Advertisement

އަސްލަމްގެ ބަހުގެ ހަމަލާއެއް ރައީސަށް: "ބާރު ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް، މޮޅެއް ނެތް"

5 ފެބުރުވަރީ 2024 - 10:47 2

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް މުއިއްޒު އަރިހުގައި މިއަދު މަޖިލީހަށް އަސްލަމް ވަޑައިގަންނަވަނީ. ސަރުކާރަށް ބަހުގެ ހަމަލާއެއް އަމާޒު ކުރެއްވި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އަސްލަމްގެ ބަހުގެ ހަމަލާއެއް ރައީސަށް: "ބާރު ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް، މޮޅެއް ނެތް"

5 ފެބުރުވަރީ 2024 - 10:47 2

ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް ދައުލަތުގެ އެހެން ބާރަކުން އިހުތިރާމު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް ނުކުރުމަކީ ދައުލަތެއްގެ ހަމަ ގެއްލިގެން ދާނެ ކަމެއް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަހަރަށް މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމުގެ ހާލަތު ބަޔާންކޮށް ރިޔާސީ ބަޔާން އިއްވަވާފަ އެވެ. އެ ބަޔާނަށް ފަހު ރިޔާސަތުގައި އިންނަވައި އަސްލަމް ވަނީ ސަރުކާރަށް ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް މަޖިލީހުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މިފަހުން މަޖިލީހުން ނިންމި ބައެއް ނިންމުންތަކަށް ސަރުކާރުން އަމަލުކޮށްފައި ނުވާތީ އެކަންކަމާ ގުޅޭގޮތުން ރައީސް މުއިއްޒުގެ ސަރުކާރަށް އަސްލަމް ބަހުގެ ހަމަލާއެއް މިއަދު އަމާޒުކުރެއްވި އެވެ.

"ދައުލަތުގެ ތިން ބާރު ވަކި ކޮށް ގާއިމު ކޮށްފައި ވާއިރު، ފާރަވެރިވުމާއި ޖަވާބުދާރީ ކުރުވުމަކީ ކުރަން ޖެހޭ ކަމެއް. ކޮންމެ ބާރަކުން ވެސް އެ ބާރަކަށް ކަނޑައެޅިފައިވާ ތަރަހައިގައި ގާނޫނުއަސާސީ އާއި ގާނޫނީ ހަމަތަކުން ނިންމާ ނިންމުންތަކަށް އެހެން ބާރުތަކުން އިހުތިރާމު ކުރަން ޖެހޭ. އެކަން އެގޮތަށް ނުކުރުމަކީ ދައުލަތެއްގެ ހަމަ ގެއްލިގެންދާނެ ކަމެއް. އެއީ މި ދައުލަތަށް ހެވަކަށް ވާނެ ކަމެއް ވެސް ނޫން," އަސްލަމް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރޭވިފައިވާ ގޮތުން ތިން ބާރު އޮންނަން ޖެހޭނީ ވަކިވެފައި ކަމަށާއި އެ ބާރަކުން ގާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ކަންކަން ނިންމަވަން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

"ދިވެހި ދައުލަތުގެ އެއްބާރުން އަނެއް ބާރަށް، ބާރު ހުރި ވަރު ދައްކައިގެން ލިބޭނެ ހެވެއް، މޮޅެއް ނެތް. މިކަމަށް ދައުލަތުގެ އެންމެހާ އިސް ފަރާތްތަކާއި ސިޔާސީ ޕާޓީތަކާއި މަޖިލީހުގެ މެމްބަރުން ވެސް ވިސްނަވާ ވަޑައިގަތުމަށް ދަންނަވަން," އަސްލަމް އިލްތިމާސް ކުރެއްވި އެވެ.

އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ މިފަހުން މަޖިލީހުގެ ބައެއް ކަންކަމަށް ސަރުކާރުން ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކުރުމަށެވެ. އެގޮތުން, ވަޒީރުންނަށް ރުހުން ދިނުމުގެ އިހުތިޔާރު މަޖިލީހަށް ލިބިފައި އޮތްއިރު ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ މެޖޯރިޓީ ޕާޓީތަކުން ނިންމުން ސަރުކާރު މެމްބަރުން އިސްވެ ތިއްބަވައި މަޖިލިސް ވަނީ ހުއްޓުވާފަ އެވެ.

ރުހުން ދިނުމުގެ ވޯޓާ ގުޅިގެން މަޖިލީހުގެ ތެރޭގައި ސަރުކާރު އިސްވެ ޖަގަޑާ ހެދި ކަމަށް އަސްލަމް ނިސްބަތްވެވަޑައިގަންނަވާ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ގަބޫލުކުރެ އެވެ. ޖަގަޑާ ހެދި މެމްބަރުން އެ ރޭ ދިޔައީ ޖަލްސާއަށް ފަހު ރައީސް އޮފީހަށެވެ.

އެ ހައިޖާނުގެ ތެރެއިން ނެގި ވޯޓުގައި ތިން ވަޒީރަކަށް ރުހުން ލިބިފައި ނުވެ އެވެ. ނަމަވެސް, ރުހުން ނުދޭން ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އެ ތިން ވަޒީރުން ވަނީ އަލުން މަގާމުތަކަށް އައްޔަނުކޮށްފަ އެވެ. އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސްއިން ދެކެނީ އެއީ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަނެ އެ މަޖިލީހުގެ ބާރުތަކަށް ގޮންޖެހުމުގެ ގޮތުގަ އެވެ.