Advertisement

ހަމަލާތަކާ ގުޅިގެން ރަޝިއާ އަދި ޗައިނާގެ ފާޑުކިޔުން އެމެރިކާއަށް

7 ފެބުރުވަރީ 2024 - 20:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ހަމަލާތަކާ ގުޅިގެން ރަޝިއާ އަދި ޗައިނާގެ ފާޑުކިޔުން އެމެރިކާއަށް

7 ފެބުރުވަރީ 2024 - 20:00 0

ދާދި ފަހުން އިރާގު އަދި ސީރިއާގެ ބައެއް ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެން ރަޝިއާ އަދި ޗައިނާގެ ފާޑު ކިޔުން އެމެރިކާއަށް އަމާޒުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި އދ. ގެ ސަލަމާތީ މަޖިލީހުގެ ބައްދަލުވުމުގައި ރަޝިއާ އަދި ޗައިނާގެ އެމްބެސެޑަރުން ބުނީ، އެމެރިކާގެ ހަމަލާތަކާ ގުޅިގެން މަސްރަހު އިތުރަށް ގޯސްވެފައިވާ ކަމަށެވެ.

އިއްޔެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވާފައި މިވަނީ އެމެރިކާގެ ހަމަލާތަކާ ގުޅިގެން ރަޝިއާއިން އެ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން އެދުމުންނެވެ.

އެމެރިކާއިން އިރާގު އަދި ސީރިއާއަށް ހަމަލާދީފައި ވަނީ، އިރާން ފަހަތުގައި އޮވެ ޖޯޑަންގައި ހުންނަ އެމެރިކާ ބޭސްއަކަށް ޑްރޯން ހަމަލާތަކެއްދީ ތިން ސިފައިން މަރާލުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުން ކަމަށް އެ ގައުމުން ބުނެ އެވެ.

ނަމަވެސް ބައްދަލުވުމުގައި އިރާންގެ ސަފީރު ސައީދް އިރަވާނީ ބުނީ، އިރާގު އަދި ސީރިއާގައި ހުންނަ އެ ގައުމުގެ ބޭސްއަށް އެމެރިކާއިން ހަމަލާތައް ދީފައިވަނީ އެ ގައުމުތަކުން އެމެރިކާގެ އެއްވެސް ބޭސްއަކަށް ހަމަލާ ނުދެނީސް ކަމަށެވެ.

އޭގެއިތުރުން އެމެރިކާއިން ދީފައިވާ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށާއި، އެ ގައުމުން އަންނަނީ އަނިޔާވެރި އަމަލުތައް ހިންގަމުން އަންނަ އިޒްރޭލަށްވެސް އެހީވަމުން ކަމަށް ސައީދު އިރަވާނީ ބުނިއެވެ.

ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމުގައި ރަޝިއާގެ ޔޫއެން އެމްބެސެޑާ ވެސިލީ ނެބެންޒިއާ ބުނީ، އެމެރިކާގެ ހަމަލާތަކަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ މޫނުމަތި ރީތިކޮށް، ސިޔާސީ ގޮތުން ދީފައިވާ ހަމަލާއެއް ކަމަށެވެ.

ޗައިނާގެ އެމްބެސެޑަރު ޒަންގް ޖުން ބުނީ، އެމެރިކާއިން ބުނާ ގޮތުގައި އެ ގައުމުން މެދުއިރުމަތީގައި ކޯޅުން އުފެއްދުމަށް މަސައްކަތް ނުކުރާ ކަމަށާއި، ނަމަވެސް ހަގީގަތަކީ އެ ގައުމުން އަމަލު ކުރަމުންދަނީ އެއާ ދިމާ އިދިކޮޅަށް ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ އަނިޔާވެރި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. އަދި އެމެރިކާ އަދި ޔޫކޭ އިން އަންނަނީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާމަށް އެއްބާރުލުން ދީ، ހާލަތު އިތުރަށް ގޯސް ކުރަމުން ކަމަށް ގައުމުތަކުން ބުނެ އެވެ.