Advertisement

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުނު މައްސަލަ ކޯޓުން ބޭރުކޮށްލައިފި

23 ޑިސެންބަރު 2025 - 09:39 0

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު


މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދުނު މައްސަލަ ކޯޓުން ބޭރުކޮށްލައިފި

23 ޑިސެންބަރު 2025 - 09:39 0

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ތަންފީޒު ކުރަމުން ގެންދާ ޖަލު ހުކުމުގެ ބާކީ ބައި ގޭބަންދުގައި ފުރިހަމަ ކުރުމަށް އެދި ހުށަހެޅި މައްސަލަ އެ ގައުމުގެ ހައިކޯޓުން ބޭރުކޮށްލައިފި އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރު އެލިސް ލޯކް ހުކުމް އިއްވަމުން ވިދާޅުވީ، ނަޖީބު ގޭބަންދަށް ބަދަލުކުރުމަށް އެދި ހުށަހެޅި "އެޑެންޑަމް އޯޑަރ" ނުވަތަ ޝާހީ އަމުރަކީ މާފު ދިނުމާ ބެހޭ ބޯޑުގެ 61 ވަނަ ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާފައިވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ އަމުރަކީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާ ހިލާފު، ބާތިލު އެއްޗެއް ކަމަށް ކަނޑައެޅުއްވިއެވެ.

"ރަސްގެފާނަކީ ގާނޫނީ ރަސްކަލެއް. ރަސްގެފާނު ބާރުތައް ބޭނުންކުރައްވާނީ ގާނޫނު އަސާސީއާ އެއްގޮތަށް. މާފު ދިނުމުގެ ބާރަކީ ވެސް އޭގެ އިސްތިސްނާއެއް ނޫން،" ފަނޑިޔާރު ލޯކް ވިދާޅުވިއެވެ.

ފަނޑިޔާރު އިތުރަށް ވިދާޅުވީ އެ އަމުރަކީ ބާތިލު އެއްޗަކަށްވާތީ، ދައުލަތުގެ އިދާރާތަކުން އެ އަމުރު ތަންފީޒު ކުރަން ނުޖެހޭނެ ކަމަށާއި، އަދި އެކަން ތަންފީޒުކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ ހައްގު ނަޖީބަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ.

ހުކުމް އިއްވުމާއެކު ކޯޓު ރޫމްގެ މާހައުލު ހިމޭންވެ، މޮޅިވެރިކަން ވެރިވެގެން ދިޔައެވެ.

ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރާނެ ކަމަށް ނަޖީބުގެ ދިފާއީ ވަކީލު ޝަފީ އަބްދުﷲ ވިދާޅުވި އެވެ.

ނަޖީބު ޖަލަށް ލީ, 1އެމްޑީބީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމުގައިވާ އެސްއާރުސީ އިންޓަނޭޝަނަލްގެ 42 މިލިއަން ރިންގިޓަށް ހިޔާނާތްތެރިވިކަން ސާބިތުވެގެންނެވެ. ފުރަތަމަ 12 އަހަރަށް ޖަލަށް ލުމަށާއި 210 މިލިއަން ރިންގިޓުން ޖޫރިމަނާކުރުމަށް ހުކުމްކުރި ނަމަވެސް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މާފު ދިނުމާ ބެހޭ ބޯޑުން ވަނީ އެ ހުކުމް 6 އަހަރަށް، ޖޫރިމަނާ 50 މިލިއަން ރިންގިޓަށް ކުޑަކޮށްދީފަ އެވެ.

ނަޖީބު ޖަލުން މިނިވަން ވާނީ 2028 ވަނަ އަހަރުގެ އޮގަސްޓް 23 ގައެވެ. ނަމަވެސް ޖޫރިމަނާ ފައިސާ ނުދައްކަވައިފިނަމަ، އިތުރު އެއް އަހަރު ޖަލުގައި ހޭދަކުރަން ޖެހޭނެ އެވެ.

ނަޖީބު ގޭބަންދަށް ބަދަލުވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅުއްވީ މިއަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ.

-------

ފޭސްބުކް، އެކްސް، އިންސްޓަގްރާމް އަދި ޓިކްޓޮކް އިން އަދަދު ނޫސް ފޮލޯ ކުރައްވާށެވެ. އަދި ހިއްސާ ކުރަން ބޭނުންވާ މައުލޫމާތެއް ނުވަތަ ހިޔާލެއް އޮތް ނަމަ، އީމެއިލުން ނުވަތަ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ދެއްވާށެވެ.