Advertisement

ގާޑިއޯލާ ހިތްހަމަނުޖެހި ޔުއެފާގެ ރައީސަށް ރައްދުދީފި

26 ޖަނަވަރީ 2024 - 10:48 0

ޔުއެފާގެ ރައީސް ޗެފެރިން (ކ) އާއި ގާޑިއޯލާ


ގާޑިއޯލާ ހިތްހަމަނުޖެހި ޔުއެފާގެ ރައީސަށް ރައްދުދީފި

26 ޖަނަވަރީ 2024 - 10:48 0

މެންޗެސްޓާ (ޖެނުއަރީ 26) - މެންޗެސްޓާ ސިޓީ އަށް 2020 ވަނަ އަހަރު ޔުއެފާ އިން އަަދަބު ދިނީ ރަނގަޅަށް ކަމަށް ވިދާޅުވެ، ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ދެއްކެވި ވާހަކަ އަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރައްދުދީފި އެވެ.

ސިޓީން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބަލައި، 2020 ވަނަ އަހަރު ޔުއެފާ އިން ވަނީ ސިޓީ ދެ އަހަރަށް ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު، ސިޓީން ވަނީ އެ މައްސަލައިގައި، ކޯޓް އޮފް އާބިޓްރޭޝަން (ކާސް)ގައި އެޕީލްކޮށް، އަދަބުން ސަލާމަތްވެ، މައްސަލަ އުވާލުމުގައި ކާމިޔާބު ހޯދައިފަ އެވެ.

ދާދި ފަހުން، ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއްގައި ޗެފެރިން ވިދާޅުވީ، ސިޓީ އަށް އަދަބު ދޭން އެ ފަހަރު ޔުއެފާ އިން ނިންމީ ރަނގަޅަށް ކަމަށެވެ.

ޗެފެރިން ވިދާޅުވީ، 25 އަހަރު ވަންދެން ވަކީލެއްގެ ގޮތުގައި އޭނާ ކުރި މަސައްކަތުގެ ތަޖުރިބާއިން ގިނަ ކަންތައްތަކެއް ދަސްވެ، ތަޖުރިބާތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އެ ގޮތުން އެއް ކަމަކީ، ބައެއް ފަހަރު މައްސަލައިގައި ހަގީގަތް އެނގި ހުރެ ވެސް ބަލި ގަބޫލުކޮށް، ކޯޓުގެ ނިންމުމަށް އިހުތިރާމް ކުރަން ޖެހޭ ފަހަރު އަންނަ ކަމަށާއި ސިޓީ މައްސަލައިގައި އަދަބު ދޭން ރަނގަޅު ކަމަށް އަދިވެސް ގަބޫލުކުރާ ކަމަށެވެ.

ސިޓީން އެފްއެފްޕީއާ ހިލާފުވެފައިވާ 115 މައްސަަލައެއްގެ ތަހުގީގު ޕްރިމިއާ ލީގުން އަންނަނީ ކުރަމުންނެވެ. ޕްރިމިއާ ލީގުން ވަނީ ސިޓީއާ މެދު އަޅާނެ ފިޔަވަޅެއްގެ ކަންތައްތައް އަވަސް ކުރަމުން ކަމަށް ބުނެފަ އެވެ. ޗެފެރިން ވިދާޅުވީ އިންގްލެންޑުގައި ސިޓީއާ ދެކޮޅަށް ހިނގަނީ ކޮން ކަންތައްތަކެއްގެ ތަހުގީގު ކަމެއް ނޭނގޭ ކަމަށާއި ޔަގީނުން ވެސް ޔުއެފާ އިން އެ ފަހަރު ސިޓީ އަށް ފިޔަވަޅު އެޅީ ރަނގަޅަށް ކަމަށެވެ.

ޗެފެރިންގެ މި ވާހަކަތަކާ ގުޅިގެން ގާޑިއޯލާ ބުނީ، ވަކީލެއްގެ އިތުރުން ޔުއެފާގެ ރައީސްގެ ހައިސިއްޔަތުން ޗެފެރިން ހުންނަން ވާނީ ވަކި ވިސްނުމެއްގައި ކަމަށާއި އެދޭ ގޮތެއް ވެސް ބުނަން ޖެހޭނީ އޮންނަ އުސޫލުގެ ތެރެއިން އިހުތިރާމާ އެކު ކަމަށެވެ.

"ކޯޓުތަކުގެ ނިންމުމާއި ކުރެވޭ ތަހުގީގުތަކުގެ ނިންމުންތަކަށް އިހުތިރާމް އަދާކުރަން ޖެހާ ކޮންމެ މަގާމެއްގައި ހުއްޓަސް،" ގާޑިއޯލާ ބުންޏެވެ.

އެފްއެފްޕީ ގަވާއިދާ ހިލާފުވެގެން، މިދިޔަ ފެބްރުއަރީ މަހުން ފެށިގެން މެންޗެސްޓާ ސިޓީގެ މައްސަލަތަކެއް ޕްރިމިއާ ލީގުން އަންނަނީ ބަލަމުންނެވެ. މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ 2018 ވަނަ އަހަރު އެވެ. ސިޓީން އެފްއެފްޕީ ގަވާއިދާ ހިލާފަށް 100 އަށް ވުރެ ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ، 2009-2018ގެ ދެމެދުގަ އެވެ. މި މައްސަލައިގައި އަދިވެސް ސިޓީ އަށް ފިޔަވަޅެއް ނާޅާތީ އިނގިރޭސި މީޑިއާ އިން އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.