9 ފެބުރުވަރީ 2024 - 22:30 0
ލީވާން އަލީ ނާސިރު
9 ފެބުރުވަރީ 2024 - 22:30 0
ޕާކިސްތާނުގެ އާންމު އިންތިހާބުގައި އިމްރާން ޚާންއަށް ތާއިދު ކުރައްވާ ކެންޑިޑޭޓުން މިހާތަނަށް ގިނަ ގޮނޑި ކާމިޔާބު ކުރި ނަމަވެސް، މިހާތަނަށް ދެވަނައަށް އެންމެ ގިނަ ގޮނޑި ހޯއްދެވި ޕީއެމްއެލްއެންގެ ލީޑަރު ނަވާޒް ޝަރީފް އުފާފާޅުކުރައްވާ ތަގުރީރެއް ދެއްވައިފި އެވެ.
އިއްޔެ ޕާކިސްތާނުގައި ކުރިޔަށްދިޔަ އިންތިހާބުގެ ނަތީޖާ މިހާތަނަށް އެއްކޮށް އިއުލާން ކުރެވިފައި ނުވާއިރު، އިންތިހާބު ނަތީޖާ ސައްހަވާނެ ކަމާ މެދު އަންނަނީ ގިނަ ބަޔަކު ސުވާލު އުފައްދަމުންނެވެ.
އިންތިހާބުގެ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކޮށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސަޕޯޓަރުންގެ އިތުރުން އިދިކޮޅު ބައެއް ޕާޓީތަކުގެ ސަޕޯޓަރުން މިހާރު ވަނީ މަގުތަކަށް އެއްވެސް އިހުތިޖާޖު ކުރަން ފަށާފަ އެވެ.
މި އިހުތިޖާޖުގައި މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް ޕާކިސްތާން ފުލުހުން ބުނެފައިވާ ކަމަށް އޭއެފްޕީން ރިޕޯޓް ކުރެ އެވެ.
އިންތިހާބުން ލިބުނީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވެ ނަވާޒް ޝަރީފް ލާހޯރުގައި ދެއްވި ތަގުރީރުގައި ވިދާޅުވީ އެނާގެ ޕާޓީ ވެގެންދާނީ ނެޝަނަލް އެސެމްބްލީގައި ދެން ތަމްސީލްކުރާ އެންމެ ބޮޑު ޕާޓީއަށް ކަމަށާއި، އަދި އެހެން ޕާޓީތަކަށް ކޯލިޝަން ހެދުމަށް ދައުވަތު އަރުވާ ކަމަށެވެ.
ސަރުކާރެއް އުފެއްދުމަށް ބޭނުންވާ އަދަދު ހަމަނުވާކަން ފާހަގަކުރައްވާ ނަވާޒް ވިދާޅުވީ، އެހެން ޕާޓީތަކުން ހުށަހަޅާ ކަންކަމަށް އިހުތިރާމް ކުރާނެ ކަމަށެވެ. އަދި ބޭނުންވަނީ ކޯލިޝަނެއް ހަދައި ގައުމުގެ ކުރިމަގަށް މަސައްކަތް ކުރަން ކަމަށެވެ.
އިންތިހާބުގައި މިހާތަނަށް ޕާކިސްތާންގެ އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު 88 ގޮނޑި ކާމިޔާބުކޮށް ކުރީގައި އުޅެނީ އިމްރާން ޚާންއަށް ތާއިދުކުރައްވާ ކެންޑިޑޭޓުންނެވެ.
ދެވަނައިގައި 61 ގޮނޑިއާއެކު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލްއެން ޕާޓީ އޮތްއިރު، ތިންވަނައިގައި 50 ގޮނޑިއާއެކު އޮތީ ޕީޕީޕީ އެވެ. އަދި އިތުރު 18 ކެންޑިޑޭޓަކުވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
މިހާތަނަށް 217 ގޮނޑީގެ ނަތީޖާ އިއުލާން ކޮށްފައިވާއިރު، ނަތީޖާ އިއުލާން ނުކުރަނީ 48 ގޮނޑީގެ އެވެ.
ޕާކިސްތާނުގެ އިންތިހާބާ ދިމާކޮށް ގިނަ ހަމަނުޖެހުންތަކެއް ހިންގައި، ކެންޑިޑޭޓެއްވެސް ހިމެނޭ ގޮތަށް އެތައް ބަޔަކު ވަނީ މަރާލާފަ އެވެ. އަދި އިންތިހާބުގައި ވޯޓުލުމަށްފަހު ގިނަ ސުވާލު އުފެދޭ ކަންކަން ހިނގާފައިވާ ކަމަށް އަންނަނީ ތުހުމަތުތައް ކުރެވެމުންނެވެ.
Comment