Advertisement

ބަބުޅަންބޮނޑި ފިތުނައިގައި ހަވަރު ނުކުމެ މޫސާދީދީއާ ދިމާކޮށްލުން

2 ފެބުރުވަރީ 2024 - 09:16 3

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ގުޅަކުޅޭ ފަސްގަނޑު


ބަބުޅަންބޮނޑި ފިތުނައިގައި ހަވަރު ނުކުމެ މޫސާދީދީއާ ދިމާކޮށްލުން

2 ފެބުރުވަރީ 2024 - 09:16 3

ފުޓުބޯޅައަކީ ކޯއްޗެއްކަމާއި އޭގެ ގަވާއިދުތައް ދިވެހީންނަށް ނުވެސް އެނގޭ ޒަމާނުގައިވެސް ދިވެހިން 'ފުޓުބޯޅަ' ކުޅެ އުޅުނެވެ. އެއީ ރަސްކަމަށް ކޮލިލާ ދުވަހު އެންމެ ފަހަށް އޮންނަ ރަސްމިއްޔާތެވެ. އެޔަށް ކިޔަނީ ބަބުޅަންބޮނޑި ފުރޮޅުމެވެ. މިހާރު ބައެއް ފަހަރު ފުޓުބޯޅައިގައި ޒުވާބުކޮށް، ތަޅައިފޮޅެ މިއުޅޭ ގޮތަށް އެކަންވެސް އޭރުވެސް އޮތެވެ.

ބަބުޅަންބޮނޑިއަކީ އެއްތެލުން ހަދައި އެތެރެއަށް ފޮތި ގަންނަވާފައި، ބޭރުން އެތައް ފޮއްޗެއް އޭގައި އޮޅާފައި އޮންނަ އެއްޗެކެވެ. ފޮތި ބޯޅަ އެކެވެ. ބަބުޅަންބޮނޑި ކުޅެނީ ދެ ޓީމެއްގެ ދެމެދުގަ އެވެ. އެންމެ ފުރަތަމަ ގުޅަކުޅޭ ފަސްގަނޑަށް ހަވަރު ނުކުމެ، ދެ ޓީމެއް އެކުލަވާލައި ދެފަރާތުގައި އެތުރިލާނެ އެވެ. ދެ ޓީމަކީ އިސްތިންވަރާއި ފަސްތިންވަރެވެ. އިސްތިންވަރުގައި ހިމެނޭނީ ހަވަރުގެ ހަކުރާވަރާއި ވެލާނާވަރާއި މާފަތްވަރެވެ. ފަސްތިންވަރުގައި ހިމެނޭނީ ދޮށިމޭނާވަރާއި ދަހަރާވަރާއި ފާމުލަދޭރިވަރެވެ. އިސްތިންވަރުގެ މަސައްކަތަކީ ބަބުޅަންބޮނޑި ވެޔޮދޮށު ގަނޑުވަރުތެރެއަށް ދުއްވައިލުމެވެ. ފަސްތިންވަރު އުޅޭނީ އެކަން އެހެން ވިޔަ ނުދޭށެވެ. ކުޅިވަރަކީ މިއީ އެވެ.

ގުޅަކުޅޭ ފަސްގަނޑަށް ނުކުމެ ހަވަރު ހުއްޓިލުމުން ބަބުޅަންބޮނޑި ގުޅަކުޅޭ ފަސްގަނޑަށް އެއްލާނީ ނުވަތަ ފުރޮޅާލާނީ ރަނިބޭކަނބަލެއްގެ މާތް އަތްޕުޅުންނެވެ. އެހާރުން ކުޅިވަރު ފެށުނީ އެވެ. ނިމޭނީ ވެޔޮދޮށު ގަނޑުވަރުތެރެއަށް ބަބުޅަންބޮނޑި ދުއްވައިލެވުމުން ނުވަތަ އެންމެން ވަރުބަލިވެގެން ކުޅިވަރު ހުއްޓާލަން ވުމުންނެވެ. މިހެން ކުޅެމުންދާއިރު ގެއެއްގެ ތެރެއަށް ބޯޅަ ނުވަތަ ބަބުޅަންބޮނޑި ވަނަސް ހަވަރުގެ ވަރުގަދަ ބޭކަލުންތައް ގުންފައިޖަހައި އެގެއަކަށް ވަދެގަންނާނެ އެވެ. ޖެހުނު ތަނެއްގައި ޖެހުނީ އެވެ. ހަލާކުވީ އެއްޗެއް ހަލާކުވީ އެވެ. އެ ކުޅިވަރުގެ މައިދާނުގެ އިމަކީ ކަނޑައެޅިފައި އޮންނަ އެއްޗެއް ނޫނެވެ.

އައްސުލްތާން މުހައްމަދު އިމާދުއްދީން، މުސްކުޅި ބަންޑާރައިން ރަސްކަމަށް ކޮލިލެއްވުނު ދުވަހު ވެސް އެންމެ ފަހު ރަސްމިއްޔާތަކަށް އޮތީ ބަބުޅަންބޮނޑި ފުރޮޅުމެވެ. ގަނޑުވަރުތެރެއިން ރަނިބޭކަނބަލަކު ފުރޮޅާލި ބަބުޅަންބޮނޑި ގުޅަކުޅޭ ފަސްގަނޑުގައި ޖެހުމާއެކު ރީތި ދޮށިމޭނާތަކުރުފާނު ފައިން ޖެއްސެވި 'ބޯޅަ' ދިޔައީ އެސްޖެހިގަނޑުވަރާ ދިމާލަށެވެ. އެދިމާލަށް ހަވަރު ދުއްވައިގެންފި އެވެ. މިހެން ތަޅަމުން ތަޅަމުން ގޮސް ދަންނަ މުހައްމަދު ރަސްގެފާނު މިސްކިތާ ހަމައަށް ބަބުޅަންބޮނޑި ދިޔަތަނާ ހުސައިން ދޮށިމޭނާ ކިލެގެފާނުންގެ މޫސާ ދީދީ އަތިރީގޭގައި އިންނަވާފައި ނުކުމެވަޑައިގެން ބަބުޅަންބޮނޑީގައި ޖެއްސެވި ބާރުކަމުން އެ އެއްޗެއް ދިޔަނުދިޔަ ތަނެއް އެނގުނު މީހަކު ނެތެވެ. ހަމަ އެވަގުތު ހިނިފުޅުވަޑުވާފައި ވިދާޅުވި އެވެ. ދެން ދޮށި މޭނާ ތަކުރުފާނަކަށްވެސް ތިޔަ އެއްޗެއްގައި ޖައްސަވާކަށް އެ ބަބުޅަންބޮނޑި ފެނިވަޑައެއް ނުގަންނަވާނެ އެވެ. ހޯދައިހޯދައި ބަބުޅަންބޮނޑި ނުފެނުމުން ކުޅިވަރު ހުއްޓާލައިފި އެވެ.

އެހެންނަމަވެސް، ކުޅިވަރު ހުއްޓުނުއިރު އެހެން ފިތުނައެއް އުފެދިއްޖެ އެވެ. މޫސާ ދީދީ ދޮށިމޭނާތަކުރުފާނަށް މައިބަފައި ވިދާޅުވެއްޖެޔޯލަ އެވެ. މި ވާހަކައެއް އަޑުއެހީ ކާކުކަމެއް، ފެތުރީ ކާކު ކަމެއް ނުއެއް އެނގެ އެވެ. އެހެނެއްކަމަކު ހަވަރު އެންމެން މިވާހަކަ ގަބޫލުކޮށްފި އެވެ. އެހިސާބުން ކަންތަކާ ލައިގަތީ އެވެ. ހޯބޯލަވަމުން ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވެއްޖެ އެވެ. ރުޅިވެރިކަމާއެކު ތިބެގެން ގޮވަ އެވެ. ހުސައިން ދޮށިމޭނާ ކިލެގެފާނުންގެ މޫސާ ދީދީ މިތަނަށް ހާޒިރުކުރާށެވެ. އެ ދީދީ ދޮށިމޭނާތަކުރުފާނަށް މައިބަފައި ވިދާޅުވެއްޖެ އެވެ.

ރަދުން ވަގުތުން ފިޔަވަޅު އެޅުއްވި އެވެ. މި ވެގެން އުޅޭ ގޮތެއް ސާފުކުރުމަށްޓަކައި ދެ ބަނޑޭރި ބޭކަލަކު މޫސާ ދީދީ އަރިހަށް ފޮނުއްވައިފި އެވެ. މި ބޭކަލުން މޫސާ ދީދީ އަރިހަށް ގޮސް އެބަ ވިދާޅުވެ އެވެ. މަނިކުފާނުން ދޮށިމޭނާތަކުރުފާނަށް މައިބަފައި ވިދާޅުވެއްޖެކަމަށް ވާހަކަ ދެކެވޭތީ އެގޮތެއް ސާފުކުރުމަށް ރަދުން ފޮނުއްވީމާ އައީ އެވެ. މޫސާދީދީ ވިދާޅުވި އެވެ. ދޮށިމޭނާތަކުރުފާނަށް ކީއްކުރަންތޯއޭ ގެންގުޅުއްވާ މީހަކަށްވެސް ތިޔަކަހަލަ ކުޑައިމީސް ބަހެއް ވިދާޅު ނުވަމޭ އަދި ވިދާޅެއް ނުވެސްވާނަން މެއެވެ.

ބަނޑޭރިބޭކަލުން އައިސް މިވާހަކަ ރަދުންނަށް ދެންނެވީމާ ވިދާޅުވި އެވެ. މޫސާބޭބެ ތިޔަކަހަލަ ގޯހެއް ނުހައްދަވާނޭކަން އޭރުވެސް ގައިމު ވިއެވެ. ތިޔަ ސަކަރާތެއް ހުއްޓާލާފައި އެނބުރި ދިއުމަށް ހަވަރަށް އަންގަވާށެވެ.

ރަދުންގެ ވިދާޅުބަސްފުޅު މިގޮތަށް އިއްވިޔަސް ހަވަރު އޮތީ ދޫދޭކަށް ނޫނެވެ. ދޮށިމޭނާތަކުރުފާނަށް މައިބަފައި ގޮވުމަކީ ވެރިކަމަށް ކުޅަ ފުރައްސާރައެއްކަމުގައި ދެކިގެން އެއްވެ ތިއްބެވި ބޭކަލުންގެ ތެރެއިން ކުރިއަށް ތިއްބެވި ބޭކަލުން ވިދާޅުވި އެވެ. ތިޔަ ގޮތެއް އަދި ކަމަކު ނުދެ އެވެ. މޫސާ ދީދީ އަޅުގަނޑުމެންގެ ތެރެއަށް ވަޑައިގެން ތިޔަ ބަސްފުޅު ވިދާޅުވެއްޖިއްޔާ ހުއްޓިދާނޭ ތޯއްޗެކެވެ. މިތަނަށް މޫސާދީދީ ގެންނާން އަޅުގަނޑުމެންނަށް އަމުރު ދެއްވާށެވެ. ރަދުން އާނބަސް އިއްވައި ވިދާޅުވި އެވެ. ތިޔަބައި މީހުންނަށް މޫސާ ދީދީ މިތަނަށް ގެނެވެނީނަމަ ގެންނަވާށެވެ.

ދެން ވެރިކަމުގެ އިސްބޭފުޅުން މޫސާދީދީގެ ފައިންޕުޅު ދެކި ވިދާޅުވެއްޖެ އެވެ. މޫސާދީދީ ވިދާޅުވާ އެއްޗެއް ވިދާޅުވުމަށް ފަސްގަނޑަށް ވަޑައިގަންނަވާން ރަދުން އަމުރުކުރައްވަ އެވެ. އޭރު މޫސާދީދީ އޮންނެވީ ކެޔޮގޯތި ކުޑައަށީގަ އެވެ. ބޮޑުންގެ ބަހަށް އަހާނތާއޭ! ވިދާޅުވެ ތެދުވެވަޑައިގަންނަވައިފި އެވެ. ހަރު ހިންގެވުމުގައި ހަވަރުގެ މެދަށް ވަންނަވައި އެބައިމީހުންނާ މުހާތަބުކޮށް ވިދާޅުވި އެވެ. ރަސްގެފާނާއި ރަސްކަމަށް ބޯލަނބައި މިހިސާބަށް މިހުރީ އައިހެވެ. މީގެ އެކޮޅަށް ހަމަ ކުޑަތަންކޮޅެއް ވިޔަސް ނުގެންދެވޭނެ އެވެ. ދޮށިމޭނާތަކުރުފާނުންގެ އަމަޔާ ބަފަޔާ އަޔަސް ހަމަ ހިލާ ނުގެންދެވޭނެ އެވެ. އިހަކު ދޮށިމޭނާތަކުރުފާނުންނަށް މައިބަފައި ނުގޮވަމެވެ. މިހާރު އެއޮތީ ގޮވާފަ އެވެ. ޒާތްޒާތަށް ދޮގުހަދައިގެން ނުހައްގުން ފިތުނަފަސާދަ ހަދާކަށް އުޅޭނޭ ކަމެއްނެތެވެ.

މިކަހަލަ އިބާރާތްތަކަކުން ހަވަރަށް ވަށިވަށިން ދެއްވުމުން އިރުކޮޅަކު ހިމޭނުން ތިބެފައި ކިޔަ އެވެ. ތިޔަހެންނާ އަޅުގަނޑުމެން އެނބުރި ދިއުމަށް ރަދުންގެ އިޒުނަފުޅަށް އައްސަވާށެވެ. ދަންނަވާ މީހުން ރަދުންނަށް މިވާހަކަ ދެންނެވީމާ ވިދާޅުވި އެވެ. އަޖައިބެއް ނުވާނެހޭ އެމީހުން އެތިބީ އަހުރެން ބުނެގެން ހެއްޔޭ، ސަލާމް ބުންޏޭ ބުނާށޭ ވިދާޅުވެއްޖެ އެވެ. ހަވަރު އަދާމަﷲ، އަދާމަﷲ އޭ ގޮވަމުން ގުޅަކުޅޭ ފަސްގަނޑު ދޫކޮށް އެނބުރި ގޮސްފި އެވެ.

ކެކިއަރައިގަންނާން އަބަދުމެ ތައްޔާރަށް ތިބޭ ބަޔަކު ކައްކުވާލަން އުފައްދާން ޖެހެނީ ކުޑަ ފިތުނަ އެކެވެ. ދޮށިމޭނާތަކުރުފާނުންނަށް މައިބަފައި ގޮވިކަމުގެ ތުހުމަތުގައި ހަވަރު ނުކުތީ ހުސައިން ދޮށިމޭނާ ކިލެގެފާނުންގެ މޫސާ ދީދީއަށް 'ހޭއަރުވާލާން' ކަމަށެވެ. އެހެންނަމަވެސް، މޫސާ ދީދީގެ ކެރުމާއި ހިތްވަރުގެ ސަބަބުން ހަގީގަތް ސާފުވެ، އުފެދޭން އުޅުނު ބޮޑު ފިތުނައަކުން ސަލާމަތްވީ އެވެ.

މައުލޫމާތު؛ ދިވެހީންގެ ވާހަކަ، ހުސައިން ސަލާހުއްދީން