Advertisement

މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމުގެ ޕްލޭނެއް އެކުލަވާލާނަން: އަސްލަމް

10 ފެބުރުވަރީ 2024 - 07:36 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް -- ފޮޓޯ: ރައީސް އޮފީސް


މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ދިނުމުގެ ޕްލޭނެއް އެކުލަވާލާނަން: އަސްލަމް

10 ފެބުރުވަރީ 2024 - 07:36 2

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ޕްލޭނެއް އެކުލަވާލާނެ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މުވައްޒަފުންގެ ހިދުމަތުގެ އަގުވަޒަން ކުރަން ރޭ ބޭއްވި ހަފުލާގައި އަސްލަމް ވިދާޅުވީ އެ މަނިކުފާނު މަގާމާ ހަވާލުވުމަށް ފަހު މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި ދެ ކަންބޮޑުވުމެއް ފާހަގަ ކުރެއްވި ކަމަށެވެ. އެއީ މުސާރަ ބޮޑުނުވެ ގިނަ ދުވަސްވުމާއި ދައުލަތުގެ އެކި ދާއިރާތަކަށް ހާއްސަކޮށްގެން ހައުސިން ސްކީމުތައް ހިންގި ނަމަވެސް، މަޖިލީހުގެ މުވައްޒަފުންނަށް އެފަދަ ސްކީމެއް ނެތުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުންގެ މުސާރަ އެވްރެޖުކޮށް 20 ޕަސެންޓު މިހާރު ވަނީ ބޮޑުކޮށްފަ އެވެ. އަދި ހައުސިން ސްކީމެއްގެ ޕްލޭނެއް އެކުލަވާލާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވި އެވެ.

"އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އެބަ މަސައްކަތް ކުރަން ރައްޔިތުންގެ މަޖިލީހުން، އަޅުގަނޑު ދެކޭ ގޮތުގައި، ސަރުކާރުގެ ވަކި އިދާރާއަކުން ވެސް ނޫން، ސަރުކާރަކުން ވެސް ނޫން، ރައްޔިތުންގެ މަޖިލީހުން އެކަން [ހައުސިން ސްކީމެއް] އިންތިޒާމު ކުރެވެންޖެހޭނެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ރައްޔިތުންގެ މަޖިލީހުން މިކަން ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލަންޖެހޭ. އެހެން ކަމުން އެ މަސައްކަތް މުވައްޒަފުންނާއި އަމީން އާންމުގެ މަޝްވަރާގެ މަތިން ކުރިއަށް ގެންދާނަން،" އަސްލަމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް އުފެދުނީ ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީއާއެކު 1932 ގަ އެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީސް ވަކި ބާރެއްގެ ގޮތުގައި ފުރިހަމައަށް ހިންގަން ފެށީ، މިހާރު އަމަލުކުރާ ގާނޫނުއަސާސީއާއެކު އެވެ. އޭގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރީ ހިންގުން އޮތީ ރައީސް އޮފީހާއި ހޯމް މިނިސްޓްރީގެ ދަށުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަޅުމުގައި ކުރައްވާ މަސައްކަތް ފެނުނު ނަމަވެސް، ފަރުދާގެ ފުރަގަހުގައި މުވައްޒަފުން ކުރާ މަސައްކަތަކީ "މި ގައުމު ފަހުރުވެރިވާފަދަ ހިދުމަތެއް" ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހަކީ ސިޔާސީ ޕާޓީތައް ތަމްސީލުކުރާ ސިޔާސީ ތަނެއް ނަމަވެސް އިދާރީ ގޮތުން މުވައްޒަފުން ހިދުމަތް ދެމުންދަނީ ޕްރޮފެޝަނަލްކޮށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހަތަރު ވަނަ ދައުރު ފުރިހަމަ ކުރައްވާ އަސްލަމް ވިދާޅުވި އެވެ.