Advertisement

އިންޑޮނީޝިއާގެ އިންތިހާބު ބޮޑު ތަފާތަކުން ޕްރަބޯވޯ ކާމިޔާބު ކުރައްވައިފި

14 ފެބުރުވަރީ 2024 - 21:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑޮނީޝިއާގެ އިންތިހާބު ކާމިޔާބު ކުރެއްވި ޕްރަބޯވޯ -- ފޮޓޯ: ދަ އޮސްޓްރޭލިއަން


އިންޑޮނީޝިއާގެ އިންތިހާބު ބޮޑު ތަފާތަކުން ޕްރަބޯވޯ ކާމިޔާބު ކުރައްވައިފި

14 ފެބުރުވަރީ 2024 - 21:03 0

އިންޑޮނީޝިއާގެ އިންތިހާބު އެ ގައުމުގެ ކުރީގެ އާމީ ޖެނެރަލް ޕްރަބޯވޯ ސުބިއަންޓޯ ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.

އުމުރުން 72 އަހަރުގެ ޕްރަބޯވޯ އިންތިހާބު ކާމިޔާބުކޮށްފައި ވަނީ ވާދަވެރި ކެންޑިޑޭޓުންނަށްވުރެ އިތުރަށް 60 ޕަސެންޓާ ގާތްކުރާ އަދަދަކަށް ވޯޓު ހޯއްދަވައިގެންނެވެ. އިންތިހާބުގައި މިހާތަނަށް 85 ޕަސެންޓަށްވުރެ ގިނަ ވޯޓު ފޮށި ވަނީ ގުނާ ނިމިފަ އެވެ.

އިންތިހާބުގައި ޕްރަބޯވޯއާ އެންމެ ގާތުން ވާދަކުރެއްވި އިންޑޮނީޝިއާގެ ކުރީގެ ގަވަރުނަރު އަނީސް ބެސްވަޑާންއަށް މިހާތަނަށް ގުނި ވޯޓުން ލިބިފައި ވަނީ 22 ޕަސަންޓަށްވުރެ ދަށުންނެވެ. އަދި ތިން ވަނައިގައި އޮތީ ގަންޖަރު ޕްރަނޯވޯ އެވެ.

އިންތިހާބު ކާމިޔާބުވިކަން ކަށަވަރުވުމާއެކު ޕްރަބޯވޯ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވިދާޅުވީ މިވަގުތަކީ އެންމެން އެއްވާންވީ ވަގުތުކަން ފާހަގަކުރައްވާ ރައްޔިތުންގެ މަސްލަހަތަކީ އެންމެ މަތީ މަސްލަހަތު ކަމަށް ބަލައިގެން ކުރިޔަށްދާނެ ކަމަށެވެ.

އޭގެ އިތުރުން އިންތިހާބުގެ ނަތީޖާއާ ގުޅޭ ގޮތުން އުމުރުން 57 އަހަރުގެ އަނީސް ވިދާޅުވީ، ނަތީޖާ އެއްކޮށް އިއުލާންކޮށް އަދި ނުނިމޭ ކަމަށާއި ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.

އިންތިހާބު ކާމިޔާބު ކުރެއްވި ޕްރޮބޯވޯ ވަނީ އިންޑޮނީޝިއާގެ ރައީސް ކަމަށް މިދިޔަ ދެ ދައުރުގައި ވެސް ކުރިމަތި ލައްވާފަ އެވެ. ނަމަވެސް މިދިޔަ ދެ ފަހަރު އިންޑޮނީޝިއާގެ މިހާރުގެ ރައީސް ޖޮކޯ ވިޑޯޑޯ (ޖޮކޮވީ) ގެ މައްޗަށް އޭނާއަށް ކުރި ނުހޯއްދެވެ އެވެ.

އިންޑޮނީޝިއާގެ ގާނޫނު ބުނާ ގޮތުން ރައީސަކަށް ވެރިކަން ކުރެއްވޭނީ ދެ ދައުރެވެ. މިގޮތުން އިންޑޮނީޝިއާގެ ރައީސް ޖޮކޮވީ ދެވަނަ ދައުރު ފުރިހަމަ ކުރަމުން އަންނާތީ، ތިންވަނަ ދައުރަކަށް ކުރިމަތިލުމުގެ ފުރުސަތެއް އޭނާއަށް ނުލިބެ އެވެ.

މިއީ 10 އަހަރު ފަހުން އިންޑޮނީޝިއާއަށް އެ ގައުމުގެ ރައީސް ބަދަލު ކުރަން ލިބުނު ފުރުތަމަ ފުރުސަތުކަން ފާހަގަކޮށްލެވެ އެވެ.