3 ފެބުރުވަރީ 2024 - 08:32 0
3 ފެބުރުވަރީ 2024 - 08:32 0
ދޯހާ، ގަތަރު (ފެބްރުއަރީ 3) - އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން އެ ޓީމު ކެޓި ކަމުގައި ވިޔަސް އެނބުރި ގައުމަށް ދާނީ އިސް އުފުލައިގެން ޝަރަފްވެރިކަމާ އެކު ބަތަލުންގެ ގޮތުގައި ކަމަށް ތަޖިކިސްތާންގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.
އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުން ތަޖިކިސްތާން ކެޓީ 1-0 އިން ޖޯޑަން އަތުން ބަލިވުމުންނެވެ. މިއީ ތަޖިކިސްތާނުން އޭޝިއަން ކަޕްގައި ކުޅުނު ފުރަތަމަ ފަހަރެވެ. އަލަތު މުބާރާތުގައި ވެސް ތަޖިކިސްތާނުން ކުއާޓާ ފައިނަލުގައި ކުޅުނުއިރު، އެ ޓީމަކީ އޭޝިއަން ކަޕްގެ ގަދަ އަށް ޓީމުގެ ތެރޭގައި ހިމެނުނު ފީފާ ރޭންކިންގެ އެންމެ ދަށް ޓީމެވެ. އެ ޓީމު ފީފާ ރޭންކިންގައި އޮތީ ދުނިޔޭގެ 106 ގަ އެވެ.
"މި މެޗުން ބަލިވުމުން އަހަރެމެން އުފާފާޅެއް ނުކުރަން. އެކަމަކު، އެއް ދުވަސް ނޫނީ ދެ ދުވަސް ތެރޭ މި ކުޅުންތެރިން އެނބުރި ގައުމަށް ގޮސް އުފާފާޅުކުރާނެ،" ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި އަފްގާނިސްތާނަށް ކޯޗުކޮށްދިން ސެގާޓް ބުންޏެވެ.
ސެގާޓް ބުނީ ތަޖިކިސްތާން ޓީމު ކުއާޓާ ފައިނަލަށް ދާނެ ކަމަށް އެއްވެސް ބަޔަކު އުންމީދު ނުކުރާ ކަމަށެވެ.
"އެއްވެސް ބަޔަކު ހިއެއްނުކުރޭ އަހަރެމެން މި ހިސާބަށް އަންނާނެއޭ. އަހަރެން ހުރީ މި އަށް ވުރެ ވެސް އިތުރު ކަންކަމަށް އުންމީދު ކޮށްގެން، އެކަމަކު، މިއީ މި ފަހަރު ހުރި ގޮތް ކަމަށް މި ބެލީ. ތަޖިކިސްތާނުން އެނބުރި ގައުމަށް މި ދަނީ، އިހުތިރާމާއި ފަހުރުވެރިކަމާ އެކު އިސް އުފުލައިގެން. މި ކުޅުންތެރިންނަށް ބަތަލުންގެ މަރުހަބާއެއް ހައްގު،"
ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ރާއްޖެ އަށް ހޯދައިދިން ސެގާޓް ރާއްޖޭގެ ކޯޗުކަމުން ވަކިކުރީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު އެވެ. އަފްގާނިސްތާނަށް 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ދެ ވަނަ ހޯދައިދިން، ސެގާޓް، ތަޖިކިސްތާނާ ހަވާލުވީ، 2022 ވަނަ އަހަރު ޖެނުއަރީ މަހު އެވެ.
ތައިލެންޑްގައި 2022 އަހަރު ބޭއްވި ކިންގްސް ކަޕާއި މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި މަރެޑެކޭ މުބާރާތުގެ ޗެމްޕިއަންކަން ތަޖިކިސްތާނަށް ހޯދައިދިން ސެގާޓް، ތަޖިކިސްތާނާ އެކު ކޮންޓްރެކްޓް ހަދާފައިވަނީ މި މަހުގެ ނިޔަލަށެވެ.
ސެގާޓް ބުނީ ކުރު ޗުއްޓީ އަކަށް ފަހު، ކޮންޓްރެކްޓްގެ ވާހަކަތައް ތަޖިކިސްތާން ފުޓްބޯޅައިގެ ވެރިންނާ ދައްކާނެ ކަމަށެވެ.
Comment