3 ފެބުރުވަރީ 2024 - 00:52 0
3 ފެބުރުވަރީ 2024 - 00:52 0
ދޯހާ، ގަަތަރު (ފެބްރުއަރީ 3) - އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލްގައި ސޮން ހެއުން މިން ޖެހި ގޯލުން 2-1 އިން ފަަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް ދެކުނު ކޮރެއާ މުބާާރާތުގެ ސެމީ ފައިނަަލަށް ދިޔައިރު، ރާއްޖޭގެ ކުރީގެ ކޯޗު، ޕީޓަ ސެގާޓް އިރުޝާދު ދޭ ތަޖިކިސްތާނުން ޖޯޑަން އަތުން 1-0 އިން ބަލިވެ މުބާރާތުން ކަޓައިފި އެވެ.
މީގެ ކުރިން އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެ ދެ ފަހަރު ކަޓާފައިވާ ޖޯޑަން އިން ފުރަތަަމަ ފަހަރަށް ސެމީ ފައިނަލަށް ދަތުރުކުރިއިރު، މި ފަހަރުގެ ކުއާޓާގައި އެ ޓީމު މޮޅުވީ، އަލަށް މުބާރަތުގައި ވާދަކޮށް ކުއާޓާ އިން ފުރުސަތު ހޯދި ތަޖިކިސްތާން އަތުންނެވެ.
ޖޯޑަން އިން މެޗު ކާމިޔާބުކުރި ގޯލަކީ، މެޗުގެ 66 ވަނަ މިނިޓްގައި ތަޖިކިސްތާންގެ ވަހުދަތު ހަނޯނޯވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ، ޖޯޑަންގެ ޑިފެންޑަރު، އަބްދުﷲ ނަސީބު ބޮލުން ޖެހި ބޯޅައަކުން ހަނޯނޯވް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މީގެ ކުރިން، 2004 އާއި 2011 ވަނަ އަހަރުގެ ކުއާޓާގައި ކުޅުނު ޖޯޑަން އިން މުބާރާތުގެ ތާރީހުގައި އެ ޓީމު، ކުޅޭ ފުރަތަމަ ސެމީގައި ނުކުންނާނީ ޔާގަން ކްލިންސްމަން ކޯޗުކޮށްދޭ ދެކުނު ކޮރެއާއާ ދެކޮޅަށެވެ.
އޭޝިއަން ކަޕްގެ ޗެމްޕިއަންކަން ދެ ފަަހަރު ހޯދާފައިވާ ދެކުނު ކޮރެއާ އިން މި ފަހަރުގެ މުބާރާތުގެ ނޮކައުޓް ބުރުގައި ކުޅުނު ދެ މެޗު ވެސް ސަލާމަތްވީ އިތުރު ވަގުތުގައި ގޯލު ޖަހައިގެންނެވެ.
ގަދަ 16 ބުރުގައި ސައުދީ އަރަބިއްޔާ އަތުން ވެސް އިތުރު ވަގުތު ގޯލު ޖަހައި، އެއްވަރުކޮށް، ޕެނަލްޓީގައި މޮޅުވީ އެވެ. އެކަމަކު، މިރޭގެ ކުއާޓާގައި އިތުރު ވަގުތު އެއްވަރުކޮށް، ޕެނަލްޓީ އަށް ނުގޮސް މޮޅުވީ އެވެ.
އޮސްޓްރޭލިއާ އިން ލީޑުނެގީ 42 ވަނަ މިނިޓްގައި ކްރެއިގް ގުޑްވިން ޖެހި ވޮލީންނެވެ. ލީޑުފުޅާކުރަން އޮސްޓްރޭލިއާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމުން ނުހިފުމުގެ ގެއްލުން ފަހުން ދެއްކި އެވެ.
ކޮރެއާ އިން އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުވީ އިތުރު ވަގުތުގެ ހަތް މިނިޓްގެ ތެރެއިން ހަ ވަނަ މިނިޓްގަ އެވެ. މި ލަނޑު ކޮރެއާ އަށް ޖަހައިދިނީ ޕެނަލްޓީ އަކުން ހްވާން ހީ ޗާން އެވެ. މިއީ، ކޮރެއާގެ ކެޕްޓަން، ސޮން ހެއުން މިން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެެކެވެ.
ކޮރެއާ މޮޅުވި ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު ކޮޅުގަ އެވެ. މިއީ ހިލޭ ޖެހުމަކުން ސޮން ޖެހި ލަނޑެކެވެ. ސޮން، ހިލޭޖެހުމުން ފޮނުވާލި ބޯޅަ އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔާން އަށް މަތަނުކުރެވުނެވެ.
Comment