22 ފެބުރުވަރީ 2024 - 09:58 2
ހަސަން މުހައްމަދު
22 ފެބުރުވަރީ 2024 - 09:58 2
ގައުމެއްގެ ސިފަތަކުގެ ތެރެއިން އެންމެ ގިނަ ގޮތް ގޮތަށް މާނަކޮށް، އެމީހަކު ބޭނުންވާހާ ގޮތަކަށް ދަމައި ބައްޓަން ކުރާ އެކައްޗަކީ ގައުމިއްޔަތެވެ.
ގައުމިއްޔަތު ބޭނުންކޮށްގެން ގައުމުގެ މިނިވަންކަމަށް ޖިހާދުކޮށްފައި އެބަހުއްޓެވެ. ގައުމިއްޔަތުގެ ނަމުގައި ސިޔާސީ ގޮތުން އާރާއި ބާރު ހޯދަ އެވެ. ގައުމިއްޔަތު ވިއްކައިގެން ލީޑަރުން ޑިކްޓޭޓަރުންނަށް ބަދަލުވެފައި އެބަ ހުއްޓެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް އެންމެ ގިނައިން ވިދާޅުވާ އެއް ވާހަކައަކީ ގައުމިއްޔަތުގެ ވާހަކަ އެވެ. ގައުމިއްޔަތު ކިޔަވައިދީގެން ގައުމަށް ލޯބި ކުރާ ދަރިންތަކެއް އުފައްދާ ވާހަކަ އެވެ. ގައުމީ ރޫހެއްގައި މަސައްކަތް ކުރާ ޖީލެއް އުފެއްދުމުގެ ވާހަކަ އެވެ. ގައުމިއްޔަތު ދިރުވައި އާލާ ކުރާ ވާހަކަ އެވެ.
".... މި ހައްގުތަކާއި ފުރުސަތުތަކާއި ފަހުރުވެރި އަސަރުތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށްޓަކައި އަޅުގަނޑުމެން މި ފަށަނީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު،" ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނޮވެމްބަރު 17، 2023 ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ރައީސް މުއިއްޒު އެ ވިދާޅުވާ ގައުމިއްޔަތަކީ ކޮބައިތޯ އެވެ؟ އެއީ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަން ކުރިއެރުވުންތޯ އެވެ؟ އެއީ ދިވެހިވަންތަކަން ކުރިއެރުވުންތޯ އެވެ؟ އެހެންވެއްޖެއްޔާ ގައުމުގެ މަސްލަހަތާއި ދިވެހިވަންތަކަން ކަނޑައަޅަނީ ކާކުތޯ އެވެ؟ އަދި އެއީ ވަކި މީހަކަށް ކުރެވިދާނެ ކަމެއްތޯ އެވެ؟
ގައުމިއްޔަތު ނުވަތަ ނެޝަނަލިޒަމްއަކީ ހަގީގަތުގައި ވެސް މާނަ ކުރަން އުނދަގޫ މަފުހޫމެކެވެ. އެކި ޑިކްޝަނަރީތަކުގައި ވެސް އެ ބަހުގެ މާނަ ކުރުން މުޅިއަކުން އެއްގޮތެއް ނޫނެވެ. ބައެއް މާނަ ކުރުންތަކުގައި ބުނެފައި ހުރީ، ގައުމިއްޔަތަކީ، އެ ގައުމަކަށް ނިސްބަތްވާ ނިސްބަތްވުން ކަމަށެވެ. ގައުމިއްޔަތަކީ އެ ގައުމެއްގެ މަސްލަހަތުތައް އިސްކުރުމާއެކު އެހެން ގައުމުގެ މަސްލަހަތުތައް ބަލައިނުގަތުން ކަމަށް ވެސް މާނަ ކުރެވެ.
ގައުއްމިއްޔަތަކީ ގައުމަށްވާ ލޯތްބެއް ނޫނެވެ. އެއީ ޕެޓްރޮޓިއަޒަމްއެއް ނޫނެވެ.
ލިޔުންތެރިޔާ އަދި ފަލްސަފާވެރިޔާ ޖޯޖް އޯވެލް ލިޔުއްވި "ނޯޓްސް އޮން ނެޝަނަލިޒަމް" ގައި ގައުމިއްޔަތު ދިގުކޮށް މާނަ ކުރައްވާފައިވާއިރު، އޭނާ ވިދާޅުވެފައި އޮތީ، ގައުމެއް ނޫނަސް، ވަކި ނަސްލަކަށް ނުވަތަ ވަކި ހިސާބަކަށް ގައުމިއްޔަތު ގުޅުވިދާނެ ކަމަށެވެ. އަދި ބަޔަކާ ދެކޮޅަށް މަސައްކަތް ކުރާ ކުރުމަށް ވެސް ގައުމިއްޔަތު ކިޔިދާނެ ކަމަށެވެ.
އޭނާ ވިދާޅުވަނީ، ވަކި ގައުމަކަށް ނިސްބަތްވުމާއެކު، ހެވާއި ނުބައި އެއް ފަރާތްކޮށް، އެ ގައުމެއްގެ މަސްލަހަތުތައް ކުރިއެރުވުމަކީ ގައުމިއްޔަތު ކަމަށެވެ. އިންސާނުން ބައިކޮށް، އެވެނި ބަޔަކު ރަނގަޅު ކަމަށް ކަނޑައަޅައި، މިވެނި ބަޔަކު ގޯސް ކަމަށް ބެލުމަކީ ވެސް ގައުމިއްޔަތު ކަމަށް އޯވެލް ވިދާޅުވެ އެވެ.
ގައުމިއްޔަތަކީ އޭގެ ޒާތުގައި ވެސް ނުރައްކަލެއް ކަމަށް ފަލްސަފާވެރިން ބުނެ އެވެ. ގައުމިއްޔަތުގެ ނަމުގައި ދައްކާ ވާހަކަތަކަށް ފާރަވެރިނުވެއްޖެ ނަމަ، ޖަރުމަނާއި ޖަޕާނާއި އިޓަލީއަށް ގަދަވި ފަދަ ގައުމިއްޔަތުގެ ވިސްނުން އެ ބައެއްގެ މެދުގައި ފެތުރިދާނެ ކަމަށް ވެސް ބުނެ އެވެ.
ރައީސް މުއިއްޒު ގައުމިއްޔަތު މާނަ ކުރައްވާ ގޮތެއް، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އަދި މާ ބޮޑަށް ސާފެއް ނޫނެވެ. ގައުމިއްޔަތު ދިރުވައި، އާލާ ކުރައްވާ ވާހަކަ ދެއްކެވި ނަމަވެސް އެ ވިދާޅުވާ ގައުމިއްޔަތުގެ މާނައަކީ ކޮބައިކަމެއް ސާފުކޮށެެއް ނުދެއްވަ އެވެ. އޭގެ ތަފުސީލަށް ވަޑައިގެންނެވީ ކުޑަކޮށެވެ.
ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު ނިކަން ފުޅާކޮށް ގައުމިއްޔަތާ ގުޅޭ ގޮތުން ވާހަކަފުޅު ދެއްކެވި އެވެ. ގައުމިއްޔަތު އާލާ ކުރުމުން ގައުމަށްވާނެ ފައިދާތަކުގެ ވާހަކަ އެމަނިކުފާނު ދެއްކެވި އެވެ. ނަމަވެސް ސީދާ މި ކުރައްވަން އުޅެނީ ކޮން މަސެއްކަތެއްކަން އެމަނިކުފާނުގެ ވާހަކަފުޅުން ސާފެއް ނޫނެވެ.
"އަޅުގަނޑުމެން މި ފަށަނީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު. މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫއު. ދިވެހީންގެ ކެރުމާއި އަޒުމާއި ހިތްވަރާއި އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމުގެ މަޝްރޫއު. ދިވެހީންގެ ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއު. އިރާދަކުރެއްވިއްޔާ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މި މަޝްރޫއުން ދިވެހި ދަރީންގެ ނަފުސާނީ، ރޫހާނީ އަދި މާނަވީ ވެށި ހެޔޮގޮތުގައި ބިނާކޮށް ފައްކާކުރާނަން. ދަރީން ހެޔޮގޮތުގައި ބޮޑުކުރުމަށް، މައިންބަފައިން ރެޔާއިދުވާލު އެ ވާ ގުރުބާނީގެ މައްޗަށް ތަސައްލީއެއް، އެ މައިންބަފައިންގެ އުންމީދުން ފުރިގެންވާ ހިތްތަކަށް ހޯދައިދޭނަން،" ވެރިކަމާ ހަވާލުވެވަޑައިގެން ނޮވެމްބަރު 17، 2023 ގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވި އެވެ.
އޭގެ ފަހުން ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ގައުމިއްޔަތުގެ ބައެއް ސިފަތައް ވިދާޅުވެދެއްވައިފަ އެވެ. އެއީ ނަޒާހާތްތެރިކަމާއި މުރާލިކަމާއި ކުލުނާއި އެކަކު އަނެކަކަށް ކަމޭ ހިތުމާއި އެފަދަ ބައެއް ސިފަތަކެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީންގެ ކިބައިގައި އިހު އޮތް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި މި ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށް ޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ދިވެހި ގައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާއި އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތާ، ތިމާއަށް ވުރެ އިސް މީހާއަށް ގަދަރުކުރާ ޤައުމަކަށް ހެދުމަށް ވަރަށް ހިންމަތްކުރަންޖެހޭ. ތަހުޒީބަކީ ތަރައްގީއަކީ އެއީ. މި ކަންކަން ކުރިޔަށް ގެންދެވޭނީ ދިވެހި ގައުމިއްޔަތު އިއާދަކުރެވިގެން. ސަބަބަކީ މިއީ ހައްތާ ވެސް ދިވެހި ގައުމިއްޔަތުގެ ސިފަތައް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވާ ގައުމިއްޔަތުގެ މާ ބޮޑު ތަފުސީލަކަށް ވަޑައިނުގެންނެވި ނަމަވެސް ގައުގެ އެކި ދިމަދިމާލުގައި ގައުމިއްޔަތު ތަންފީޒު ކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު މަސައްކަތަކީ ގައުމިއްޔަތު ސްކޫލްތަކުގައި ކިޔަވައިދިނުމެވެ.
"... ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ ގައުމީ މަޝްރޫއު އިރާދަކުރެއްވިއްޔާ ކާމިޔާބު ކަމާއެކީ ކުރިއަށްދާނެ. އެކަމަށް ޓަކައި ސަރުކާރުގެ ހަފުތާ 14 ތެރޭގައި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ގައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެ. ހަމަ އެހެންމެ، މަދުރަސާ ކުދިންގެ މަންހަޖުގެ ތެރެއަށް ގައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެ. ބޭނުމަކީ ދިވެހި ކުދީންނަށް ދެވޭ ތަޢުލީމަކީ ދިވެހިރާއްޖެއަށް ޓަކައި ދެވޭ ތައުލީމަކަށް ހެދުން،" ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިސެމްބަރު 16، 2023 ގައި ރައީސް ވިދާޅުވި އެވެ.
ގައުމިއްޔަތުގެ ވާހަކަ އެފަދަ މޭރުމަކުން ދެއްކެވުމަށްފަހު ދާދިފަހުން ތ. އަތޮޅަށް ކުރެއްވި ދަތުރެއްގައި ރައީސް ވަނީ ދިވެއްސަކު ވިއްޔާ ހުންނަންޖެހޭ ސިފަތައް ކިޔައިދެއްވައިފަ އެވެ. ރައީސް ވަނީ އެމަނިކުފާނުގެ ޑިފެންސް ޕޮލިސީއަށް ބަޔަކު ޖޯކު ޖެހުމުން އެކަން ކުރީ ގައުމު ދެކެ ލޯބިނުވާ ބައެއް ކަމަށް ވިދާޅުވެފަ އެވެ.
"މި ވާހަކަ އަޅުގަނޑު ދެއްކީމާ އެކަމަށް ޖޯކު ޖަހާ، ނޫނިއްޔާ އެކަމާ ދެކޮޅަށް ވާހަކަ ދެއްކީ އަޅުގަނޑު ހިތުން އެއީ ދިވެހިވަންތަ ބައެއްތޯ. ދިވެހި ރައްޔިތުން، ގައުމު ދެކެ ލޯބިވާ ބަޔަކު އެފަދަ ވާހަކަ ދައްކައިގެން ނުވާނެ،" މި ހިނގާ ފެބްރުއަރީ 6، ގައި ވޭމަންޑުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނަށް ޖޯކު ޖެހީ، އަމިއްލަ ބާރުވެރިކަން އުފެއްދުމަށް މަސައްކަތް ކުރުމުން ކަމަށެވެ. އަދި ވިދާޅުވީ "ދިވެއްސަކު ވިއްޔާ އުޅެންޖެހޭނީ" އެ ވާހަކަތަކަށް ސަޕޯޓުދޭން ކަމަށެވެ.
"އަމިއްލަ ބާރުވެރިކަން އުފައްދަން މަސައްކަތް ކުރީމަ، ކުރަން އުޅޭކަން އަޅުގަނޑު ބަޔާން ކުރީމަ އެއަށް ހިތްވަރު ދެއްތޯ ދެއްވަން ޖެހޭނީ. އެއަށް ސަޕޯޓު ދީ އެކަން ވާނެ ގޮތް ހޯދައިދޭން ދިވެއްސަކު ވިއްޔާ އުޅެންޖެހޭނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެކަމަކު އެހެން ބައެއްގެ އެހީތެރިކަމުގައި އެހެން ބައެއްގެ ކިބައިން ތިމަންނަމެން ބޭނުންވާ މަގުސަދު ހާސިލްކުރުމަށްޓަކައި ކޮންމެ ފަދަ ކަމެއް ވެސް އަޅުގަނޑުމެންގެ ގައުމަށް ވިޔަސް ވެސް ހެޔޮ ކަމަށް ތައްޔާރަށް ތިބި އަދި އެގޮތަށް ކުރީގައި ވެސް މަސައްކަތް ކޮށްފައި ތިބިކަން ސާބިތުވެފައި ތިބި ބަޔަކު އެފަދަ ވާހަކައެއް ދައްކަފާނެ."
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އެ ވާހަކަތަކަށް ދިވެއްސަކަށް ވީތީ ސީރިއަސްކޮށް ވިސްނަންޖެހޭނެ ކަމަށެވެ.
"މިއީ އަޅުގަނޑުމެން ސިކުނޑިން ވިސްނަންޖެހޭ ކަންތައް. މިއީ ދިވެއްސަކަށްވީތީ މިއަދު ސީރިއަސްކޮށް ވިސްނަންޖެހޭނެ ކަންތައް،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ދެކެވަޑައިގަންނަވާ ގައުމިއްޔަތު ތަންފީޒު ކުރައްވަން މަސައްކަތް ކުރައްވަމުންދާއިރު، އެކަމުގެ ކަންބޮޑުވުންތައް ވެސް އެބަހުއްޓެވެ. އެފަދަ ކަންބޮޑުވެއް ފާޅުކުރެއްވި އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދެވެ.
"ސަރުކާރުން ދަރިވަރުންނަށް ކިޔަވާދޭން ބޭނުންވަނީ ވައަތު ފިޔައިގެ ގައުމިއްޔަތު ތޯ؟ ކަނާއަތު ފިޔައިގެ ގައުމިއްޔަތު ތޯ؟ ނުވަތަ ހައްދު ފަހަނައަޅާފައިވާ ގައުމިއްޔަތު ތޯ؟ ނޫނީ، ނަސްލީ ގައުމިއްޔަތު ތޯ؟ ލުޣަވީ ގައުމިއްޔަތު ތޯ ނުވަތަ މަޒްހަބީ ގައުމިއްޔަތެއް ތޯ؟،" ސަވާދު ލިޔުއްވާފައިވެ އެވެ.
އެކަމުގެ ކަންބޮޑުވުންތައް އިތުރަށް ހިއްސާ ކުރައްވަމުން ސްކޫލުތަކުގައި ގައުމިއްޔަތު ކިޔަވައިދޭއިރު އެކަމާ އެއްބަސްނުވެއްޖެއްޔާ ވާނީ ކިހިނެއްތޯ އެވެ.
"ސަރުކާރުން ތަންފީޒުކުރާ 'ގައުމިއްޔަތު' ގެ މާއްދާ [ނުވަތަ ސިޔާސަތާ] އާއި އެއްބަސް ނުވާ ދަރިވަރަށް ވާނީ ކިހިނެއް؟ ސަރުކާރުގެ ޤައުމިއްޔަތު ސިޔާސަތާ ދެކޮޅުވާ މީހާ 'ޚާއިނަކަށް' ވެ ކުށްވެރިވާނެތޯ؟ އެ ކުށުގެ އަދަބަކީ ކޮބާ؟ މިކަމުގަ ހިޔާލު ތަފާތުވުމަށް އޮތީ ކިހާ ޖާގައެއް؟،" ސަވާދު ވިދާޅުވި އެވެ.
މީގެ 46 އަހަރު ކުރިން ދިވެހިރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި މައުމޫން އަބްދުލްގައްޔޫމް އިން ފެށިގެން ކޮންމެ ރައީސަކު ވެސް ގައުމިއްޔަތު ސިފަކޮށްފައި އެބަހުއްޓެވެ. މައުމޫން ހިމަނައިގެން ހަ ވެރިއަކު ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވިއިރު، ކޮންމެ ވެރިއަކު ވެސް ގައުމިއްޔަތު ސިފަ ކުރެއްވީ އެބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަށެވެ.
ނަމަވެސް އެއިން ކޮންމެ ވެރިއަކު ގައުމިއްޔަތު ސިފަ ކުރެއްވިއިރު ވެސް ގައުމިއްޔަތުގެ އެންމެ މުހިންމު ސިފައަކީ އިސްލާމް ދީން ކަމަށް ވަނީ ބުނެފަ އެވެ. ދެން ކޮންމެ ވެރިޔަކު ވެސް އެންމެ ބޮޑަށް ދެއްކެވި ވާހަކައަކީ، އެބޭފުޅާ ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމިއްޔަތު ގެއްލެމުންދާ ކަމަށާއި ގައުމިއްޔަތު އިއާދަކުރަންޖެހޭ ވާހަކަ އެވެ.
ދިވެހި ބަހާއި ތާރީހާއި ސަގާފަތަކީ ގައުމިއްޔަތުގެ ބޮޑު ބައެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެކެވަޑައިގަންނަވަ އެވެ. އޭގެ ފަހުން ވެރިކަން ކުރެއްވި ރައީސް މުހައްމަދު ނަޝީދަށް، ޑިމޮކްރަސީ އާއި ހަމަހަމަކަމާއި އަދުލުވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަކީ ވެސް ގައުމިއްޔަތުގެ ބަޔެކެވެ. ދިވެހިންނަށްވުރެ ބިދޭސީން ގައުމުގައި އިތުރުވެދާނެ ކަމަށް ފާހަގަ ކުރައްވަމުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ބިދޭސީން އިތުރުވުމުން ގައުމުގެ ޝަހުސިއްޔަތު ގެއްލޭނެ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ދެކެވަޑައިގަންނަވާ ގޮތުގައި ގައުމިއްޔަތަށް އެންމެ މުހިންމީ ކުރިއަށް ދިޔުމުގެ ރޫހެވެ. އެންމެ ބޮޑު ހުރަހަކީ ޒުވާނުން މާޔޫވެސް ބިކަވުމެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ގައުމިއްޔަތަކީ އެބަޔަކު ގެންގުޅޭ ރަނގަޅު ގޮތާއި ފޮތް ކަމަށެވެ.
އޯގަސްޓު 26، 1984
"ބަހާއި، އަދަބާއި، ތާރީހާއި، ސަގާފަތާ މިއީ ވަރަށް ބޮޑަށް އެކަތި އަނެކައްޗާ ގުޅިލާމެހިފައިވާ ބައިތަކަކަށްވާކަން. އެއިން ކޮންމެ ބަޔަކީވެސް އަޅުގަނޑުމެންގެ ދިވެހި ގައުމިއްޔަތުގެ ދިވެހިވަންތަކަމުގެ ވަރަށް ބޮޑު ބައެއް. ދިވެހިބަސް ނުވަތަ އަޅުގަނޑުމެންގެ މަންމަބަސް މިއީ ދިވެހި ގައުމިއްޔަތުގެ އެންމެ މުހިންމު ރުކުން،" ދިވެހިރއްޖޭގެ އަޑުގެ ޕްރޮގްރާމެއް އިފުތިތާހުކޮށްދެއްވަމުން މައުމޫން ވިދާޅުވެފައިވެ އެވެ.
"ދިވެހިބަސް މުއްސަނދިކޮށް ތަރައްގީކުރުން. އަޅުގަނޑުމެންގެ ފަސްގަނޑަށް ބީރަށްޓެހި އެހެނިހެން ބައެއް ބަސްބަހުގެ ވިހަ ތީރުތަކުން ދިވެހިބަސް ޒަހަމްވަމުން ދަނިކޮށް، އެ ބަސް ސަލާމަތްކޮށް ރައްކާތެރިކުރުން. އަޅުގަނޑުމެންގެ ފަހުރުވެރި ގައުމިއްޔަތަށް ފުރަގަސްދިނުމުގެ ރޫހެއް އަޅުގަނޑުމެންގެ ތެރެއަށް ފެތުރިގަނެގެން ދިޔަ ފެތުރިގަތުމެއްގެ ސަބަބުން ދިވެހިބަހަށް ލިބެމުންދިޔަ ނިކަމެތިކަން ހުއްޓުވާލައި، ދިވެހިބަހަށް އިތުރު ތާޒާކަމަކާއި، އިތުރު ޒުވާންކަމެއް ގެނެސްދިނުން،" ހަމަ އެ ދުވަހު މައުމޫން ވިދާޅުވި އެވެ.
އޭޕްރީލް 10، 2005
"...އެހެންކަމުން، މި ދެންނެވި ސަބަބުތަކަށްޓަކައި، އަޅުގަނޑުމެންގެ ދީނީ އަގީދާ އާއި އަޅުގަނޑުމެންގެ ދިވެހި ގައުމިއްޔަތާ ގުޅިފައި މިވާ ގުޅުމަކީ، ވަރަށް ވަރުގަދަ އަދި ދުވަހަކުވެސް އެގުޅުން ވަކިވެގެންނުދާނެ މަތިވެރި ގުޅުމެއް. މި ގުޅުމަކީ، މީގެ ހަތަރުސަތޭކަ އެތައް އަހަރެއްގެ ކުރިން ރާއްޖޭގެ ތާރީހު ގުޅުވައިދީފައިވާ ވަރުގަދަ އަސާސީ ގުޅުމެއް. އެހެންކަމުން، މި ގުޅުމަށް ރައްކާތެރިވުމަކީ، އަޅުގަނޑުމެން، މިނިވަން ގައުމެއްގެގޮތުގައި އޮތުމަށްޓަކައި ވަރަށް މުހިންމު ކަމެއް،" މައުމޫން ވިދާޅުވި އެވެ.
"އާދެ، މިއަދު ރާއްޖޭގެ އާބާދީއަކީ، ވަރަށް ޒުވާން އާބާދީއެއް. އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމިއްޔަތުގެ ބިންގަލުގެ މަތީގައި، އަޅުގަނޑުމެންގެ ލޮބުވެތި ޅަދަރިން ތަރުބިއްޔަތުކުރެއްވުމަށް، ހުރިހާ މައިންބަފައިންނަށް، މިއަދުގެ މުނާސަބަތުގައި، އަޅުގަނޑު އިލްތިމާސް ކުރަން. އަދި އެކުދިންގެ ހިތްތަކުގައި ދިވެހިވަންތަކަން ދަމަހައްޓައި، ދިވެހި ގައުމިއްޔަތުގެ ރޫހު އަށަގެންނެވުމަށް، ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތް ކޮށްދެއްވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް،" އެ ދުވަހު މައުމޫން ވިދާޅުވި އެވެ.
ޖެނުއަރީ 24، 2012
ޒަމާނުއްސުރެ ފަށައިގެން، ގައުމިއްޔަތުގެ ބަހާތަކަކީ ނުވަތަ ގައުމިއްޔަތަކީ ކޮބައިތޯ އަޅުގަނޑުމެންގެ ތެރޭގައި އަބަދުވެސް ވިސްނުން ހިންގަމުން ގެންދޭ. މަޝްވަރާ ކުރެވޭ. ހިޔާލުފާޅުކުރެވޭ، ބަހުސްކުރެވޭ. އަޅުގަނޑުމެންނަށް ވަރަށް ފުރިހަމައަށް، ވަރަށް ޔަގީންކަމާ އެކީގައި ސާބިތުވާ އެއް ހަގީގަތަކީ، އެއް އަސްލަކީ، ދިވެހި ގައުމިއްޔަތުގެ ހަމަކަށަވަރުން ވެސް އެންމެ ވަރުގަދަ ބިންގަލަކީ، މާތްވެގެންވާ އިސްލާމްދީނުގެ އުސޫލުތައް،" ގައުމީ ދުވަހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
"އީމާންތެރިކަމާއި އިހުސާންތެރިކަމާއި ކިބުރުވެރިކަމެއް ނެތުމާއި އޯގާތެރިކަމާއި ހަމަހަމަކަމާއި އިންސާފުވެރިކަމާއި އެކެއް އަނެކަކާ އަޅާލުމާއި މާތްވެގެންވާ އިސްލާމްދީން، މުޅި އިންސާނިއްޔަތަށް ހިދާޔަތުގެ ނޫރެއްގެ ގޮތުގައި ފާޅުކޮށްދެއްވާފައިވާ އެންމެހާ ރިވެތި ގޮތްތައް. އަޅުގަނޑުމެން ރާއްޖޭގެ އަގީދާއަކީ، އަޅުގަނޑުމެންގެ ދީނޭ، އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ، އެއީ އަޅުގަނޑުމެންގެ މި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އުސޫލުތައް. އެއީ އަޅުގަނޑުމެންގެ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ރުކުނަކީ. އަޅުގަނޑުމެންގެ ގައުމިއްޔަތުގެ ރުކުނެއް އެއީ، އަޅުގަނޑުމެންގެ ސަގާފަތާއި، އަޅުގަނޑުމެންގެ އާދަކާދަ. ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެން ކަންކުރަމުން އައިގޮތް،" ނަޝީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ގައުމިއްޔަތުގެ އެއްބައި އެއީ ޑިމޮކްރަސީ. ރާއްޖޭގެ ގައުމިއްޔަތުގެ އެއްބައި އެއީ ހަމަހަމަކަން. އަދުލުވެރި ފަނޑިޔާރުގެއެއް އޮތުން. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުން. އިންސާނީ ހައްގުތައް ރައްކާތެރިކޮށްދިނުން. އަދި ހަމަ އެހެންމެ، ރީތި ތަނަވަސް، ތާހިރު ދިރިއުޅުމެއް، އަޅުގަނޑުމެންނަށް އުޅެވޭނެ އިގްތިސާދީ ނިޒާމެއް ހިމާޔަތް ކުރުން،" ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަގީގަތުގައި ބަދަލުވަމުން މިދަނީ، މުޅިން އެހެން ގައުމިއްޔަތަކަށް. އަޅުގަނޑުމެން ސިފަކުރާންވީ، މަންޒަރު ކުރާންވީ، ދެކޭންވީ އަޅުގަނޑުމެން ދެކުމަށްމިދާ އަނެއް ގައުމިއްޔަތު. އެ ގައުމިއްޔަތުގެ ވެސް ހަމަ އަނެއްކާވެސް އަޅުގަނޑު ތަކުރާރު ކުރާނަން، މައިގަނޑު ރުކުންތަކަކީ، އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހިން."
"މި ގައުމިއްޔަތު ބިނާކުރުމުގައި، އަޅުގަނޑު ކުރާންޖެހުނު ކޮންމެ ކަމެއް އިރާދަކުރެއްވިއްޔާ، ސާބިތުކަމާ އެކީގައި އަޅުގަނޑު ކުރާނަން. އަދި އަޅުގަނޑު އެކަމެއް ކޮށްގެން، އަޅުގަނޑުގެ މައްޗަށް ތުހުމަތު ކުރެވި ނުވަތަ އަޅުގަނޑުގެ މައްޗަށް ފާޑުބުނެވި، ބަސްބުނެވި، މިފަދަ ކޮންމެ ކަމެއް ވެދިޔަ ކަމުގައިވިޔަސް ވެސް، އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާ އެކުގައި ދަންނަވަން، އަޅުގަނޑުކުރާ ކަންތައްތައް އަޅުގަނޑު ކުރަނީ، މި ގައުމަށްޓަކައި، މި ރައްޔިތުންނަށްޓަކައި."
ފެބްރުއަރީ 1، 2011
"ގައުމެއް، ގައުމިއްޔަތެއް ބިނާކުރުމުގައި، ކޮންމެހެން ބޭނުންވާ މައިގަނޑު އަސާސްތަކެއް އެބަހުރޭ. އޭގެތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި، މާތްވެގެންވާ އިސްލާމްދީނާއި، އަޅުގަނޑުމެންގެ ސަގާފަތާއި އަދި އަޅުގަނޑުމެންނަށް މިއަދު ހަމަކަށަވަރުވަމުން މިއަންނަ އަނެއް ހަގީގަތަކީ، ދިވެހިން އެދެނީ މާތްވެގެންވާ އިސްލާމްދީނާއި، އިންސާނީ ހައްގާއި އަދި އަޅުގަނޑުމެންގެ ސަގާފަތް އެއީ އަސާސްތަކެއް ކަމަށް ދެކިގެން، މި ރާއްޖޭގެ ގައުމިއްޔަތު ބިނާކުރުމަށް. އަޅުގަނޑުމެން މިހާރު ކުރިއަށް މިގެންދާ އެންމެބޮޑު މަޝްރޫއަކީ މިދެންނެވީ. މި ރާއްޖޭގެ ގައުމިއްޔަތު އަލުން އަނބުރާ ބިނާކުރުން. އާ ގައުމިއްޔަތެއް ފައްކާ ކުރުން،" ކީރިތި ގުރްއާންގެ ދިވެހި ތަރުޖަމާ، އެމް.އެން.ބީ.ސީ. 1 އިން ގެނެސްދޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
"އިސްލާމްދީން ކުރިއެރުމަށްޓަކައި މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އިސްލާމީ ރަނގަޅު އަގީދާއެއް އަޅުގަނޑުމެންގެ ހިތްތަކުގައި ބިންވަޅު ނެގުމަށްޓަކައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް. އަޅުގަނޑުމެން ބިނާކުރަމުން މިގެންދަނީ މިދެންނެވި ގައުމިއްޔަތު،" ނަޝީދު ވިދާޅުވި އެވެ.
ޖެނުއަރީ 13، 2013
"މިއީ އަޅުގަނޑުމެންގެ ގައުމު. މިއީ، އަޅުގަނޑުމެންގެ ވަޒަން. އަޅުގަނޑުމެންގެ ވެށި. މި ވެށި އަމާން ތަނަކަށް ހެދިގެން ނޫނީ، އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. މިއަހަރުގެ ގައުމީ ދުވަހުގެ ޝިއާރު [އަމާންވެށި – ގައުމުގެ ކުރިއެރުން] މި ޝިއާރު އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްދެނީ، ތަރައްގީގެ ކޮންމެ ހަރުފަތެއް ވެސް އަޅުގަނޑުމެންނަށް ގިރާ ކުރެވޭނީ އަމާން މާހައުލެއް އޮވެގެންކަން. ހަމައެއާއެކު، ގައުމިއްޔަތުގެ މުހިންމު ރުކުންތައް ހިމާޔަތްކޮށް، އެ ރުކުންތަކަށް އަޅުގަނޑުމެން އިހްތިރާމް ކޮށްގެންކަން،" ގައުމީ ދުވަހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވި އެވެ.
"ބިދޭސީންގެ އަދަދު އިތުރުވުމުން، ގައުމަށް މިއަންނަ ބަދަލުތަކަކީ ކޮބައިތޯ؟ މިއަދު ވަރަށް ސީރިއަސްކޮށް ވިސްނަން އެބަޖެހޭ. މިއަދު މި ގައުމުގައި ދިރިއުޅޭ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ބިދޭސީއެއް. ބިދޭސީ މަސައްކަތްތެރިންގެ އާބާދީ އަހަރަކު 20 އިންސައްތަ އިތުރުވާ ކަމަށް ތަފާސްހިސާބުތަކުން ފެންނަން އެބަހުރި. މި މިންވަރަށް އިތުރުވަމުންދާ ނަމަ، މީގެ ހަ އަހަރު ފަހުން ރާއްޖޭގެ އާބާދީއަށްވުރެ، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވާނެ. އާދެ، މިއީ، ގައުމުގެ ޝަހުސިއްޔަތު ނެތިގެންދާނެ ކަމެއް،" ހަމަ އެ ދުވަހު ވަހީދު ވިދާޅުވި އެވެ.
ނޮވެމްބަރު 18، 2017
"ޝައްކެއް ވެސް ނެތް ގޮތުގައި، ގައުމެއް ގައުމަކަށްވަނީ އެންމެ ފުރަތަމަ އަޅުގަނޑު ދެކޭ ގޮތުން ގައުމުގައި ކުރިއަށް ދިޔުމުގެ ރޫހެއް ހުރެގެން. ގައުމުގައި ކުރިއަށް ދިޔުމުގެ ރޫހެއް ހުރެގެން ނޫން ގޮތަކަށް، ގައުމަކީ ޝަރަފުވެރި، އަބުރުވެރި މިސާލެއް ދައްކާނެ ގައުމަކަށް ނުވާނެ. އަޅުވެތިކަމާއި ހިތްދަތިކަމާއި ފަގީރުކަމާއި ސަލާންޖެހުމުގެ ތެރޭގައި އުޅުމަކީ ގައުމަކަށް ތަހައްމަލު ކުރަން ފަސޭހަކަމަކަށް ނުވާނެ،" ހިޔާ މަޝްރޫއު އިފުތިތާހު ކޮށްދެއްވަމުން ޔާމީން ވިދާޅުވި އެވެ.
"ގައުމިއްޔަތެއްގައި މި ދެންނެވި ލޯތްބާއެކީ ގައުމު ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑުމެން ދެން ވިސްނާލަންޖެހޭ ކަމަކީ، ގައުމީ ދުވަހެއްގައި، ގައުމެއްގައި އެންމެ މުހިންމީ ކޮން ކަމެއްތޯ؟ ޝައްކެއް ވެސް ނެތް ގޮތުގައި ހަމަޖެހުން. ގައުމުގެ ރައްޔިތުން ޝަރަފުވެރިކަމާއެކީ ރަށްރަށުގެ ނަން ތާރީހުތަކުގައި، ޗާޓުތަކުގައި އަދި މިނޫން ވެސް އެހެން އެކި ތަންތަނުގައި ލިޔެވިދާނެ. އެހެންނަމަވެސް، އެ ބައެއްގެ ތެރޭގައި ހަމަޖެހުން ނެތިއްޔާ، އަދި އެ ބައެއްގެ ތެރޭގައި ކުރިއަށް ދިޔުމުގެ ރޫހެއް ނެތިއްޔާ، ގައުމީ ދުވަހެއްގެ އުފާވެރިކަން އަދި ގައުމަކަށް ލިބެންވާ ހިތްހަމަޖެހުމެއް ލިބިގެނެއްނުދާނެ. މިކަމާ އެންމެ ބޮޑަށް މި ގުޅެނީ، ގައުމުގައި އޮންނަ ހަމަޖެހުން."
"އަޅުގަނޑުމެން ހުރިހާ ސިޔާސީ ފިކުރެއްގައި ތިބި އަޅުގަނޑުމެންގެ ގައުމުގެ ލޮބުވެތި ރައްޔިތުން ވެސް ހިތްޕުޅަށް ގެންނަވަންޖެހޭ، އަދި ތަކުރާރުކޮށް ހަނދާން ކޮށްދެއްވަންޖެހޭ، އެއްވެސް ސިޔާސީ ލީޑަރަކަށްވުރެން މުހިއްމީ ގައުމު. ސިޔާސީ ލީޑަރުންގެ އަމިއްލަ ވިސްނުންފުޅުތަކެއް ހުންނާނެކަމާ ދޭތެރޭގައި ޝައްކެއްނެތް. ސިޔާސީ ލީޑަރުން ކަންކަން ތަރުތީބުކުރާނެ ގޮތާ ދޭތެރޭގައި، އެބޭފުޅުންގެ ވިސްނުންފުޅު ހުންނަކަން، އަޅުގަނޑުމެންނަށް މިދިޔަ ގާތްގަނޑަކަށް ސާޅީހަކަށް އަހަރުގެ ކުރު މާޒީގެ ތެރޭގައި ދައްކައިދީފި."
"މި ދެންނެވި ގޮތަށް ގައުމިއްޔަތަށް އެންމެބޮޑު ގޮންޖެހުމެއް ޖަހަމުން އައީ، މި ދެންނެވި ގޮތަށް ޒުވާނުންގެ ރެސްޓްލެސްނަސް. ކުރާނެކަމެއްނެތި މާޔޫސްވެފައި، ބިކަވެފައި ތިބި ޒުވާނުން ތިބީ. ވަޒީފާގެ އުއްމީދެއް ނެތް. ގެދޮރުވެރިކަމުގެ އުއްމީދު އަދި އަމުދުން އެމީހުންނަށް ނެތް. ގާދޫކޮލުން ބޭރުގައި، 10،000 މޭލު ދުރުގައި މިކަން އޮތީ."
"ކީއްވެގެންތޯ އަޅުގަނޑުމެން ކަންތައްތައް ބޭނުންނުވާންވީ؟ ކީއްވެގެންތޯ އަޅުގަނޑުމެންގެ އުއްމީދު ނޯންނަންވީ؟ ކީއްވެގެންތޯ މާޔޫސްކަމުގައި ކަނޑެއްގެ ތެރޭގައި އަޅުގަނޑުމެން ޣަރަގުވާންވީ؟ ވާކަށްނުޖެހޭ ދޮގެއްތޯ. އެހެންވީމާ، އެ އަޒުމާއެކީ މަސައްކަތް ކުރުމަކީ ގައުމިއްޔަތެއްގެ އެންމެ ވަރުގަދަ ސިފަ. ގައުމަށް ޝަރަފާއި ފަހުރާ ގެނައުމުގެ އަޒުމު ގައުމުގެ ލީޑަރުންގެ ތެރޭގައި ހުންނަންޖެހޭނެ."
ސެޕްޓެމްބަރު 27، 2022
"ދިރިއުޅޭ އިންސާނުން ނެތި ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަޙައްދަކީ އަދި ގައުމެއް ނޫން. ގައުމެއް ނެތަމަ ގައުމިއްޔަތެއް ނޯންނާނެ. ދިވެހިރާއްޖޭގެ ގައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން. ދިވެހިންގެ އުޅުމާއި ގުޅުމާއި އިސްކުރާ ކަންކަމާއި ފަސްކުރާ ކަންކަމުގައި ހުންނަ ތަރުތީބަކީ ގައުމިއްޔަތުގެ ތަރުތީބު. ބޮޑުތަކުރުފާނު ކޮށްދެއްވި އެންމެ މުހިންމު އެއްކަމަކީ، ވެވަޑައިގެންނެވި އެންމެބޮޑު ގުރުބާނީއަކީ ދިވެހިންގެ ގައުމިއްޔަތު ދިފާޢުކޮށްދެއްވުން،" ގައުމީ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑަށް މި ހުރެވުނީ ރާއްޖޭގެ އެންމެ އުތުރުގެ އިން ކަމުގައިވާ ތުރާކުނާ މާ ދުރަކުނޫން. އެ ތުރާކުނުން ފެށި އައްޑޫ ގަން، ދެކުނު މުއްޔާ ދެމެދުގައިވާ ހުރިހާ ސަރަޙައްދަކީ މި ދިވެހިރާއްޖެ. ދިވެހި ކާބަފައިން އެކީ އެއް ހަމައެއްގައި އުފުލައި ގެނެސް އަޅުގަނޑުމެންނާ ހަވާލުކުރި ޒިންމާއަކީ، މި ގައުމާއި ދިވެހި ގައުމިއްޔަތު. ދުނިޔެއާއި އާހިރަތުގެ ފަލާހާއި ނަޖާތު ކަމުގައިވި މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންގެ ބަހާއި އަދަބިއްޔާތާއި ތާރީހާއި އާދަކާދަ އާއި ސަގާފަތް. ދިވެހިންގެ އަދަބު އަހުލާގާއި ސުލޫކު ގައުމިއްޔަތުގައި ޝާމިލްވޭ."
ގައުމިއްޔަތަކީ އެތެރޭގައި އުފެދި، ހެދި ބޮޑުވެ، ޒަމާންތަކުން އާރުލާ އަހުލާގާއި ރިވެތި އުޅުމާއި ސުލޫކު. އެބައެއްގެ މެދުގައި އާލާވެފައި އޮންނަ ރަނގަޅު ގޮތާއި ފޮތަކީ ގައުމިއްޔަތު. ގައުމިއްޔަތަކީ ގައުމުދެކެވާ ލޯބި. ވަށައިގެންވާ މާހައުލުގައިވާ ކޮންމެ އެއްޗަކާއި ދިރުމަކަށްޓަކައި ހިތުގައި އޮންނަ ކުލުނު. ބޮޑުތަކުރުފާނުގެ މުޅި ހަޔާތްޕުޅުން ފެނިގެންދިޔަ އެންމެ މުހިންމު ސިފަޔަކީ، ދިވެހިންގެ ގައުމިއްޔަތަށް އޮތް ލޯބި."
"ބޮޑުތަކުރުފާނު ކުރައްސަވައިދެއްވި ގައުމިއްޔަތުގެ ޗާޓުން ދައްކަނީ މެހްމާނުންނަށް ކަމޭހިތާ، އިހުތިރާމްކޮށް އޯގާތެރިވުން. ރާއްޖެއަށް ލާބަހުރި ކޮންމެ ކަމެއްގައި، އެ ތަކުރުފާނު އިސްކުރެއްވި ހާރިޖީ ސިޔާސަތަކީ ގައުމިއްޔަތުގެ ބައެއް. މި ދެންނެވި ގައުމިއްޔަތުގެ ސިފަތައް ދެމެހެއްޓުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް."
"މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރިކަމާއި، އެ ދީނުގެ ޞައްޙަ ޢަޤީދާއަކީ، ދިވެހި ޤައުމިއްޔަތުގެ އެންމެ ވަރުގަދަ ތަނބު."
"ގައުމިއްޔަތަކީ ތަފާތެއްނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން."
"ކުޑައެއް، ބޮޑެއް ނެތި ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ ފަސޭހަ މި ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ އިހުއޮތް ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން."
ގައުމިއްޔަތަކީ ވަކި މީހެއްގެ އަމިއްލަ ވިސްނުމެއް ނޫނެވެ. ގައުމިއްޔަތަކީ ވަކި މީހަކަށް މިލްކު ކުރެވޭނެ އެއްޗެއް ވެސް ނޫނެވެ. ގައުމިއްޔަތުގެ ނަމުގައި ވަކި ކަންކަމެއް ތަންފީޒު ކުރުމުން ވާނެ ގޮތަކާމެދު ވެސް ވިސްނަންޖެހެ އެވެ. އަދި އަމުދުން، ގައުމިއްޔަތުގެ ނަމުގައި ދިވެހިންގެ ތެރެއިން ވަކި ބަޔަކީ ދުޝްމަނުންގެ ގޮތުގައި ސިފަ ކުރުމަކީ ބޮޑު ގޯހެކެވެ.
Comment