Advertisement

ރައީސްގެ އަތޮޅު ދަތުރުތައް މިއަދު ފަށަނީ، ފުރަތަމަ ތ. އަތޮޅު

6 ފެބުރުވަރީ 2024 - 08:54 0

ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރަށް ފުރާވަޑައިގަންނަވަނީ: އަތޮޅު ތެރެއިން އެންމެ ފުރަތަމަ ވަޑައިގަންނަވަނީ އެމަނިކުފާނަށް އެންމެ ބޮޑު ޕަސެންޓޭޖެއްގެ ވޯޓު ލިބުނު ތ. ގުރައިދޫއަށް -- ފޮޓޯ: ރައީސް އޮފީސް


ރައީސްގެ އަތޮޅު ދަތުރުތައް މިއަދު ފަށަނީ، ފުރަތަމަ ތ. އަތޮޅު

6 ފެބުރުވަރީ 2024 - 08:54 0

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުގައި މިއަދު ތ. އަތޮޅަށް ވަޑައިގަންނަވާނެ އެވެ.

އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ފުރަތަމަ ވަޑައިގަންނަވީ ރިޔާސީ އިންތިހާބުގައި އެންމެ މަތީ ޕަސެންޓެއްގެ ވޯޓު ލިބުނު ތ. ގުރައިދޫ އަށެވެ. އެ ރަށުގައި ދެ ފޮށި ބެހެއްޓިއިރު، އެއް ފޮށިން 75.6 ޕަސެންޓު، އަނެއް ފޮށިން 72.4 ޕަސެންޓު އެ މަނިކުފާނު ހޯއްދެވި އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒަށް 54 ޕަސެންޓު ވޯޓު ހޯއްދެވިއިރު، ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.

ތ. އަތޮޅަށް ކުރައްވާ ދަތުރާ ބެހޭ މައުލޫމާތު ރައީސް އޮފީހުން އަދި ހާމައެއް ނުކުރެ އެވެ.

ސަރުކާރުގެ އޮފިޝަލަކު "އަދަދު" ނޫހަށް ވިދާޅުވީ ރައީސް މުއިއްޒާއި ބައެއް ވަޒީރުން މިއަދު ހެނދުނު ތ. ގުރައިދޫ އަށް ވަޑައިގަންނަވާނެ ކަމަށާއި އެ ބޭފުޅުން ވަޑައިގަންނަވާނީ ސީޕްލޭނެއްގައި ކަމަށެވެ.

ތޭރެ ރަށް އޮންނަ ތ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުގައި ވަޑައިގަންނަވާނީ ޖުމުލަ ނުވަ ރަށަކަށެވެ. ގުރައިދޫއަށް ވަޑައިގަތުމަށް ފަހު މިއަދު އިތުރު ދެ ރަށަކަށް އަދި މާދަމާ ހަތަރު ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރައީސް ގުރައިދޫ އަށް ވަޑައިގަންނަވާއިރު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އެމަނިކުފާނު ވަނީ އެ ރަށުގައި އެއާޕޯޓެއް އަޅައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ރައީސްގެ ތާ ދަތުރަށް ފަހު މާލެ ވަޑައިގަންނަވާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.