމު ކަމަކީ މަލްޓިސްޓޯރީ ޕާކިން ބިލްޑިން ގާއިމްކުރުން ކަމަށެވެ. އެކަން ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

އޭގެ އިތުރުން ވެސް، މިނިސްޓަރު ވިދާޅުވީ، ވެހިކަލް މައްސަލަ ހައްލުކުރުމަށް ގިނަ ވިސްނުންތަކެއް ގެންގުޅުއްވާ ކަމަށާއި، މިހާރު ބައެއް މަސައްކަތްތައް ފެށި ނަތީޖާ ވެސް ފެންނަމުން ދާކަމަށެވެ.

އެގޮތުން މީގެ ކުރިން ދުވާލެއްގެ މައްޗަށް އެތައް ވެހިކަލެއް ރަޖިސްޓްރީ ކުރެވެމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު ވަރަށް ބޮޑަށް ދަށްކުރެވިއްޖެކަން ފާހަަގަކުރެއްވި އެވެ. އަދި މިއީ މިނިސްޓްރީއަށް ގާނޫނުން މަތިކޮށްފައިވާ ގޮތަށް ގަރާޖު ސިޓީތަކުގެ ސައްހަކަން ކަށަވަރުކުރާތީ ކޮށްގެން ގެނައި ބަދަލެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އަމީން ވިދާޅުވީ މިއީ ކުރީގެ ސަރުކާރުތަކުން ނުކޮށް ދޫކޮށްލި ނަމަވެސް މި ސަރުކާރުން އެކަން ކަށަވަރުކުރަމުން ގެންދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޭނާ ކޮމިޓީގައި ދެއްވި އެވެ.

ސަރުކާރުން އުޅަނދުތައް އަނބުރާ ގަތުމުގެ ޕްރޮގްރާމެ ފަށަން ރާވާއިރު މިހާރު ވެސް ވޮލުންޓަރީކޮށް ނުވަތަ އެކަމަށް އެދޭ ފަރާތްތަކުގެ ބާވެފައި ހުރި ވެހިކަލްތައް ނައްތާލުމުގެ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެ އެވެ. އެގޮތުން 56 އުޅަނދެއް ނައްތާލާފައިވާ ކަމަށް މިދިޔަ ހަފުތާގައި ޓްރާންސްޕޯޓުން ބުނެފައިވެ އެވެ.