Advertisement

އަފީފްގެ ހެޓްރިކާއެކު ގަތަރުން އޭޝިއާގެ ޗެމްޕިއަންކަން ދިފާއުކޮށްފި

10 ފެބުރުވަރީ 2024 - 23:19 0


އަފީފްގެ ހެޓްރިކާއެކު ގަތަރުން އޭޝިއާގެ ޗެމްޕިއަންކަން ދިފާއުކޮށްފި

10 ފެބުރުވަރީ 2024 - 23:19 0

ދޯހާ، ގަތަރު (ފެބްރުއަރީ 10) - ގަތަރުގެ ތަރި އަކްރަމް އަފީފްގެ ހެޓްރިކާ އެކު އޭޝިއަން ކަޕްގެ ފައިނަލްގައި މިރޭ ޖޯޑަން އަތުން 3-1 އިން މޮޅުވެ، ގަތަރުން ޖެހިޖެހިގެން ދެ ވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

ގަތަރުގައި ކުޅުނު މުބާރާތުގެ ފައިނަލްގައި އަފީފް ތިން ލަނޑުވެސް ޖެހީ ޕެނަލްޓީންނެވެ. ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކުރުމަކީ ގަތަރަށް ލިބުނު ބޮޑު ކާމިޔާބެކެވެ. ހާއްސަކޮށް 2022 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު ވޯލްޑް ކަޕްގައި ކުރިމަތިވި ނާކާމިޔާބީގެ ހަނދާންތައް ނައްތާލުމަށް ލިބުނު ބޮޑު ހިތްވަރެކެވެ.

ވޯލްޑް ކަޕް 2022ގެ ފައިނަލްވެސް ކުޅުނު ގަތަރުގެ ލުސައިލް ސްޓޭޑިއަމަށް ވަދެތިބި 86،492 ކުޅިބެލުންތެރިންގެ ކުރިމަތީގައި ގަތަރުން ލީޑު ނެގީ 22 ވަނަ މިނިޓުގައި އަފީފް ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.

ގަތަރުން ލީޑު ނެގި ނަމަވެސް، މި މުބާރާތުގެ ފައިނަލްގައި ފުރަތަމަ ފަހަރަށް ކުޅެމުންދިޔަ ޖޯޑަން އިން ހިތްވަރުކުރިއެވެ. ނަތީޖާއަކަށްވީ މެޗުގެ 67 ވަނަ މިނިޓުގައި އެ ޓީމުގެ ފޯވަޑް ޔަޒާން އަލް ނައިމަތު ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ.

ގަތަރުގެ ތަރި އަކްރަމް އަފީފް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


އެކަމަކު މެޗުގެ 73 ވަނަ މިނިޓުގައި ގަތަރަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް އަފީފް ވަނީ ގަތަރަށް އަލުން ލީޑު ހޯދައިދީފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ގަތަރުގެ ތިން ވަނަ ޕެނަލްޓީ ހޯދީވެސް އަފީފް އެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ފުރުސަތެއްގައި ޖޯޑަންގެ ގޯލްކީޕަރު، އަބޫ ލައިލާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އަފީފް ގަތަރަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިނެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަދި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އަފީފެވެ. މި މުބާރާތުގައި އަފީފް ވަނީ ޖުމްލަ އަށް ލަނޑު ޖަހައިފަ އެވެ.

މި މުބާރާތަށް ކުރިމަތިލިިއިރު، ގަތަރަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވިއެވެ. ހާއްސަކޮށް މުބާރާތަށް މަހަކަށްވެފައި އޮއްވައި އެ ޓީމުގެ ކޯޗުކަމުން ކާލޮސް ކުއެރޯޒް އިސްތިއުފާ ދިނުމުން، އެ ޓީމަށް ފައިނަލާ ހަމައަށް ދެވޭނެކަމާމެދު ގިނަ ބަޔަކު ސުވާލުކުރިއެވެ. އެކަމަކު ޓީމުގެ ކޯޗުކަމާ ހަވާލުވި ޓިންޓިން މާކުއޭޒް ހަވާލުވެ، ގަތަރުގެ ޓީމަށް މި ވަނީ ބޮޑު ކާމިޔާބެއް ހޯދައިދީފަ އެވެ.

ފައިނަލުން ބަލިވިޔަސް، މި މުބާރާތުގެ "ސަޕްރައިޒް" ޓީމުގެ ގޮތުގައި އޮތް ޖޯޑަން އަށް މިއީ ކާމިޔާބު މުބާރާތެކެވެ. ޖޯޑަން ފައިނަލަށް ދަތުރުކުރީ ވަރުގަދަ ދެކުނު ކޮރެއާ ކަޓުވާލުމަށްފަހު އެވެ. އަދި ފައިނަލާ ހަމައަށް ދިއުމަކީ އެ ޓީމުގެ ފަރާތުން އުންމީދުކުރެވުނު ނަތީޖާއެއް ނޫނެވެ.