24 ޑިސެންބަރު 2025 - 19:41 2
ރާއްޖޭގެ އައިއެސް ލީޑަރު ކަމަށް ބުނާ މުހައްމަދު އަމީން: އޭނާގެ މައްސަލަ އޮތީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި --- ފޮޓޯ: ކްރިމިނަލް ކޯޓު
24 ޑިސެންބަރު 2025 - 19:41 2
ޓެރަރިޒަމްގެ މައްސަލައެއްގައި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ އާއިލާ މެލޭޝިއާއަށް އެތެރެވުނަ ނުދީ އެއާޕޯޓުގައި ހިފަހައްޓައިފި ކަމަށް އޭނާގެ އަންހެނުން ބުނެފި އެވެ.
އަމީންގެ އަންހެނުން ބޭނުންކުރާ އެކްސް އެކައުންޓުގައި ޕޯސްޓުކޮށްފައިވާ ގޮތުގައި، މެލޭޝިއާއިން ވަނީ އޭނާގެ ތުއްތު ކުއްޖަކު ހިމެނޭ އާއިލާ ހިފަހައްޓާފަ އެވެ. އަދި، ކުޑަކުދިންނަށް އެކަށީގެންވާ ކާނާ ވެސް ނުލިބޭ ކަމަށް އޭނާ ބުނެފައިވެ އެވެ.
އެ މީހުން އެއާޕޯޓުގައި ތިބޭތާ ނުވަ ގަޑިއިރުވެފައިވާއިރު، އެ ފަހުން ކުރި ޕޯސްޓެއްގައި އޭނާ ވަނީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ އެހީތެރިކަން ލިބެމުންދާ ކަމަށް ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެެއް ހޯދަން މަސައްކަތް ކުރި ނަމަވެސް އަދި، އެ މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ. އަދި، އެ އާއިލާ މެލޭޝީއާއަށް އެތެރެވުނަ ނުދީ ހިފަހައްޓަން ޖެހުނު ސަބަބާއި ހިފަހައްޓާފައި ތިބީ ކިތައް މީހުން ކަމެއް ނޭނގެ އެވެ.
އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ނިރުބަވެރިންގެ ލިސްޓުގައި ހިމަނާފައިވާ މީހެކެވެ.
އެމެރިކާއިން ބުނާ ގޮތުގައި އަމީންއަކީ ސީރިޔާގެ އިތުރުން އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތުގެ ވަރަށް އިސް މީހެކެވެ. އޭނާގެ މައިގަނޑު މަސައްކަތަކީ އައިއެސް ޖަމާއަތަށް މީހުން ރެކްރޫޓް ކުރުން ކަމަށް އެ ގައުމުން ބުނެ އެވެ.
ދިވެހި ދައުލަތުން ވެސް ގަބޫލުކުރާ ގޮތުގައި އަމީންއަކީ، އިސްލާމިކް ސްޓޭޓު (އައިއެސް) ރާއްޖޭގެ ލީޑަރެވެ. އޭނާއަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވެސް ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށް ސާބިތުވުމުންނެވެ.
މި މައްސަލަ ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ އިސްތިއުނާފު މައްސަލަ އެ ކޯޓުގައި އޮންނަތާ ދެ އަހަރު ވެފައިވާއިރު، އަޑުއެހުމެއް ނުބާއްވާ ކަމުގެ ޝަކުވާ، މި ފަހުން ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި، އަމީންގެ އަންހެނުން ހިއްސާކުރި އެވެ.
އަމީންގެ ޖަލު ހުކުމުގައި މިހާރު ބާކީ އޮތީ 21 އަހަރެވެ. އޭނާއަށް 2023 ގައި 27 އަހަރަށް ހުކުމްކުރިއިރު، އޭނާ ބަންދުގައި ހުންނަތާ ފަސް އަހަރު ވެއްޖެ އެވެ.
Comment