Advertisement

މަސްވެރިންނަށް މިހާތަނަށް ދޫކުރީ 70 މިލިއަން، ހޯމައިގެ ކުރިން އިތުރު 30 މިލިއަން ދޫކުރަނީ

22 ފެބުރުވަރީ 2024 - 23:53 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ކިރުވި މަހަށް ފައިސާ ނުދީގެން މަސްވެރިން ކުރި އިހްތިޖާޖުގެ ތެރެއިން ކޫއްޑޫ ފަޅުގައި މަސް ދޯނިތައް އަޅާފައި--- ފޮޓޯ:އަދަދު


މަސްވެރިންނަށް މިހާތަނަށް ދޫކުރީ 70 މިލިއަން، ހޯމައިގެ ކުރިން އިތުރު 30 މިލިއަން ދޫކުރަނީ

22 ފެބުރުވަރީ 2024 - 23:53 0

މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ 300 މިލިއަނެއްހާ ރުފިޔާ ހޯދަން ކޫއްޑޫ އާއި އައްޑޫގައި މަސްވެރިން ކުރަމުންދިޔަ އިހުތިޖާޖުތަކާއި ގުޅިގެން އެ ފައިސާ ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް ދޫކުރެވުނީ 70 މިލިއަން ރުފިޔާ ކަމަށް ފިޝަރީޒް މިނިސްޓްރީ އިން ބުނެފި އެވެ.

މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިފްކޯއިން މަސްވެރިންގެ އަތުން ކިރުވި މަހަށް ދޭންޖެހޭ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ މަސްވެރިންނަށް ރޭގެ ނިޔަލަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން މަސްވެރިންނަށް ދިން ޔަގީންކަމާ އެއްގޮތަށް އަންނަ ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާ ކުރާނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ވަނީ ކޫއްޑޫގައި އިހްތިޖާޖު ކުރަމުންދިޔަ މަސްވެރިންނާ ބައްދަލުކުރުމަށް ފިޝަރީޒް މިނިސްޓަރު ވަޑައިގަތުމުން މަސްވެރިންނާއި އޮޑިވެރިންގެ ފަރާތުން ދިން އެއްބާރުލުމަށާއި، ސަރުކާރުގެ ހުށަހެޅުން ގަބޫލުކޮށް މަސްވެރިން ކުރަމުންދިޔަ އިހްތިޖާޖު ހުއްޓާލައި އެނބުރި މަސްވެރިކަމަށް ނުކުތުމަށް މަސްވެރިން ނިންމާފައިވާތީ އެކަން ފާހަގަކޮށް މަސްވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.

މިފްކޯއިން ބުނީ މިފަދަ ދަނޑިވަޅުތަކުގައި މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް ހިންގާ ފެސިލިޓީތައް ހުއްޓިފައި އޮތުމުން މަސްވެރިންނާއި މަސްވެރި އާއިލާތަކަށާއި އަދި އެކުންފުނިތަކަށް ބޮޑެތި ގެއްލުންތައް ވަމުންދާތީ ދިވެހި ދައުލަތާއި މިނިސްޓްރީން ނުހަނު ކަންބޮޑުވާ ކަމަށާއި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް އެންމެން އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށެވެ.

އޭގެ އިތުރުން މިނިސްޓްރީ އާއި މިފްކޯ އަދި ފިނޭންސް މިނިސްޓްރީ އާއި ކަމާބެހޭ އެހެނިހެން ވުޒާރާތަކާ ގުޅިގެން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ބުންޏެވެ.