Advertisement

މުނަންދޫ ކަމަނާ ވާހަކަ؛ ގަލުގަ މިހާރު ބޮލި ހުންނަނީ ދަށް ފުށުގަތޯ މަތީފުށުގަތޯ؟

30 ޖަނަވަރީ 2024 - 08:08 0

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު

ގއ. މަނަންދޫ: މި ރަށުގައި ކުރިން މީހުން އާބާދުވެ ދިރިއުޅުނު ކަމަށް ބުނެ އުޅޭ. -- ފޮޓޯ: އެއާޕޭނޯ


މުނަންދޫ ކަމަނާ ވާހަކަ؛ ގަލުގަ މިހާރު ބޮލި ހުންނަނީ ދަށް ފުށުގަތޯ މަތީފުށުގަތޯ؟

30 ޖަނަވަރީ 2024 - 08:08 0

މިއީ ހުވަދު އަތޮޅު މާމެންދޫގައި ކިޔައިއުޅޭ ވާހަކަ އެކެވެ.

މާ އެވޭލާ ޒަމާނެއްގައި، ހުވަދުއަތޮޅު މުނަންދޫ އަކީ މީހުން ދިރިއުޅޭ ރަށެއް ކަމުގައި ވިއެވެ. މިހާރު އެއީ ފަޅު ރަށެކެވެ. އާބާދީގެ ބޮޑުބައި ތަނަވަސްކަމުގައި އޮތް މިރަށުގެ 'މުނަންދޫ ކަމަނާ' އަކީ ރަށުގެ ފަގީރު އާއިލާއަކަށް ނިސްބަތްވާ ކުއްޖެކެވެ.

މި މުނަންދޫ ކަމަނާގެ އާއިލާ ދިރިއުޅުމަށް ކުރާ މަސައްކަތަކީ ބޮލި ހިލުމެވެ. ކަމަނާއަކީ ހިލާ ބޮލި ރަށުގެ ތަނަވަސް މީހުންނަށް ވިއްކައިގެން ކައިބޮއި އުޅެވޭވަރުކޮށްގެން ދިރިއުޅުން ވެއަތު ކުރަމުން ގެންދިޔަ ސާދާ ކުއްޖެކެވެ.

މިގޮތުގައި ދިރިއުޅުން ވެއަތުކުރަމުން ދަނިކޮށް އެއް ދުވަހަކު ރައްޔިތުންގެ ހާލު ބެލުމަށް ވެރިކަމުގެ ފަރާތުން ކުރި ދަތުރެއްގައި ރަދުންގެ އޮޑިކޮޅެއް މުނަންދޫއަށް ވެސް ބަނދަރުކޮށްފި އެވެ. އޭރުގެ އާދަ ހުންނަ ގޮތަކީ ރީތީގެ ވެރިޔަކީ ރަދުންނެވެ. އެހެންކަމުން ރަށްރަށުގައި ތިބޭ، ވެރިކަމުގެ ފަރާތަށް ފާހަގަކުރެވޭ ރީތި އަންހެން ކުދިން ރަދުންގެ 'ހިދުމަތަށް' ގަނޑުވަރަށް ގެންގޮސް އުޅެ އެވެ. އެއީ އެކުދިންގެ މުޅި އާއިލާއަށްވެސް ލިބޭ ފަހުރެއް ކަމުގައި ވެއެވެ.

މުނަންދޫ ކަމަނާއާ އޭނާގެ އެކުވެރިން ބޮލި ހިލަން ތިބެފައި އެކުވެރިންގެ ތެރެއިން ލާނެތް ކުއްޖަކު ބުންޏެވެ. މިފަހަރު ރަދުންގެ އޮޑިކޮޅުގައި އައި މީހުންނަށް ކަމަނާ ފެނިއްޖެނަމަ ކަމަނާވެސް ރަދުންގެ ހިދުމަތަށް ގެންދާނޭ ތޯއްޗެކެވެ. ކަމަނާ ބުންޏެވެ. ތިޔައީ ރަންދުލަކުން ބުނި ރަން ބަހެކެވެ. ތިޔަ ބަސް ސީދާ ވެއްޖެނަމަ، މުނަންދޫގެ ވަށައިގެން ފަށުވީގެ ފަރުދާއެއް ދަމާނަމެވެ.

ރަދުންގެ އޮޑީ ބޭކަލުން ރަށު ތެރޭގައި އުޅުއްވަނިކޮށް މި ކަމަނާގެ ވާހަކަ ހަބަރުވެއްޖެ އެވެ. މި މީހުން ކަމަނާގެ އާއިލާ މީހުންނާ ވާހަކަ ދައްކައި މުނަންދޫ ކަމަނާ ރަދުންގެ ހިދުމަތަށް ފޮނުވައިދޭން އެދިއްޖެ އެވެ. ކަމަނާގެ އާއިލާއާއި މުނަންދޫގެ ރައްޔިތުން އެ ކަމަނާ އޮޑިއަށްލީ ރަދުންނަށް ހިދުމަތްކުރަން މުނަންދޫގެ ރައްޔިތުންނަށް ފުރުސަތެއް ލިބުނީތީ އުފާކުރާ ހާލު އެވެ.

މުނަންދޫ ކަމަނާ ގަނޑުވަރުގެ ހާދިމުންގެ ތެރޭގައި ހިދުމަތް ކުރަމުން އެބަ ގެންދެ އެވެ. ދެން ކަންވީ އެހެންޏާވެސް ވާ ގޮތަށެވެ. ކަމަނާ ރަދުންގެ 'ރާޑަރަށް' އަރައިފި އެވެ. ދެނަކާ ދެނެކެވެ. ރަދުން މުނަންދޫ ކަމަނާއާ ވީ ތިޔަ ކަހަލަ ހިތާއެއް ނޫނެވެ. ޖެހުނު އިޝްގުގައި ކަމަނާއާ ކައިވެނިފުޅު ކުރައްވައިފި އެވެ. މިހާރު އެއީ ރަސްގެފާނުގެ އަނބި، ރަސް ބީފާނެވެ.

މިހަބަރު ލިބި މުނަންދޫގެ ރައްޔިތުންގެ ކަމަނާ އަރިހަށް ވެދުމާ ދިޔަ އެވެ. އަދި ކަމަނާގެ ހެޔޮ ނަސީބަށް ތައުރީފުކޮށް، ހެޔޮދުއާ ކުރުމާއެކު ކަމަނާގެ ނަދުރުފުޅު މަތިން ހަނދާންކޮށްދީފި އެވެ. އެއީ މުނަންދޫގެ ވަށައިގެން ފަށުވީގެ ފަރުދާއެއް ދެމުމެވެ. ކަމަނާ ސުވާލުކުރެއްވީ މުނަންދޫގެ ބޮޑުމިނާ މެދު އެވެ. ބެލި ގޮތަކަށް ބަލާފައި ބެލި މީހުން ކަމަނާއަށް އެންގީ މާލޭގެ އެތެރެކޮއިލުގެ ވަށައިގެން ދެމޭ ވަރުގެ ފަރުދާއަކުން ފުދޭ ކަމަށެވެ. ކަމަނާގެ އިޝާރާތަކަށް އެކަން އެހިނދުން އެހިނދަށް ހަމަޖެހިގެން ދިޔަ އެވެ. މިއީ ރަސްބީފާނަށް ވީތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.

އޭގެ ދުވަސްތަކެއް ފަހުން އަނެއްކާވެސް މުނަންދޫ މީހުން ކަމަނާގެ އަރިހަށް ވެދުމާ ދިޔަ އެވެ. މިފަހަރު ކަމަނާ ތަފާތެވެ. ޅަ ދުވަހުގެ މިތުރުން ފާހަގަކުރާކަށް ނޭނގުނެވެ. ނިތަށް ރޫއަރުއްވައި ސުވާލު ކުރެއްވީ ތިޔައީ ކޮން ރަށެއްގެ ބައެއްތޯއޭ އެވެ. އެމީހުން ބުންޏެވެ. މިއީ ކަމަނާއާއެކު ބޮލި ހިލަން އުޅުނު މުނަންދޫ މީހުންނެވެ. އެ އަޑު އައްސަވައި ޒާތަކަށް އިންނަވާފައި ކަމަނާ ވިދާޅުވި އެވެ. އޭ މުނަންދޫ މީހުންނޭ އެވެ. ނިކަން މަށަށް ހަބަރު ދީ ބަލާށެވެ. ތިޔަ ރަށުގައި ގަލުގައި މިހާރު ބޮލި ހުންނަނީ ގަލުގެ މަތީ ފުށުގައިތޯ ނުވަތަ ދަށްފުށުގައިތޯ އެވެ؟

މިއީ މި ވަފުދުގެ މީހުންނާއެކު، މުނަންދޫގެ ހިކި ދިޔަވަރުގައި ފަޅުމަތީގައި ބޮލި ހިލަން އުޅުނު މުނަންދޫ ކަމަނާ އެވެ. ރަސްބީފާނަށްވުމުން ބޮލި ހުންނަނީ ގަލުގެ މަތީގައިތޯ ދަށް ފުށުގައިތޯ ސާފު ނުވާ ވަރަށް ދުނިޔެ އޮޅިއްޖެ އެވެ.

'ކުއްޅަވަށްފަލު ރަނި ހެދުން' މި މިސާލު ބަހާ ދާދި އެއް ގޮތަކަށް އޮތް މި ވާހަކަ މާމެންދޫ މީހުން ބުނެ އުޅެނީ މިހަކަށް ކުއްލި މޮޅެއް ލިބި އިހު އުޅުނު ދިރިއުޅުން ހަނދާންނެތިގެން އުޅޭހެން އުޅޭން ފެށުމުންނެވެ. މިހާރު ތިޔަ މުނަންދޫ ކަމަނާ ހެދެނީއޭ ނުވަތަ އެވެނި މީހެކޭ މުނަންދޫ ކަމަނާއެކޭ އެއްވަރޭ ބުނެ އުޅެ އެވެ. މި ވާހަކައަކީ ތާރީހީ ކިހާ ބޮޑު ހަގީގަތެއްގެ މައްޗަށް އޮތް ވާހަކައެއްތޯ އެއީ ދިރާސާ ކުރެވިފައި އޮތް ކަމެއް ނޫނެވެ. ކުރެވޭނޭ ކަމަށް ފެންނަ ކަމެއްވެސް ނޫނެވެ.

މި ވާހަކައަކީ މާމެންދޫގެ މުއްސަނދި ތާރީހުގެ ތެރޭގައި ކިޔައި އުޅޭ ފޯކްލޯރެކެވެ. އަޅުގަނޑަށް މިވާހަކަ ކިޔައިދެއްވީ މާމެންދޫ ސްޓަރލިންގ، މޫސާ ނަސީރު ނުވަތަ މޫސަބެ އެވެ. އެތައް އަހަރެއް ވަންދެން ގިނިކަންޏާ، މާމެންދޫގެ ތައުލީމުގެ ހުރިހާ ކަމެއް ބެލެހެއްޓެވި، މާމެންދޫ ރައްޔިތުންގެ 'ކިޔަވާބެ' އެވެ.

ތުންތުން މަތީން ކިޔައިއުޅޭ މި ވާހަކައަކީވެސް ތާރީހީ ތަރިކައެއް ކަމަށް ދެކޭތީ ރައްކާކުރެވިފައި އޮތުމުގެ ބޭނުމަށް މިވާހަކަވެސް ލިޔެލީ އެވެ.

މައުލޫމާތު


މުނަންދޫއަކީ، ގއ. ދާންދޫއާ އެއް ފަޅެއްގައި އޮތް ވޮޑަމުލާއާ ޖެހިގެން ދެކުނަށް ވަކި ފަޅެއްގައި އޮތް ގާތްގަނޑަކަށް ހަ ހެކްޓަރުގެ ރަށެކެވެ.