Advertisement

ފުލިދޫ ފާލަމުގެ މަރާމާތަށް ގިރާ ސަރަހައްދު ހިމާޔަތްކުރަން ފަށައިފި

28 ފެބުރުވަރީ 2024 - 18:08 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފުލިދޫ ޖެޓީ ހަލާކުވެފައި: ފުލިދުއަކީ އާބާދީ ކުޑަޔަސް ގިނަ ގެސްޓްހައުސްތަކެއް ހިންގަމުން އަންނަ ރަށެއް -- ފޮޓޯ: އިމްތިޔާޒް


ފުލިދޫ ފާލަމުގެ މަރާމާތަށް ގިރާ ސަރަހައްދު ހިމާޔަތްކުރަން ފަށައިފި

28 ފެބުރުވަރީ 2024 - 18:08 0

ވ. ފުލިދޫ ފާލަން މަރާމާތު ކުރުމުގެ ކުރިން ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

ފުލިދޫގެ ފާލަން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމުން، އެ މައްސަލަ ހައްލު ކުރުމަށް އެމްޓީސީސީގެ ޓީމެއް އެ ރަށަށް ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ފުލިދޫ ކައުންސިލުގެ ރައީސް މުހައްމަދު އިމްތިޔާޒް "އަދަދު" އަށް ވިދާޅުވީ ޖެޓީ މަރާމާތު ކުރުމުގެ ކުރިން ފާލަން ކައިރިން ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ޖިއޯ ބޭގްސް ޖެހުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ފުލިދޫއަށް ލަފާ ފުރުމަށް ބޮޑެތި ދަތިތައް ހުރިއިރު، ހަލާކުވެފައި އޮތް ޖެޓީ މަތީގައި މުދާ އުފުލުމަށް މިހާރު އަޅާފައި ވަނީ ފިލާގަނޑެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޖެޓީގެ މަސައްކަތް ފަށާނެ ދުވަހެއް އަދި ނުއެއް ބުނޭ. އެކަމަކު ޖެޓީ ކައިރިން ގިރާ ސަރަހައްދު ހިމާޔަތް ކުރަން މިހާރު ވަނީ ފެށިފައި" އިމްތިޔާޒް ވިދާޅުވި އެވެ.

ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް "އަދަދު" އަށް ވިދާޅުވީ ފުލިދޫ ޖެޓީ މަރާމާތު ކުރަން މިހާރު ފެށިފައިވާ ކަމަށާއި، މަރާމާތު ކުރުމުގެ މަސައްކަތް ނިމޭނެ ދުވަހެއް ސީދާ ނޭގޭ ކަމަށެވެ.

"ޖެޓީ މަރާމާތު ކުރަން މިހާރު އެ ވަނީ ފެށިފައި. މައްސަލަ ވީހާވެސް އަވަހަށް ހައްލު ކުރެވޭތޯ މި ބަލަނީ. ސީދާ ނިމޭނެ ދުވަހެއް ދަންނަވާކަށް ނޭގޭ" އާދަމް ޝަރީފް ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލިދޫގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ގާތްގަނޑަކަށް ހަ ލައްކައެއްހާ ރުފިޔާ ހަރަދުވާނެ އެވެ. ނަމަވެސް ޖެޓީ މަރާމާތު ކުރަން ހަރަދުވާނެ ވަރެއް ސާފެއް ނުވެ އެވެ.

އާބާދީގައި 277 މީހުން ދިރިއުޅޭ ފުލިދޫގައި މިދިޔަ އަހަރުގެ ނިޔަލަށް، 20 ގެސްޓުހައުސް ހިންގަމުންދެ އެވެ. ނަމަވެސް ޖެޓީ ހަލާކުވުމުގެ ސަބަބުން އެ ވިޔަފާރިތަކަށް އަންނަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.