Advertisement

ވިކްޓަރީ އަށް ވެސް ބޮޑު ހިދުމަތެއް، އައްސަދަށް ހާއްސަ އުފަލެއް!

13 ފެބުރުވަރީ 2024 - 12:46 0

އަތޫފް އާތިފް

އަތޫފް އާތިފް

ވިކްޓަރީ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިންނާ އެކު އައްސަދު ފޮޓޯގައި.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ވިކްޓަރީ އަށް ވެސް ބޮޑު ހިދުމަތެއް، އައްސަދަށް ހާއްސަ އުފަލެއް!

13 ފެބުރުވަރީ 2024 - 12:46 0

ކުޅުންތެރިއެއްގެ ގޮތުގައި ވިކްޓަރީ ސްޕޯޓްސް ކްލަބަށް ހިދުމަތް ކުރަން ފުރުސަތު ނުލިބުނު ނަމަވެސް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށް އެ ހިދުމަތް ދެވުމުން ހިތްހަމަ ޖެހިއްޖެ ކަމަށް ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ގޯލްޑް ކެޕްޓަން، އައްސަދު އަބްދުލް ޣަނީ ބުނެފި އެވެ.

ސީނިއާ ފުޓުބޯޅަ ކެރިއަރުގައި އައްސަދު ކުޅުން ހުއްޓާލުމާ ހަމައަށް ވިކްޓަރީ އަށް ކުޅެފައެއް ނުވެ އެވެ. އެކަމަކު އިއްޔެ ވިކްޓަރީ އިން ދެ ވަނަ ޑިވިޝަނުގެ ފައިނަލުން ޖާގަ ހޯދާ, ފުރަތަމަ ޑިވިޝަނުން ފުރުސަތު ހޯދިއިރު, އައްސަދަކީ ވިކްޓަރީގެ މެނޭޖަރެވެ.

އައްސަދު ބުނީ ވިކްޓަރީން ފުރަތަމަ ޑިވިޝަނުގެ ޖާގަ ހޯދީ ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު ތަޖުރިބާކާރު ކުޅުންތެރިންނާއި ބޭރު ކުޅުންތެރިންގެ އެހީގައި ކަމަށެވެ.

ވިކްޓަރީ ކުޅުންތެރިން ކަނޑައެޅި ޓާގެޓަށް ވާސިލްވާން ކުރި ބުރަ މަސައްކަތަށް ތައުރީފު ހައްގު ކަމަށް އައްސަދު ވަނީ ބުނެފަ އެވެ.

އަޅުގަނޑު ކުޅުނުއިރު ވިކްޓަރީ ސްޕޯޓްސް ކުލަބަށް އަޅުގަނޑަށް ހިދުމަތް ކޮށްދެވިފައެއް ނެތް. އެހެން ނަމަވެސް ކުޅުން ހުއްޓާލާ މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނީމަ އެކަމާ (ފުރަތަމަ ވެސް) އުފާ ކުރިން -- އައްސަދު

ރާއްޖޭގެ ގިނަ ކްލަބްތަކެއްގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ކުޅެފައިވާ، އައްސަދު ބުނީ މުޅި ހަޔާތް ކުޅިވަރުގައި ހޭދަކުރި މީހެއްގެ ހައިސިއްޔަތުން ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް އައުން މިއީ ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

މިއީ، ވިކްޓަރީގެ އިތުރުން ފުޓުބޯޅައަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި އައްސަދު ސިފަ ކުރި އެވެ.

މާލީ މައްސަލަތަކުގެ ސަބަބުން އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑް ކުރުމަށްފަހު ފުރަތަމަ ޑިވިޝަނުން ދެވަނަ ޑިވިޝަނަށް އެ ކުލަބް ވައްޓާލި އެވެ. އެއީ 2020 ވަނަ އަހަރު ފަހުކޮޅު އެވެ. އަލުން ވިކްޓަރީ އަށް ދަނޑަށް އެނބުރި އާދެވޭގޮތްވީ، މިދިޔަ ސީޒަނުގެ ދެ ވަނަ ޑިވިޝަނާ ދިމާކޮށެެވެ. ދެ ވަނަ ޑިވިޝަނުގައި މިދިޔަ ސީޒަނުގައި ވިކްޓަރީ އަށް ރަނގަޅަށް ތައްޔާރުނުވެވި މުބާރާތް ނިމުނީ ގްރޫޕް ސްޓޭޖުން ކަޓައިގެންނެވެ.

އޭގެ ބަދަލުގައި، މި ފަހަރުގެ ދެ ވަނަ ޑިވިޝަނަށް ދުރާލާ ޓީމު އެކުލަވާލުމުގެ މަސައްކަތް ފަށައި، ވިކްޓަރީން މެނޭޖަރަކަށް ހަމަޖެއްސީ އައްސަދު އެވެ. އައްސަދާ އެކު، ކްލަބްގެ ސީނިއާ މެނޭޖްމަންޓުން ކުރި ރަނގަޅު މަސައްކަތުގެ ނަތީޖާ އަކީ ދެ ވަނަ ޑިވިޝަނަށް އެންމެ ވަރުގަދަ ސްކޮޑެއް އޮތް ޓީމުގެ ގޮތުގައި ވިކްޓަރީ ވުމެވެ.

މި ފަހަރުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކޮށް، ހަތަރު އަހަރުގެ މަސައްކަތައް ފަހު އަންނަ ސީޒަނުގައި ވިކްޓަރީ ފުރަތަމަ ޑިވިޝަނުން އަލުން ފެނިގެންދާނެ އެވެ.

ވިކްޓަރީ އަކީ ރާއްޖޭގައި އޮތް އެންމެ ކާމިޔާބު ފުޓުބޯޅަ ޓީމުތަކުގެ ތެރޭގައި ހިމެނޭ ކުލަބެކެވެ. ބޮޑު މާޒީއެއް އޮތް ވިކްޓަރީ އަކީ ގައުމީ މުބާރާތް އެންމެ ފުރަތަމަ މިލްކު ކުރި ޓީމުވެސް މެއެވެ.

ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ވިކްޓަރީ އާއި މަސް އޮޑި ސްޕޯޓްސް ކްލަބް ކުޅޭ މެޗު ފަށާނީ ހުކުރު ދުވަހު ހަވީރު، 15:30 ގަ އެވެ.