Advertisement

ދަރަނީގެ ހާލަތު ގަބޫލުކުރަން، އިންތިހާބަށް ކަޑަނުޖަހާނަން: ރައީސް

6 ފެބުރުވަރީ 2024 - 11:39 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. ގުރައިދޫގައި ވާހަކަ ދައްކަވަނީ: ދަރަނިވެރި ހާލަތު އެމަނިކުފާނު ގަބޫލުކުރައްވާ ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް


ދަރަނީގެ ހާލަތު ގަބޫލުކުރަން، އިންތިހާބަށް ކަޑަނުޖަހާނަން: ރައީސް

6 ފެބުރުވަރީ 2024 - 11:39 0

ރާއްޖެއަށް ކުރިމަތިވެފައިވާ ދަރަނިވެރި ހާލަތު ގަބޫލު ކުރައްވާ ކަމަށާއި، މި ހާލަތުގެ ހަގީގަތް އޮޅުވާލައިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ރަށްރަށުގައި "ކަޑަނުޖަހާނެ" ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ތ. ގުރައިދޫގައި މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އިންސައްތައެއްގެ ވޯޓު ލިބުނު ގުރައިދުއަށް ވަޑައިގެން، ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުރީގެ ސަރުކާރުން ކުރި ބައެއް ކަންކަމުގެ ސަބަބުން މި ސަރުކާރަށް "ވާރުތަވި" އިގުތިސޯދީ ހާލަތު އޮޅުވާލަން އެމަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ.

"ކުރިއަށް އޮތް ދެ މަސް ދުވަސް އެންމެ އުނދަގުލީ، ކަން ދިމާކުރި ގޮތުން، އެންމެ ހައްސާސް ވަގުތު މިއީ، ޖުލައިގެ ފަހަށް މާ ބޮޑަށް ފަސޭހަ ވެގެންދާނެ، އެކަމަކު މިހާރުން ފެށިގެން އާމްދަނީ ހޯދަން ކުރަން ޖެހޭ މަސައްކަތްތައް މި ކުރަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ދަރަނި މަތިވުމުގެ އިތުރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދަރަނި ވެސް މަތި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ހުރިހާ ކަމެއް ހަމަ މަގަށް އަޅުވައިގެން މެނުވީ ހަގީގީ މާނައެއްގައި ރައްޔިތުންނަށް ތަރައްގީ ނުގެނެސްދެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މި މަސައްކަތް ކުރަނީ އިހުލާސްތެރިކަމާއެކީ، ހަގީގީ މާނައެއްގައި ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމަށް، އިންތިހާބެއް ކުރިމަތީގައި އޮތީމައި މި ދެންނެވި ހަގީގަތްތައް އެއީ ހަގީގަތް ކަމަށް ނުބަލައި، ކުރީގައި އާންމު ބީދައިން ކަޑަ ޖަހައިފިއްޔާ، އެ ނުވާނެ، ނަތީޖާ ނުކުންނާނެ ކަމަކަށް،" ވިދާޅުވި އެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކަށް ދަތުރުކުރައްވާނެ ކަމުގެ ޔަގީން ކަން ރައީސް މިއަދު ވެސް ދެއްވި އެވެ. މި ދަތުރުތަކުގެ އެއް ބޭނުމަކީ ވެސް އިގުތިސޯދީ ހަގީގަތް ރައްޔިތުންނާ ހިއްސާކޮށް، ރަށަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ރަށަކަށް ވެސް ބޭނުން ޖެހިފައިވާ 10-12 ކަންކަން ހިމެނޭއިރު، ކުރީގެ ސަރުކާރުން ފަށާފައިވާ އެތައް މަޝްރޫއެއް ވެސް، އެ ސަރުކާރުން ފެށިގެން މިއަދާ ހަމައަށް ހުއްޓިފައި އެބަ ހުއްޓެވެ. ރައީސް އެދިވަޑައިގަތީ، އެއިން އެންމެ ބޭނުން ޖެހިފައިވާ މަޝްރޫއުތައް ތަރުތީބު ކޮށްދިނުމަށެވެ.

"އަޅުގަނޑު ވެސް ބޭނުންވޭ، ތިޔަ ރައްޔިތުން އަދި ގައިމު ވެސް ބޭނުންވާނެ، ހުރިހާ ކަމެއް، އެއް ފަހަރާ ފަށަން، އެހެން ނަމަވެސް އެބަ ޖެހޭ ތަރުތީބު ކުރަން، އިގުތިސޯދު މި އޮތް ހާލަތު ބަލައިގަނެ، ކަންކަން އެބަ ޖެހޭ ތަރުތީބު ކުރަން،" ރައީސް ވިދާޅުވި އެވެ.

މި އިގުތިސޯދީ ހާލަތުގައި ވެސް ރަށްރަށުން ބޭނުންވާ ތަރައްގީ ހާސިލު ކުރުމަށް، ސަރުކާރުން ކުރެވެން ހުރި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ތ. ގުރައިދުއަށް ރައީސް ވަޑައިގެންނެވީ، ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ގާތްގަނޑަކަށް މަސް ދުވަސް ވެފައިވަނިކޮށެވެ.