Advertisement

މުޒާހަރާ ކުރާތީ އެއިފިލް ޓަވަރު ބަންދު، ފަތުރުވެރިން މާޔޫސްވެފައި

20 ފެބުރުވަރީ 2024 - 06:00 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މުޒާހަރާކުރާތީ ފްރާންސްގެ އެއިފިލް ޓަވަރު ބަންދުކޮށްފައި -- ފޮޓޯ: ރޮއިޓާސް


މުޒާހަރާ ކުރާތީ އެއިފިލް ޓަވަރު ބަންދު، ފަތުރުވެރިން މާޔޫސްވެފައި

20 ފެބުރުވަރީ 2024 - 06:00 1

ފްރާންސްގެ އެއިފިލް ޓަވަރުގައި މުޒާހަރާ ކުރާތީ އެތަން ބަންދު ކުރުމުން ފަތުރުވެރިން މާޔޫސްވެއްޖެ އެވެ.

އެއިފިލް ޓަވަރުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމަށް ގޮވާލައި ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާއާ ގުޅިގެން ޓަވަރު ވަނީ ބަންދުކޮށްފަ އެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހު ޓަވަރު ބަލާލުމަށް ދާން ނަން ނޯޓު ކޮށްފައިވާ ފަތުރުވެރިންނަށް އެ ފުރުސަތު ލިބިފައި ނުވާއިރު، ޓަވަރު އަނބުރާ ހުޅުވާނީ ކޮން ދުވަހަކު ކަމެއް މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

އެއިފިލް ޓަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްސީލްކުރާ ސީޖީޓީ ޔޫނިއަން އިން ބުނީ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ބަލާއިރު އެކަށީގެންވާ އާމްދަނީއެއް ނުލިބޭ ކަމަށާއި، ނަމަވެސް ޓަވަރު ބަލާލުމަށް ޓިކެޓު ބޮޑު އަގުގައި ވިއްކާ ކަމަށެވެ.

"މުވައްޒަފުން އެދެނީ ޓިކެޓު ވިއްކާ ނިސްބަތުން މުސާރަ ބޮޑު ކުރުމަށް" ސީޖީޓީ ބުނެ އެވެ.

އާންމުކޮށް ކޮންމެ ދުވަހަކު ހުޅުވާ އެއިފިލް ޓަވަރުގެ މުވައްޒަފުން ވަނީ މިދިޔަ ޑިސެމްބަރު މަހުވެސް މުޒާހަރާއެއް ކޮށްފަ އެވެ.

ފަރަންސޭސި ވިލާތުގެ ފަހުރެއް ކަމުގައިވާ، އުސްމިނުގައި 330 މީޓަރު ހުންނަ އެއިފިލް ޓަވަރު ހުޅުވީ 1889 ވަނަ އަހަރު އެވެ. އެ ޓަވަރު ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެވްރެޖުކޮށް ހަ މިލިއަން ފަތުރުވެރިން ކޮންމެ އަހަރަކު ޒިޔާރަތް ކުރެ އެވެ.