Advertisement

މެލޭޝިއާގެ އައު ރަސްގެފާނަށް ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

31 ޖަނަވަރީ 2024 - 15:33 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މެލޭޝިއާގެ އައު ރަސްގެފާނު، ސުލްތާން އިބްރާހިމް އިސްކަންދަރު -- ފޮޓޯ: ރޮއިޓާސް


މެލޭޝިއާގެ އައު ރަސްގެފާނަށް ރައީސް މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

31 ޖަނަވަރީ 2024 - 15:33 0

މެލޭޝިއާގެ ރަސްކަމާ އަލަށް ހަވާލުވެވަޑައިގެންނެވި ސުލަތާން އިބްރަހީމް އިސްކަންދަރުއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިިޔާ ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ އައު ރަސްގެފާނަށް ރައީސް ފޮނުއްވި މެސެޖުގައި ވަނީ ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮންނަ އެކުވެރި ގާތް ގުޅުން ސުލްތާން އިބްރާހިމްގެ ރަސްކަމުގައި އިތުރަށް ބަދަހިވެ އާރޯވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ދެގައުމުން އެކުގައި މަސައްކަތް ކޮށްގެން ދެގައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމުގައި އެކިއެކި ދާއިރާތަކުން އެއްބާރުލުން އިތުރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ރައީސް މުއިއްޒުގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

އެ މެސެޖުގައި ރައީސް ވަނީ މެލޭޝިއާގެ ރަސްގެފާނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

1957 ވަނަ އަހަރު އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުން މިނިވަންވުމަށްފަހު މިއަދާ ހަމައަށް ވެސް މެލޭޝިއާގެ ރަސްކަން ކޮންމެ ފަސް އަހަރަކުން ބަދަލުވަނީ އެގައުމުގައި އޮންނަ ނުވަ ސްޓޭޓުގެ ޝާހީ އާއިލާތަކުގެ ތެރޭގަ އެވެ. ކޮންމެ ރަސްކަލަކަށް ވެސް އެގައުމުގައި ރަސްކަން ކުރެވޭނީ އެއް ދައުރެވެ. ދެ ފަހަރު އެއް ސްޓޭޓެއްގެ ބޭފުޅަކަށް ރަސްކަމެއް ނުލިބޭނެ އެވެ. އިބްރާހިމް އިސްކަންދަރަކީ މެލޭޝިއާގެ ޖޮހޮރު ސްޓޭޓުގެ ޝާހީ އާއިލާގެ ބޭފުޅެކެވެ.

އެމަނިކުފާނު މެލޭޝިއާގެ ރަސްކަމުގެ ހުވާ ކުރެއްވީ މިއަދު ހެނދުނު އެވެ. ރަސްކަމުގެ ތަހުތުގައި ރަސްމީކޮށް އެމަނިކުފާނު ވަޑުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ފަހުގެ ވަގުތެއްގަ އެވެ.

ސުލްތާން އިބްރާހިމް އިސްކަންދަރަކީ ބިލިއަނަރެކެވެ. އޭނާގެ ނެޓް ވޯތަކީ 5.7 ބިލިއަން ޑޮލަރު ކަމަށް ބްލޫމްބާގުގައި ރިޕޯޓުކޮށްފައވެ އެވެ. އެމަނިކުފާނުގެ މިލްކިއްޔާތުގައި އެޑޯލްފް ހިޓްލަރު ހަދިޔާ ކުރެއްވި ކާރަކާއިއެކު 300 ލަގްޒަރީ ކާރު އޮވެ އެވެ. އޭގެއިތުރުން އަމިއްލަ ޕްރައިވެޓް އާމީއަކާއި އަމިއްލަ ޖެޓުގެ ފްލީޓެއް ސުލްތާން އިބްރާހިމްގެ އާއިލާގެ މިލްކިއްޔާތުގައި އޮވެ އެވެ.

ޗައިނާގެ ވިޔަފާރިވެރިންނާ ގާތް ގުޅުމެއް އޮންނަ ސުލްތާން އިބްރާހިމްގެ ރަސްކަމުގައި މެލޭޝިއާގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް އިގުތިސާދީ މާހިރުން ލަފާ ކުރެ އެވެ.