about 2 hours 0
about 2 hours 0
ބާސެލް، ސްވިޒަލެންޑް (ޑިސެމްބަރު 31) - އެކާވީސް ވަނަ ގަރުނުގައި ފެނިގެންދިޔަ، ޓެނިހުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ސްވިޒަލެންޑްގެ ސްޓޭން ވަވްރިންކާ، މި ސީޒަން ނިންމާފައި ރިޓަޔާކުރަން ނިންމާފައިވާއިރު، ކެރިއަރުގެ ފަހު އަހަރު ގްރޭންޑް ސްލޭމެއް ހޯދަން ބޭނުންވާ ކަމަށް ބުނެފި އެވެ.
އުމުރުން 40 އަހަރުގެ ވަވްރިންކާ އަކީ، ޓެނިހުގެ ލެޖެންޑަރީ ތިން ތަރިން، ރޮޖާ ފެޑެރާ، ރަފައެލް ނަޑާލް އަދި ނޮވަކް ޖޮކޮވިޗާ އެެއް އިރެއްގައި ކެރިއަރު ކުރިއަށްގެންދަން ޖެހުނު ނަމަވެސް ތިން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ، 2014 ވަނަ އަަހަރު ނަޑާލް ބަލިކޮށް ހޯދި އޮސްޓްރޭލިއަން އޯޕަން އާއި ޖޮކޮވިޗް ބަލިކޮށް، 2015 ވަނަ އަހަރު ހޯދި ފްރެންޗް އޯޕަން އާއި 2016 ވަަނަ އަހަރު ހޯދި ޔޫއެސް އޯޕަން އެވެ. އެ ތިން ފައިނަލުގައި ވެސް ވަވްރިންކާ އަތުން ބަލިވި ކުޅުންތެރިން އޮތީ އެ ވަގުތު ދުނިޔޭގެ އެއް ވަނައިގަ އެވެ.
އެކްސް (ކުރިން ޓްވިޓާ)ގައި ކުރި ޕޯސްޓެއްގައި ވަވްރިންކާ ބުނެފައިވަނީ، ކޮންމެ ފޮތެއް ވެސް ނިމޭނެ ކަމަށާއި އެ ގޮތަށް ކެރިއަރަކީ ވެސް ނިމޭނެ ޗެޕްޓަރެއް އަންނާނެ ކަމެއް ކަމަށެވެ. އެ ގޮތުން، 2026 ވަނަ އަހަރަކީ ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިޔެއްގެ ގޮތުގައި ފަހު އަހަރު ކަމަށާއި ހާއްސަ ޓާގެޓްތަކެއް އެބަހުރި ކަމަށް ވަވްރިންކާ ވަނީ ބުނެފަ އެވެ.
އެ ގޮތުން، ސްވިޒަލެންޑް މީޑިއާ އަކަށް ވަވްރިންކާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ކެރިއަރުގެ ފަހު އަހަރު ހާއްސަ ކުރުމަށްޓަކައި އަމާޒުހުރީ ގްރޭންޑް ސްލޭމަކަށް ކަމަށެވެ.
ޕްރޮފެޝަނަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި، 2002 ވަނަ އަހަރު އެންމެ ފުރަތަމަ ވާދަކުރަން ފެށި ވަވްރިންކާ ވަނީ 2014 ވަަނަ އަހަރު މޮންޓެ ކާލޯގައި މާސްޓާސް 1000 ގެ ތަށްޓެއް ހާސިލްކޮށްފަ އެވެ. ވަވްރިންކާގެ އެންމެ ހާއްސަ އެއް ކާމިޔާބަކީ، 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގައި ފެޑެރާއާ އެކު ޕާޓްނަރެއްގެ ގޮތުގައި ކުޅެ، ޑަބަލްސް އިން ހޯދި ރަން މެޑަލް އެވެ.
Comment