27 ޖަނަވަރީ 2024 - 19:59 0
27 ޖަނަވަރީ 2024 - 19:59 0
މެލްބަން (ޖެނުއަރީ 27) - އޮސްޓްރޭލިއަން އޯޕަންގެ އަންހެން ބައިގެ ފައިނަލްގައި މިއަދު ޗައިނާގެ ޗިންވެން ޒެންގް އަތުން ފަސޭހަކަމާ އެކު މޮޅުވެ، ބެލާރޫސްގެ އަރީނާ ސަބަލެންކާ މި މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
ދުނިޔޭގެ ރޭންކިންގެ ދެ ވަނަ ކަމަށްވާ ސަބަލެންކާ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ތަށި ހޯދީ 12 ވަނަ ސީޑު ޒެންގް އަތުން 6-3 އަދި 6-2 އިން މޮޅުވެގެންނެވެ.
މިއީ 2013 ވަނަ އަހަރު ބޭލާރޫސްގެ ވިކްޓޯރިއާ އަޒަރެންކާގެ ޖެހިޖެހިގެން ދެ އަހަރު އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބުކުރި ފަހުން، އަންހެން ބައިގެ ތަށި ކުޅުންތެރިއެއް ދިފާއުކުރި ފުރަތަމަ ފަހަރެވެ.
ސަބަލެކްނާ، 25، މި އަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ތަށި ހޯދިއިރު، މުބާރާތުގައި ކުޅުނު ހަތް މެޗުގައި އޭނާ އަތުން އެންމެ ސެޓެއްވެސް ނުގެއްލެ އެވެ.
ސަބަލެންކާ ބުނީ ތަށި ދިފާއުކުރަން ނުކުމެ، މި މުބާރާތުގައި ހޭދަވި ދެ ހަފުތާއަކީ އޭނާ އަށް ވަރަށް ޕްރެޝަރު ބޮޑު ދުވަސްތަކެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ޕްރެޝަރާ ކުރިމަތި ލައިގެން، މި މުބާރާތް ކާމިޔާބުކުރެވުނީމަ ވަރަށް އުފާވެއްޖެ،" ސަބަލެންކާ ބުންޏެވެ.
މިއީ ޗައިނާގެ ޒެންގް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
ފައިނަލަށް ފަހު ސަބަލެންކާ ވަނީ ޒެންގް އަށް ހިތްވަރު ދީފަ އެވެ.
"ފައިނަލެއްގައި ބަލިވުމަކީ ވަރަށް ބޮޑު ދެރައެއް. އެކަމަކު (ޒެންގް) އަކީ ވަރަށް ޒުވާން ކުޅުންތެރިއެއް. އަހަންނަށް ޔަގީން ކުރިއަށް އޮތް ތަނުގައި އިތުރު ފައިނަލްތަކުގައި އޭނާ ކުޅެވޭނެކަން،" ސަބަލެންކާ ބުންޏެވެ.
Comment