Advertisement

ކުވެއިތު ފަންޑުން ދިން ފައިސާ އަނބުރާ ގެންދިޔަ ކަމަށް ރައީސް ވިދާޅުވި ވާހަކަ އަމީރު ދޮގުކުރައްވައިފި

26 ފެބުރުވަރީ 2024 - 18:54 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު: ކުވެއިތު ފަންޑުން ފަންޑު ދިނުން އަނބުރާ ގެންދެވި ކަމަށް ރައީސް ދެއްކެވި ވާހަކަ ދޮގުކުރެއްވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކުވެއިތު ފަންޑުން ދިން ފައިސާ އަނބުރާ ގެންދިޔަ ކަމަށް ރައީސް ވިދާޅުވި ވާހަކަ އަމީރު ދޮގުކުރައްވައިފި

26 ފެބުރުވަރީ 2024 - 18:54 1

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަޝްރޫއުތައް ލަސްވެގެން ކުވެއިތު ފަންޑުން ދިން ފަންޑުތަކެއް އަނބުރާ ގެންދިޔަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަ، އޭރު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގައި ކުވެއިތު ފަންޑުގެ އެހީގައި ހޮސްޕިޓަލެއް އެޅުމުގެ މަޝްރޫއު ހިނގަމުންދާ، ހދ. ހަނިމަދުއަށް ވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ ކުވެއިތު ފަންޑުން އޭރު ދޫކުރި އެހީ މިދިޔަ ސަރުކާރުގައި އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

"މިދިޔަ ސަރުކާރުން އެ ފަންޑުގެ ބޭނުން ނުކޮށް ޕްރޮޖެކްޓުތައް ހިންގުން ލަސްކުރަމުން ލަސްކުރަމުން ގޮސް ކުވެއިތު ފަންޑުން އެންމެ ފަހުން ފަންޑު އަނބުރާ ގެންދިޔައީ، މިދިޔަ ސަރުކާރުގައި،" އެމަނިކުފާނު ވިދާޅުވި އެވެ.

މި އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާއަށް ވާދަކުރައްވާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކަށް ވެސް ހުންނެވި އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުވެއިތު ފަންޑުން އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ކަމަށާއި އޭރު ފަންޑު ދިނުން އަނބުރާ ގެންގޮސްފައިނުވާ ކަމަށެވެ.

"މިއީ ކަނޑައެޅިގެން ދޮގެެއް، ކުވެއިތު ފަންޑުން އަބަދުވެސް އަންނަނީ ރާއްޖެއަށް އެހީތެރިވަމުން، މަޝްރޫއެއް ނުހިންގިގެން އެއްވެސް ޕްރޮޖެކްޓެއް، ފަންޑު ދިނުން އަނބުރާ ގެންގޮސްފައި ނުވޭ. މަނިކުފާނަށް ރަނގަޅު މައުލޫމާތު ދޭނެ ކަމަށް އެކަށީގެންވާ، ގާބިލް މީހުން އައްޔަން ކުރަން ފެނޭ،" އޭނާ ވިދާޅުވި އެވެ.

ކުވެއިތު ފަންޑުގެ އެހީގައި އޭރު ހަތް ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލުތައް އިމާރާތް ކުރުމަށް ސޮއިކުރި އެވެ. މިދިޔަ އަހަރު މެއި މަހު ހަވާލުކުރި ރަށްތަކަކީ ހަނިމާދޫގެ އިތުރުން އދ. މާމިގިލި، ވ. ފެލިދޫ، ތ. ވިލުފުށި، ށ. މިލަންދޫ، ނ. ވެލިދޫ، ކު. ތުލުސްދޫ އެވެ.

އެއިން ހަނިމާދޫ އާއި މާމިގިއްޔާއި ފެލިދޫއާއި ވިލުފުށި ހޮސްޕިޓަލް ހެދުމަށް ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑެޕްލެކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. މިލަންދުއާއި، ވެލިދުއާއި، ތުލުސްދޫ ހޮސްޕިޓަލް ހަވާލުކުރީ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑާ އެވެ.