Advertisement

މައުލޫމާތު ގާނޫނުގެ ދަށުން އެމްޑީޕީން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ބުނެ ކޯޓަށް

24 ފެބުރުވަރީ 2024 - 12:16 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އެމްޑީޕީގެ އެތެރޭގެ ހަރަކާތެއްގައި ބަހައްޓާފައި ހުރި އެއްޗެހިތަކެއް: މައުލޫމާތުގެ ގާނޫނަށް އެ ޕާޓީ ނުފެތޭ ކަމަށް ބުނެ ހައި ކޯޓަށް ގޮސްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މައުލޫމާތު ގާނޫނުގެ ދަށުން އެމްޑީޕީން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ބުނެ ކޯޓަށް

24 ފެބުރުވަރީ 2024 - 12:16 1

ބައި ލައްކައެއްހާ އާންމު މެންބަރުން ހިމެނޭ އެމްޑީޕީއަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ފައިސާ ދޫކުރާއިރު، މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އެ ޕާޓީން މައުލޫމާތު ދޫކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމި ނިންމުމެއް އެމްޑީޕީން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިދިޔަ އަހަރު އާންމު ފަރުދަކު، މައުލޫމާތު ހޯދުމާއި ލިބި ގަތުމުގެ ގާނޫނުގެ ދަށުން އެމްޑީޕީގައި އެދުނު މައުލޫމާތަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރެއިން އެ ޕާޓީން އެމްޑީއޭއާއި އަދާލަތު ޕާޓީއާއެކު ހެދި ކޯލިޝަންގެ އެއްބަސްވުމެއްވާ ނަމަ އެ އެއްބަސްވުމެއްގެ މައުލޫމާތެވެ.

މީގެ އިތުރުން، އެމްޑީޕީން ކޯލިޝަން ހެދުމަށް ޕާޓީތަކުން ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި އެއްވެސް އުސޫލެއް އޮތްނަމަ އެ އުސޫލެއްގެ މައުލޫމާތު ދިނުމަށް ވެސް އެދިފައިވެ އެވެ.

ގާނޫނުގައި މައުލޫމާތު ދިނުމަށް އޮންނަ މުއްދަތުގެ ތެރޭގައި އެ މައުލޫމާތު ނުދިނުމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން މައްސަލަ ބެލުމަށް ފަހު އޮކްޓޯބަރު 2023، ގައި އެމްޑީޕީއަށް އަންގާފައިވަނީ އެ މައުލޫމާތުތައް ދިނުމަށެވެ. އަދި އެ ޕާޓީ ގާނޫނުގެ ތެރެއަށް ވަންނަ ކަމަށެވެ.

މި މައްސަލައިގައި އައިކޮމް އިން ބޭއްވި އަޑުއެހުމުގައި އެމްޑީޕީގެ ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވެފައިވަނީ އެ ޕާޓީން ދެކޭ ގޮތުގައި ގާނޫނުގައި މައުލޫމާތު ދިނުމަށް އޮންނަ ދައުލަތުގެ އިދާރާތަކުގެ ތެރެއަށް އެއްވެސް ސިޔާސީ ޕާޓީއެއް ނުވަންނަ ކަމަށެވެ. އެހެންވެ އައިކޮމް އިން އެމްޑީޕީ އެ ގާނޫނަށް ވަންނަ ކަމަށް ނިންމާ ނަމަ ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި ފެބްރުއަރީ 14، ގައި އެ ޕާޓީން ވަނީ ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފުކޮށްފަ އެވެ. އިސްތިއުނާފުގެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ގޮތެއް ނުނިންމާ ކަން ރަޖިސްޓްރީން ދައްކަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން 10،000 އަށް ވުރެ ގިނަ މެންބަރުން ތިބޭ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހެ އެވެ. މި ގޮތަށް ފައިސާ ދޫކުރާނީ، ޖުމުލަ ބަޖެޓުގެ 0.1 އިންސައްތައާއި 0.2 އިންސައްތައާ ދެމެދުގެ އަދަދެއް ކަނޑައަޅައި، އެ އަދަދުން މެންބަރަކަށް ޖެހޭ ފައިސާ ކަނޑައަޅައިފަ އެވެ.

ޕާޓީތަކުގެ ގާނޫނު 2015 ވަނަ އަހަރު އެ ގޮތަށް ކަނޑައެޅި ފަހުން އެމްޑީޕީއަކީ ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއެކެވެ. އެ ޕާޓީއަށް މިދިޔަ އަހަރު ވެސް 15.1 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ކޮންމެ އަހަރަކު ވެސް، ދައުލަތުގެ ބަޖެޓުން އެ ޕާޓީއަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ.