Advertisement

ބަހާއި ބަހުރުވަ؛ ރާއްޖޭގެ އެންމެން ވާހަކަ ދައްކަނީ އެއް ބަހަކުންތަ؟

20 ފެބުރުވަރީ 2024 - 07:33 4

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ބަހާއި ބަހުރުވަ؛ ރާއްޖޭގެ އެންމެން ވާހަކަ ދައްކަނީ އެއް ބަހަކުންތަ؟

20 ފެބުރުވަރީ 2024 - 07:33 4

މީގެ ދެތިން މަހެއް ކުރިން، ދިވެހިބަހާއި ތާރީހުގެ އުސްތާޒުންތަކަކާއެކު ދެކެވުނު ވާހަކައެއްގައި ބަހާއި ބަހުރުވައިގެ ތަފާތުގެ މައްޗަށް ކުޑަ ބަހުސެއް ހިނގި އެވެ. އޭގެ ތެރެއިން ބޭފުޅަކު ދެކެވަޑައިގެންނެވި ގޮތުގައި، ހުވަދޫއާއި އައްޑޫގައި މޮށެއުޅެނީ ވަކި ބަހަކުންނެވެ. އެއީ ރަސްމީ ދިވެހި ބަހުގެ ބަހުރުވައެއް ނޫނެވެ. މި ބަހުސްގެ ހައްސާސްކަމުގެ މައްޗަށް ވިސްނުން ހިންގުމެއް ނެތި އަޅުގަނޑު ވަގުތުން އެ ވާހަކައާ އެއްބަސްވީމެވެ. ކުރިންވެސް ފިކުރު ހިންގިފައިވާ ކަމަކަށްވާތީ އާއި އެކަމުގެ މައްޗަށް ހުރި ބުއްދީގެ ދަލީލުތައް ގިނަކަމުންނެވެ.

އެ މޭޒުގައި ދެން އިންނެވީ އަޅުގަނޑުމެން މާ އިހުތިރާމުކުރާ އަޅުގަނޑުމެންގެ އުސްތާޒެކެވެ. ރައުޔަކަށް އަހާލުމުން އެބަ ވިދާޅުވެ އެވެ. ކަލޭމެން ކަހަލަ ޖާހިލު މުރައްކަބުން ކުރާ ތިޔަ ޒާތުގެ ފެން ނުފެހިފެއްޓޭ ޒުވާބުތަކުގައި އަމުދުން މަށެއް ބައިވެރިއެއްވެސް ނުވާނަމެވެ. ތިޔައީއަކީ ބަހުސަކަށް ޖާގަވެސް އޮތްކަމެއް ނޫނެވެ. ކަލޭމެން ދެ ޖާހިލު ހަންޑަވާޅިން ތިޔަ ޒުވާބުގައި ތިބޭށެވެ. މަ އިންނާނީ ހަނު އެވެ. ނާ އެއްޗެއް ވިދާޅުވާންވާނޭ ނޫންތޯ އެހީމާ އެއަށްވުރެ އިތުރަށް ކޯފާވެފައި ވިދާޅުވެ އެވެ. ކަލޭމެންގެ ތިޔަ ބަހުސުން ފިތުނައެއް ނޫނީ ނުއުފެދޭނެ އެވެ. ފިތުނަ އުފެދޭ ކަހަލަ ބަހުސް ކުރާނީ ޖާހިލު މުރައްކަބުންނެވެ. އެހެން ވިދާޅުވެފައި އަނެއްކާވެސް ހަނު ހުންނަވައިފި އެވެ. މި އުސްތާޒުގެ މިކަހަލަ ސަމާސަ ކޯފާއަށް އަޅުގަނޑުމެން ފަރިތަވެފައި ތިބީތީ އެވާހަކަތަކާމެދު ކަހަރުވަކެކޭވެސް އަޅުގަނޑުމެން ހިތަކަށް ނޭރި އެވެ.

އަޅުގަނޑު އެދުވަހު އެ ވާހަކަ ދެއްކުމުގެ ގަސްތަކީ މި މައުލޫގެ މައްޗަށް ކޮންމެވެސް ފިކުރެއް ހިންގާލައި އިހުސާސްތަކެއް ލިޔުމެވެ. އުސްތާޒުގެ ކޯފާއަށްފަހު، ކުޑައިކޮށް ހިތުގައި ޖެހިލުންވުމެއް އުފެދި، އެދުވަހު އެކަން ފަސްކޮށްލެވުނީ އެވެ. މާދަމާއަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މާދަރީ ބަހުގެ ދުވަހެވެ. ބަހާއި ބަހުރުވައާ ބެހޭ ގޮތުން ވާހަކަ ދައްކާލަން މިއަށްވުރެ ރަނގަޅު މުނާސަބަތެއް ނެތެވެ. މި ލިޔުން ވިދާޅުވެ އުސްތާޒު ކޯފާވިޔަސް އަޅުގަނޑު މިހުރީކީ ފަސޭހައިން އަތުޖެހޭނޭ ހިސާބެއްގައެއްވެސް ނޫނެވެ. މާލެއަކު ނޫނެވެ.

ބަހާއި ބަހުރުވަ

ބަހަކީ ކޮބައިކަން، އަދި ބަހެއް ބަހަކަށް ވަނީ ކޮން ޝަރުތުތަކެއް ފުރިހަމަވީމާކަން އެއީ އާލަމީ އިދާރާއަކުން ބަލައި ކަނޑައަޅާ ކަންކަމެއް ނޫނެވެ. އެއީ ކުރެވެން އޮންނާނޭ ކަމެއްވެސް ނޫނެވެ. ބަސްބަހީ މީހުން ހަދާއެއްޗެއް ނޫންކަމާއި، ގުދުރަތުގެ އެއްޗެއްކަމަށް ޅެންވެރިޔާ ވިދާޅުވެފައި އޮންނަ ބަހުގެ ތެދުކަމާ އެވެ.

ދިވެހި ބަހުގެ ރަދީފުގައި 'ބަސް' މިބަހަށް ދީފައިވާ މާނަކުރުމަކީ މީހެއްގެ ހިތުގައި އުފެދޭ ޝުއޫރެއް، އަޑު ނުވަތަ އިޝާރާތް ބޭނުންކޮށްގެން ވަކިހަމަތަކެއްގެ މަތިން ފާޅުކުރާ ފާޅުކުރުމެވެ.

ބަހެއްކަމުގައި ކަނޑައެޅޭނޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، އެ ބަހެއްގެ އަޑުތަކަށް ހާއްސަ އަކުރުތަކެއް ކަނޑައެޅިފައިވުމާއި، ލިޔުމާއި ވާހަކަ ދެއްކުމުގެ އިތުރުން، ކުރާ އިޝާރާތްތަކުންވެސް އެކުރާ މުއާމަލާތެއްގެ މާނައެއް އޮތުމާއި، އެ ބަހަކުން މޮށެއުޅޭނޭ ގަވާއިދުތަކެއް އެކަށައެޅިފައި އޮތުން ބަހުގެ މާހިރުން ކަނޑައަޅުއްވަ އެވެ. މި އަސާސީ ސިފަތައް ފުރިހަމަވާނަމަ އެއީ ވަކި ބަހެކޭ ބުނެވިދާނޭކަމަށް އަޅުގަނޑު މި މަޒުމޫނުގެ ބޭނުމަށްޓަކައި ކިޔާލި ބައެއް ލިޔުންތަކުން ފެނުނެވެ.

ބަހުރުވައަށް ރަދީފުގައި ދީފައިވާ މާނަކުރުމަކީ އެއް ބަހަކުން ވާހަކަ ދައްކާ ބައެއްގެ ތެރޭގައި، އެއް ސަރަހައްދެއްގެ ބަޔަކު އަނެއް ސަރަހައްދެއްގެ ބަޔަކާ ބަސްކިޔާ ގޮތުގައި ހުންނަ އަޑުތަކާއި ބަސްތައް ބޭނުން ކުރުމުގެ ތަފާތު ގޮތްތަކެވެ. މި ތައުރީފަށް އެކަނި ބަލައިގެން ވަކި ބަޔަކު ވާހަކަ ދައްކަނީ ވަކި ބަހަކުންތޯ ނުވަތަ ވަކި ބަހެއްގެ ބަހުރުވައަކުންތޯ ކަނޑައެޅޭވަރެއް ނުވެ އެވެ.

ބަހުރުވައިގެ ތައުރީފުގެ ގޮތުގައި އެހެން ވާހަކައެއްވެސް ފެނުނެވެ. އެ ތައުރީފުގައި އޮތީ "އެއް ހިސާބުގަނޑެއްގައި ދިރިއުޅޭ ދެބައި މީހުން އެންމެ ފުރަތަމަ ދުވަސްވަރު ވާހަކަދައްކާނީ އެއް ބަހަކުންނެވެ. އެގޮތުން އެއްބަޔަކު އަނެއްބަޔަކާ ދައްކާ ވާހަކަ ވެސް އޮޅުން ފިލާނެ އެވެ. ނަމަވެސް މާހައުލާއި ފިކުރު ބަދަލުވެ، އެއްބަޔަކު ބޭނުންކުރި ލަފުޒުތައް އަނެއް ބަޔަކު ބޭނުންކުރަން ނުޖެހި ބައެއް ލަފުޒުތައް އެ ޖަމާއަތުގައި ދިރިއުޅޭ މީހުންގެ ހަނދާނުން ފުހެވިގެން ހިނގައިދާނެ އެވެ. މިގޮތުން އެއް ޖަމާއަތުން އަނެއް ޖަމާއަތާ ނުގުޅި އުޅޭތާ ހައެއްކަ ސަތޭކަ އަހަރުވާ އިރު، އެއްބަޔަކު، ވާހަކަދައްކާ އަޑުތަކާއި ހަމަތަކަށް ވެސް ބަދަލު އާދެ އެވެ. ބަހުރުވައެއް އުފެދެނީ މިހިސާބުންނެވެ." މިހެންނެވެ.

އަޅުގަނޑު މި އުފައްދާ ސުވާލަކީ، އެއް ޖަމާއަތެއް އަނެއް ޖަމާއަތާ ނުގުޅި އުޅޭތާ ހައެއްކަ ސަތޭކަ ނުވަތަ އެއަށްވުރެ ގިނައަހަރުވާއިރު، އެ އަންނަ ބަދަލުތަކަށް ކިޔާނީ ބަސްތޯ ނުވަތަ ބަހުރުވަތޯ މި ސުވާލެވެ.

މާތްﷲ އިންސާނާ ދުނިޔޭގައި ލައްވައި، އެންމެ ފުރަތަމަ އުނގަންނަވައިދެއްވީ ތަކެއްޗަށް ކިޔާ ނަންނަމެވެ. އާދަމުގެފާނާއި ހައްވާގެފާނުގެ ފުށުން ގިނަވަމުންދިޔަ ޖަމާއަތުގެ މީހުން އެއްބަޔަކު އަނެއް ބަޔަކާ މުއާމަލާތުކޮށް އުޅެފައިވާނީ ހަމަ ޔަގީނުންވެސް ބަސް ބޭނުންކޮށްގެންނެވެ. އެ ބަހަކީ އޭރު އެ ޖަމާއަތުގެ އެންމެނަށް ފަހުމުވާ ބަހެއްކަމުގައި މެނުވީ ނުވާނެ އެވެ. މިހާރު ދުނިޔޭގައި މީހުން މޮށެއުޅޭ، ރަސްމީ ހައިސިއްޔަތު ލިބިފައިވާ 7000 އަށްވުރެ ގިނަ ބަސް އެބަހުއްޓެވެ. މީގެ ތެރޭގައި، އެއްބަހުން ދައްކާ ވާހަކަ އަނެއް ބަހުގެ އަހުލުވެރިންނަށް ފަހުމުވާ ބަސްތަކާއި، އެއްގޮތަކަށްވެސް ފަހުމު ނުވާވަރަށް ތަފާތުކަންބޮޑު ބަސްތައްވެސް އެބަހުއްޓެވެ.

އެއް ޖަމާއަތެއްގެ ބަޔަކު ދައްކާ ވާހަކަ އަނެއް ޖަމާއަތުގެ ބަޔަކަށް ފަހުމު ނުވާވަރަށް ބަދަލު ވެއްޖެނަމަ، އެއޮތީ އައު ބަހެއް އުފެދިފަ އެވެ. އެ ދެ ޖަމާއަތުގެ މީހުން އެ ވާހަކަ ދައްކައި އުޅެނީ އެއްބަހަކުން ކަމަކަށް ނުބުނެވޭނެ އެވެ.

ދިވެހިރާއްޖެ މިއޮތް ސަރަހައްދުގައި މީހުން މޮށެ އުޅޭ ހުރިހާ ބަހެއްވެސް އުފެދިފައި ވަނީ މީގެ ތިންހާސް އަހަރުކުރިން އުތުރުކަރައިގައި މީހުން ވާހަކަ ދައްކައި އުޅުނު ވެއިޑިކްސަންސްކްރިޓް ބަހުންނެވެ. އެއީ ހިންދުއިޒަމްގެ 'ވޭދާ' އޭ ކިޔާ ދީނީ ފޮތުގެ ބަހެވެ. އެބަހުން ވާހަކަ ދައްކައި އުޅުނީ މީލާދުގެ 1500 އަހަރު ކުރިންނެވެ. މީލާދުގެ 500 އަހަރާ ހަމައަށް ދިޔައިރު، އެ ބަސް އެތައް ބަހާތަކަކަށް ބަދަލުވެ، ވެއިދިކްސަންސްކްރިޓްއަކީ ގަދީމީ ބަހަކަށް އޮތީ ވެފަ އެވެ. ދެން އުފެދިގެން ދިޔައީ އެބަހުގެ ބަހުރުވަ ތަކެއް ނޫނެވެ. އެބަހުގެ އަސްލުން އުފެދުނު އެހެން ބަސްތަކެކެވެ. އެ ހުރިހާ ބަސްތަކުގެ ޕްރޮޓޮލެންގްވިޖް ނުވަތަ މަންމަ ބަހަކީ ވެއިދިކްސަންސްކްރިޓް އެވެ.

އިންޑިއާގެ ދެކުނުގައި ބޭނުންކޮށްއުޅޭ ހުރިހާ ބަހެއްގެ މަންމަ ބަހަކީ ވެއިދިކްސަންސްކްރިޓް އެވެ. އެ ބަސްތަކުން މޮށެއުޅޭ އެއްބަޔަކަށް އަނެއް ބަޔަކު މޮށެއުޅޭ ބަސް އެނގެނީ ކޮންމެވެސް މިންވަރަކަށެވެ. އެހެންވެ އެއީ އެއް ބަހެއްގެ ބަހުރުވަތަކެއް ކަމަށް ނުބަލަ އެވެ. ބަލަނީ ތަފާތު ބަސްތަކެއް ކަމުގަ އެވެ.

ބަހުރުވައަކަށް ވުމުގެ އަސާސީ ޝަރުތަކީ، އެބަހުރުވައެއް ނިސްބަތްވާ ބަހުގެ އަހުލުވެރިންނަށް އެބަހުރުވަކުން ވާހަކަ ދެއްކުމުން އެ ކިޔާ އެއްޗެއް ފަހުމުވުމެވެ. އެކިޔާ އެއްޗެއް ހަމައެއްގޮތަކަށްވެސް ނުފިލައިގެން އެ މީހަކަށް ފަރިތަ ބަހަކުން ކިޔައިދޭންވެއްޖެނަމަ އެ ވާހަކަ ދެއްކެނީ ތަފާތު ބަހުރުވައަކުން ނޫނެވެ. ތަފާތު ބަހަކުންނެވެ.

ހުވަދޫ އަދި އައްޑޫ ބަހާއި ބަހުރުވަ

ދިވެހި ރަސްމީ ބަހުރުވައިގައި 'މަށަށް' އޭ މި ކިޔާބަސް ހުވަދޫގައި ތަފާތު ގިނަ ގޮތްގޮތަށް ބޭނުންކުރެ އެވެ. "މަޓެ" "މަލް" "މަން" މިއީ އެކި ރަށްރަށުގައި މި ބަސް ބޭނުންކުރާ ގޮތެކެވެ. "އާދެބަލަ" އޭ ބުނަން ކޮލަމާފުށީ މީހުން ކިޔާނީ "އަހަފެލެ" އެވެ. އެހެން ގިނަ ރަށްތަކައި ކިޔާނީ "އާހެލެ" އަދި "އާހެން" އެވެ. މިހެން ބުނެގެން "އާދެބަލަ" އޭ ކިޔާ ބަޔަކަށް އެ ބުނީ ކީކޭކަން ފަހުމެއް ނުވާނެ އެވެ. ދަސްވެފައި ތިބި ބަޔަކަށް ނޭނގޭނެ ވާހަކައެއް ނޫނެވެ. ހިންދީ ބަހުން "ކިޔާހުވާ" އޭ ބުނީމާ އެބުނަނީ ކީކޭކަން އަޅުގަނޑުމެންނަށް އެނގޭ ގޮތަށެވެ. އަޑުއިވިއިވި ދަސްވެފައިވާތީ އެނގެނީ އެވެ. އެއީ އެއް ބަހަކަށްވާތީ، އެ ބަހުން ބުނި ވާހަކަ ފަހުމުވީކީ ނޫނެވެ.

މާލޭގައި ވާހަކަ ދައްކާ ބަހުގައި މިކިޔާ "މޫދު" އަށް އައްޑޫ ބަހުގައި އެއް ރަށެއްގައި "ދިޔަގަޑަ" ކިޔާއިރު އަނެއްރަށުގައި "ދޭގަޑަ" ކިޔަ އެވެ. "މިއަދަށް" އެއްރަށުގައި "އަދަ" ކިޔާއިރު އެހެން ރަށެއްގައި "އަދޮ" ކިޔަ އެވެ. މިހުރީ އައްޑޫބަހުގެ އެކި ރަށްތަކުގެ ބަހުރުވައިގެ ތަފާތެވެ.

މިއީ ދައްކާން ބިރުވެރި ވާހަކައެއް ކަމުގައި ވީނަމަވެސް ދަންނަވާލާ ހިތް ވެއެވެ. ހުވަދޫގައި ވާހަކަ ދައްކައި އެއުޅެނީ އެއްބަހަކުންނެވެ. އެ އަތޮޅުގެ އެކި ރަށްރަށުގައި އެ ބޭނުންކޮށްއުޅެނީ ހުވަދޫ ބަހުގެ ބަހުރުވަ ތަކެކެވެ. ހަމައެގޮތަށް އައްޑޫގައިވެސް ވާހަކަ ދައްކައި އެއުޅެނީ އައްޑޫ ބަހުންނެވެ. އައްޑޫގެ އެކި ރަށްރަށުގައި އެ އަންނަ ތަފާތަކީ ބަހުރުވަ އެވެ. މިހެން ބުނެވޭނޭ ވަރަށް ރަސްމީ ބަހާއި، މި ދެންނެވި ބަސްތައް ތަފާތެއް ނޫންތޯ އެވެ.

ވެފައި މިއޮތްގޮތެއް ކަމަށް އަޅުގަނޑަށް އިހުސާސްކުރެވި ލަފާކުރެވޭ ގޮތަކީ، އުފެދިދާނޭ ބައިބައިވުމަކުން ސަލާމަތްވުމަށް، ދިވެހިރާއްޖޭގައި ވާހަކަ ދައްކައި އުޅެނީ އެއް ބަހަކުން ކަމަށް ކިޔައި، ޒަމާނުއްސުރެ އެގޮތަށް ވިސްނުވައި ދީފައި އޮތީ އެވެ. ރާއްޖޭގައި ތަފާތު ބަސްތަކުން ވާހަކަ ދައްކާކަމަށް އަޅުގަނޑުމެން އެއްބަސްވެއްޖެނަމަ 'ގައުމިއްޔަތުގެ ރުކުނެއް' ގެއްލި ދަނީ ކަމުގައި ގަބޫލުކުރެވިފައި އޮތީ އެވެ.

އެއް ގައުމެއްގައި ގިނަ ބަސްތަކުން ވާހަކަދެއްކުމަކީ އެއިން އެއްވެސް ބަހަކަށް ނިކަމެތިކަން ލިބޭނޭ ކަމެއް ނޫނެވެ. ގައުމަށްވެސް ލިބޭނޭ ނިކަމެތި ކަމެއް ނޫނެވެ. އަމުދުން ބައިބައިވާންޖެހޭނޭ ސަބަބެއްވެސް ނޫނެވެ. އަޅުގަނޑުމެންގެ ވިސްނުން ހުރީ ބައިބައިކުރުމާއި ފަސާދަކުރުމުގެ މައްޗަށް ކަމަށްވާނަމަ، އަޅުގަނޑުމެންގެ މެދުގައި ހުންނަ ކޮންމެ ތަފާތަކީވެސް ބައިބައިވުމަށް ހުއްޖަތަކަށް ފުދޭނެ އެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެންގެ ވިސްނުމަކީ ގައުމު އެކަތިގަނޑަކަށް ހެދުން ކަމުގައިވާނަމަ، ތަފާތު އެތައް ބަހަކުންވެސް، "މީ މަގޭ ގައުމޭ" ބުނެ ފަހުރުވެރިވެވޭނެ އެވެ.