Advertisement

ރޮޒެއިނާ, ކެލާ ޝަރީފު އަދި ހުސައިން ގާސިމަށް އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބު

3 ފެބުރުވަރީ 2024 - 18:45 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް، އައްޑޫމީދޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު، ރޮޒައިނާ އާދަމް އަދި ކެލާ ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ޝަރީފު


ރޮޒެއިނާ, ކެލާ ޝަރީފު އަދި ހުސައިން ގާސިމަށް އެމްޑީޕީ ޕްރައިމަރީގައި ނާކާމިޔާބު

3 ފެބުރުވަރީ 2024 - 18:45 1

މިއަދު ކުރިއަށްދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ގާސިމް, އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމް އަދި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ނާކާމިޔާބުވެ، އެމްޑީޕީގެ ޓިކެޓު އެ މެމްބަރުންނަށް ގެއްލިއްޖެ އެވެ.

މިދިޔަ ތިން ދައުރުގައި ވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރޮޒައިނާ މި ފަހަރު ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ. ނަމަވެސް އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރައްވާފައި ވަނީ އަހުމަދު ޝަރީފު އެވެ.

އެ ދާއިރާގެ ޕްރައިމަރީއަށް ވޯޓުލީ 688 މީހުންގެ ތެރެއިން ރޮޒައިނާއަށް ލިބިވަޑައިގެންނެވީ 221 ވޯޓެވެ. އެ ދާއިރާގެ ޓިކެޓު ކާމިޔާބު ކުރެއްވި ޝަރީފަށް ވަނީ 251 ވޯޓު ލިބިވަޑައިގެންފަ އެވެ. ދެން އެ ދާއިރާގެ ޓިކެޓަށް ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާއަށް ލިބިވަޑައިގެންނެވީ 206 ވޯޓެވެ.

ހއ. ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ޝަރީފު (ކެލާ ޝަރީފު) ފަހަތަށް ޖައްސައިލުމަށްފަހު އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި އަލަށް ޕްރައިމަރީއެއްގައި ވާދަ ކުރެއްވީ އަހުމަދު ގާލިބު އެވެ.

ގާލިބު އަށް ވަނީ 125 ވޯޓު ލިބިވަޑައިގެންފަ އެވެ. ދެވަނައަށް ދިޔަ ޝަރީފުއަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ.

ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު، ހުސައިން ގާސިމްއަށް އިންތިހާބުގައި ލިބިވަޑައިގެންނެވީ 106 ވޯޓެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރެއްވި މުހައްމަދު ނިއުޝާދަށް ލިބިވަޑައިގެންނެވީ 113 ވޯޓެވެ.

އޭގެ އިތުރުން އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި އަނަސް އަބްދުއްސައްތާރަށް ވެސް ޓިކެޓު ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މީގެ ކުރިން އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވެސް ވާދަކުރެއްވި އަނަސް ކުރިމަތިލެއްވީ ވިލިމާލެ ދާއިރާއަށެވެ.

އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ބޮޑުތަނުން ކާމިޔާބު ކުރެއްވީ އަނަސްއާ ވާދަކުރެއްވި އަބްދުލްމަޖީދު މުޝައްރަފު އަބްދުލްރައްޒާގު އެވެ. އެމްޑީޕީގެ ޓިކެޓު މުޝައްރަފު ކާމިޔާބު ކުރެއްވީ 147 ވޯޓު ހޯއްދަވައިގެންނެވެ. އަނަސްއަށް ލިބިވަޑައިގެންނެވީ 53 ވޯޓެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވި އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަ ކުރިއިރު، 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.

މިއަދުގެ އިންތިހާބުގައި މާލެ ހިމެނޭހެން 96 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. މިއަދުގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސުލްހަވެރިކަމާއެކު އެވެ.

އަންނަ މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ކެންޑިޑޭޓަކު ނެރެފައި ނުވަނީ ދެ ދާއިރާއަކަށެވެ. ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓު ވަނީ 46 ބޭފުޅަކު ކަށަވަރު ކުރައްވައިފަ އެވެ. މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް އިން ކުރިމަތިލުމަށް ހުޅުވާލާފައި ވަނީ 93 ދާއިރާއަކަށެވެ.

މިއަދު ޕްރައިމަރީ ކުރިއަށް ގެންދިޔަ ދާއިރާތަކާ އެކު އެމްޑީޕީގެ ކެންޑިޑޭޓުން ހަމަވެފައި ވަނީ 86 ދާއިރާއަށެވެ. ނަމަވެސް ބާކީ ހުރި ދާއިރާތަކަށް ވެސް ވާދަ ކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ބޮޑު ކާމިޔާބީއެއް ހޯދާފައިވެ އެވެ. 2019 ވަނަ އަހަރު ބޭއްވި އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފަ އެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.