8 ފެބުރުވަރީ 2024 - 01:18 0
ގަތަރުގެ އަލް މޮއެޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
8 ފެބުރުވަރީ 2024 - 01:18 0
ދޯހާ (ފެބްރުއަރީ 8) - ފޯވަޑް އަލްމޮއެޒް އަލީ މެޗުގެ ފަހުކޮޅު ޖެހި ލަނޑާ އެކު، އޭޝިއަން ކަޕްގެ ސެމީ ފައިނަލްގައި މިރޭ އީރާން އަތުން 3-2 އިން މޮޅުވެ، ގަތަރު މުބާރާތުގެ ފައިނަލުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޖާގަ ހޯދައިފި އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި އަހަރު މުބާރާތުގެ ހޯސްޓް ކަމަށްވާ ގަތަރާ ދެކޮޅަށް ފައިނަލްގައި ނުކުންނާނީ ޖޯޑަން އެވެ.
މިރޭގެ މެޗުގެ ނަތީޖާ އަކީ 1976 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކުރުމުގެ އުންމީދުގައި އޮތް އީރާނަށް ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެކެވެ.
އެކަމަކު، އީރާން އިން މެޗު ފެށީ ވަރަށް ރަނގަޅަށެވެ. މެޗުގެ ހަތަރު ވަނަ މިނިޓުގައި އެ ޓީމުގެ ފޯވަޑް ސަރްދާރު އަޒްމޫން ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ލީޑު ހޯދައިދީފަ އެވެ.
އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެމުންދިޔަ ގަތަރުން މެޗުގެ ނަތީޖާ އެއްވަރުކުރީ 17 ވަނަ މިނިޓުގައި ޖާސެމް ގާބެރް އަބްދުލްސަލާމް ކާމިޔާބުކުރި ލަނޑުންނެވެ.
ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ގަތަރުން ލީޑު ހޯދީ އެ ޓީމުގެ ތަރި އަކްރަމް އަފީފް ޖެހި ލަނޑުންނެވެ.
އެހެން ނަަމަވެސް، ދެ ވަނަ ހާފުގެ ކުރީކޮޅު އީރާނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އަލީރެޒާ ޖަހަންބަކްޝް ވަނީ އީރާނަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ގަތަރު މެޗުން މޮޅުވި އަލްމޮއެޒް ޖެހީ މެޗުގެ 82 ވަނަ މިނިޓުގަ އެވެ.
ގަތަރުން 2019 ވަނަ އަހަރު އޭޝިއަން ކަޕް ކާމިޔާބުކުރިއިރު، އަލްމޮއެޒް ވަނީ ނުވަ ލަނޑު ޖަހައިފަ އެވެ. މި އަހަރުގެ އޭޝިއަން ކަޕްގެ ސެމީ ފައިނަލްގެ ކުރިން އޭނާ އަށް މުބާރާތުގައި ޖެހުނީ އެންމެ ލަނޑެކެވެ. އެކަމަކު، ގަތަރުން އެންމެ ބޭނުންވި ވަގުތުގައި ގޯލު ޖަހައި، ގަތަރު ފައިނަލަށް ގެންގޮސްދިނުމުގެ ސަޕޯޓަރުންގެ ރުހުން ވަނީ އޭނާ އަށް އަނެއްކާ ވެސް ލިބިފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި އީރާންގެ ސޮޖާއޭ ހަލީލްޒާދެހް އަށް ރަތްކާޑު ދެއްކުމުން، އެ ޓީމު މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.
މެޗަށް ފަހު ގަތަރުގެ ކޯޗު ޓިންޓިން މާޓިނޭޒް ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް ތައުރީފްކޮށްފައެވެ.
"ކުޅުންތެރިން މި މެޗުގައި އެންމެ ހިނދުކޮޅަކަށްވެސް ދުލެއް ނުދޭ. ތަށި ދިފާއުކުރުމަށް ދެން ގިރާކުރަންޖެހޭނީ އެންމެ ފިޔަވަޅެއް،" މުބާރާތުގެ މަހެއްހާ ދުވަސް ކުރިން ގަތަރުގެ ކޯޗުކަމާ ހަވާލުވި މާޓިނޭޒް ބުންޏެވެ.
ގަތަރުން އަމިއްލަ ގައުމުގައި 2022 ވަަނަ އަހަރުގައި ބޭއްވި ވޯލްޑް ކަޕްގައި ނުކުތް ދަށް ނަތީޖާތަކުން އަރައިގަންނަން މި ފަހަރު އޭޝިއަން ކަޕް ދިފާއުކުރުން މުހިންމު ރޯލެއް އަދާކުރާނެ އެވެ.
Comment