15 ފެބުރުވަރީ 2024 - 09:39 0
އައްޒާމް އަލިފުޅު
15 ފެބުރުވަރީ 2024 - 09:39 0
"ދެ ފަހަރަށް ފެއިލްވެއްޖެ. ތިން ވަނަ ފަހަރަށް ނުކުންނަން ވާނީ އާ ޗެއާމަން އަކާ އެކު ގަދަކޮށް، ﷲ އިރާދަކުރެއްވިއްޔާ ކަންކަން ހަމަޔަކަށް އަޅުވާލާފައި (ޗެއާމަން ކަަމުން) ދުރަށް ޖެހިލާނަން. އަބަދުވެސް ހުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފަހުރުވެރި ސަޕޯޓަރެއްގެ ގޮތުގައި. ޝުކުރިއްޔާ،"
މިއީ، ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި، ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ދެ ވަނަ ޑިވިޝަނުގެ ސެމީ ފައިނަލުން ބަލިވެ، ފުރަތަމަ ޑިވިޝަނަށް އަލުން އަރަން ކުރި މަސައްކަތް ނާކާމިޔާބުވުމުން، ނިއުގެ ޗެއާމަން، އަހުމަދު ވާސިފް، އޭނާގެ ފޭސްބުކްގައި ހިއްސާކުރި މެސެޖެވެ.
ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ގޯހުން ގޯހަށް ގޮސްފައި އޮއްވައި، ނިއު އިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ލީޑަޝިޕް ބަދަލުކުރަން ކުރި މަސައްކަތުގައި، ބައިވެރިވުމުން، 2019 ވަނަ އަހަރު އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރި އެވެ.
ނިއު ސަސްޕެންޑް ކުރަން އެފްއޭއެމް އިން ދެއްކި ސަބަބަކީ، ނިއު އިން މުސާރަަ ނުދީ ހުރި މައްސަލަތަކެވެ.
އެ އަޑިގަނޑުން ނިއު އަރައިގަނެ، 2022 ވަނަ އަހަރު ކުޅުނު ދެ ވަނަ ޑިވިޝަން މުބާރާތަށް ނިއު އިން ނުކުމެވޭވަރު ކުރީ ވާސިފް ހިމެނޭހެން ނިއުގެ އެކި ސަޕޯޓަރުންގެ ގްރޫޕެއް އިސްނަގައިގެން ކުރި މަސައްކަތުންނެވެ.
ވާސިފާ އެކު މަސައްކަތް ކުރި ނިއުގެ ސަޕޯޓަރުން، ނިއު ރޭޑިއަންޓްގެ ނަން ފުޓްބޯޅައިގައި ދިރުވޭތޯ، ރޭޑިއަންޓްގެ ނަމުގައި ޓީމެއް ހަދައިގެން ކުރިއަށްދެވޭތޯ ވެސް ބެލި އެވެ. އެކަމަކު، އެކަން ކުރެވޭގޮތް ނުވުމުން، ނިއު ރޭޑިއަންޓްގެ ކަންކަން ހަމަޔަކަށް އަޅުވައި، ކުރިއަށްދާން ނިންމައި، ސަސްޕެންޝަނުން ސަލާމަތްވީ އެވެ.
ނިއު އިން މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނުގައި، ބަލިވީ ސެމީ ފައިނަލުގައި ބުރު ސްޕޯޓްސް ކްލަބް އަތުންނެވެ. ބުރު ވަނީ، އެ ފަހަރު، ދެ ވަނަ ޑިވިޝަން ކާމިޔާބުކޮށް، ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. އެ ފަހަރު، އެފްއޭއެމުން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދޭން ނިންމީ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނަށް އެކަންޏެވެ.
ނިއު އިން 2014 ވަނަ އަހަރު ލީގު ކާމިޔާބު ކުރުމަށް ފަހު ބޭއްވި އުފާފާުޅުކުރުމުގެ ތެރެއިން ބަލަކް ލީގުގެ ޝީލްޑާ އެކު
މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގައި ފައިނަލަށް ދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވާ ގޮތަށް އެފްއޭއެމް އިން ގަވާއިދު ހެދި އެވެ. ނިއު އަށް މި ފަހަރު ވެސް އެކަން ނާކާމިޔާބުވީ، ސެމީއާ ހަމައިންނެވެ. ސެމީގައި ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ނިއު ވަނީ 2-0 އިން ބަލިވެފަ އެވެ.
ވިކްޓަރީ އަތުން ބަލިވި މެޗަށް ފަހު، ވާސިފް، ޗެއާމަންގެ މަގާމުން ދުރަށް ޖެހިލާނެކަން އިއުލާނުކުރައްވައި، ދެން، ފޭސްބުކްގައި ހިއްސާކުރެއްވީ، ކުރީގެ ޗެއާމަން، އަލީ ވަހީދު (ބަލަކް)ގެ ފޮޓޯ އެކެވެ.
އެ ފޮޓޯއާ އެކު ހިއްސާކުރި، މެސެޖަކަށް ލިޔުއްވާފައިވަނީ، އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށެވެ.
ގިނަ ސަޕޯޓަރުން ދެކޭ ގޮތުގައި ނިއުގެ ޗެއާމަނަކަށް އައުމުގެ ފުރުސަތު ބޮޑީ، އަލީ ވަހީދެވެ.
"އަދަދު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ، ނިއުގެ ވަރަށް ގިނަ ސަޕޯޓަރުން އޭނާ އެ ކްލަބަށް އަންނަން އެދެމުން އަންނަ ކަމަށެވެ.
އަލީ ވަހީދު (މ)ގެ އެޓޯލްސް އެފްސީގެ އިވެންޓްގެ ތެރެއިން، އޭނާއާ އެކު ނިއުގައި މަސައްކަތްކުރި، އަލީ އަޝްފާގު (ކ) އާއި މުހައްމަދު އުމެއިރު (ވ)އާ އެކު.--- ފޮޓޯ: އަދަދު
"އެނީތިން އިޒް ޕޮސިބަލް (ކޮންމެ ކަމެއް ވެސް ވުން އެކަށީގެންވޭ). މި ވަގުތު އަޅުގަނޑުގެ ފޯކަސް އަކީ #ނަޔާކުޅުދުއްފުށި. ނިއު ރޭޑިއަންޓް، 2012-2016 އަކީ އަހަރެންގެ ކުޅިވަރު ކެރިއަރުގެ އެންމެ ބޮޑު އުސްއަލި. (އެހެންވީމަ ނިއު އިން ލިބޭ ފުރުސަތަކަށް) ވަރަށް ރަނގަޅަށް ވިސްނާނަން،" ކުޅުދުއްފުށީ ދެކުނު ދާއިރާ އަށް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާ އަލީ ވަހީދު ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ކޯޗިން ލައިސަންސް ވެސް ހާސިލްކޮށްފައިވާ އަލީ ވަހީދު، އެނބުރި ރާއްޖެ އައިސް، އަމިއްލަ ކްލަބެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެ ގޮތުން، އެޓޯލްސް އެފްސީގެ ނަމުގައި ވުޖޫދުކުރި ކްލަބް، ތިން ވަނަ ޑިވިޝަނުގައި ވާދަކުރަން އަލީ ވަހީދު އަންނަނީ ޓީމު ތައްޔާރުކުރަމުންނެވެ.
ނިއުގެ ޗެއާމަންގެ މަގާމުގައި އަލީ ވަހީދު ހުންނެވިއިރު، އެ ޓީމުން ވަނީ ޖުމްލަ އެކު، 13 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، 2013 ވަނަ އަހަރުގެ ރެކޯޑް ސީޒަނުގެ ކާމިޔާބީ ހިމެނެ އެވެ. އެ އަހަރު ނިއު އިން ރާއްޖޭގެ ފުޓްބޯޅަ ކަަލަންޑަރުގައި އެ ޓީމުން ކުޅުނު ހުރިހާ މެޗަކުން މޮޅުވިއިރު، ސަރަހައްދީ ފުޓްބޯޅަ މުބާރާތް އޭއެފްސީ ކަޕްގެ ކުއާާޓާ ފައިނަލުގައި ވެސް ކުޅެފައިވެ އެވެ.
އަލުން ފުރަތަމަ ޑިވިޝަނަށް ނިއު ޕްރޮމޯޓްކޮށްދޭން އެ ކްލަބްގެ ސަޕޯޓަރުން އަލީ ވަހީދު، ކްލަބްގެ ޗެއާމަންކަމަށް ގެންނަން ވާހަކަ ދައްކާ ސަބަބަކީ ވެސް އެ ކްލަބްގައި އޭނާ ކޮށްފައިވާ މަސައްކަތްތައް ރަނގަޅު ވުމުންނެވެ.
Comment